ދިވެހިރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު އިއްޔެ، ސިންގަޕޫރުގައި އަވަހާރަ ވެއްޖެއެވެ. އެ ކިލެގެފާނުގެ ހަށިކޮޅު މިހާރު ވަނީ ރަސްމީ އިއްޒަތުގައި މާލެގެނެވި ރިޔާސީ ގަނޑުވަރުގައި ބޭއްވިފައެވެ. އަދި އެ ކިލެގެފާނުގެ މޫނުފުޅު ދުށުމަށް އެތައް ބަޔަކު ތީމުގެއަށް ޒިޔާރަތް ކުރަމުން އެބަ ދެއެވެ. ފަސްދާނު ލުން ހަމަޖެހިފައިވަނީ މިރޭގެ ފަތިސްނަމާދުގެ ފަހުގައެވެ.
އިބްރާހިމް ނާސިރަކީ ދިވެހި ގައުމަށް އެތައް ރޮނގަކުން ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ހިދުމަތްތެރިއެވެ. ރަސްކަމަކުން ޖުމުހޫރިއްޔަތަކަށް ދެވަނަ ފަހަރަށް ދިވެހި ވެރިކަން ބަދަލުކުރެއްވުމާއި، ދިވެހިރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވުމާއި، ބައިނަލްއަގްވާމީ މަސްރަހަށް ދިވެހިން ނެރެދިނުމުގެ މޭސްތިރިއަކީ އެ ކިލެގެފާނެވެ. ދިވެހިންގެ ވިޔަފާރި ދިވެހިންނަށް ރައްދުކޮށްދިނީ ވެސް އެކިލެގެފާނެވެ. މީގެ އިތުރުން ޒަމާނީ ސިއްހީ ފަރުވާ އާއި އިނގިރޭސި ތައުލީމާއި ހަރުދަނާ އިގްތިސާދެއްގެ ބިންގާ އެ ކިލެގެފާނުގެ ރައީސްކަމުގެ ދައުރުގައި ވަނީ ފުރިހަމަ ކުރައްވާފައެވެ. ޒަމާންވީ ދިވެހި މަސްވެރިކަމުގެ ސިނާއަތު ފުޅާކުރުމުގެ މަގު ތަނަވަސްކޮށްދެއްވުމުގެ ގޮތުން ދޯނިފަހަރުގައި އިންޖީނު އެޅުން ތައާރަފް ކުރައްވައި، މުޅިން އަލަށް ފަތުރުވެރިކަމުގެ ބާޒާރު ހުޅުވައިދެއްވީވެސް ހަމަ އިބްރާހިމް ނާސިރެވެ. އަދި އޭރު ސަރަހައްދުގެ އެންމެ ވަރުގަދަ ޝިޕިން ލައިންގެ ޝަރަފް އޮތީ ދިވެހިންގެ އަތްމަތީގައެވެ.
އިބްރާހިމް ނާސިރަކީ ދައުލަތުގެ މަތީ މަގާމްތަކެއް ފުރުވައްވާފައިވާ ބޭފުޅެކެވެ. އެގޮތުން މުޙައްމަދު ފަރީދު ދީދީގެ ވެރިކަމުގައި 1957 އިން 1968 އަށް ބޮޑުވަޒީރުކަން ކުރައްވާފައި ވެއެވެ. އަދި ފަރީދުގެ ވެރިކަން ނިމުމުން ދެން އުފެދުނު ޖުމުހޫރިއްޔާގެ ރައީސްކަން 11 ނޮވެމްބަރ 1968 އިން ފެށިގެން 10 އަހަރުދުވަސް ވަންދެން ކުރައްވާފައި ވެއެވެ. ވެރިކަމުން ދުރުވެވަޑައިގަތުމަށް ފަހު 1978 ވަނަ އަހަރުގެ ޑިސެމްބަރ 7 ވަނަ ދުވަހު ސިންގަޕޫރަށް އަމިއްލަފުޅަށް އަރުވާލެއްވިގެން އެތާގައި ހުންނެވީއެވެ. އަވަހާރަވީ އުމުރުފުޅުން 82 އަހަރުފުޅުގައި ސިއްހީހާލުކޮޅު ހުރި ގޮތުން ސިންގަޕޫރުގެ މައުންޓް އެލިޒަބަތް ހޮސްޕިޓަލުގައި ފަރުވާދެވެމުންދަނިކޮށެވެ.
އެ މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަދެއްވާ މަރުހޫމުގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ﷲގެ ހަޟްރަތުގައި ދުއާ ދަންނަވަމެވެ.
Shaviyani Atoll
11/23/2008
ދެވަނަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސް އަވަހާރަވެއްޖެ
11/17/2008
އަތޮޅުވެރިން
އަތޮޅުގެ ކަންކަން ހިނގުމުގައި އެންމެ އިސް ފަރާތަކީ އަތޮޅުވެރިންނެވެ. އަތޮޅުވެރިންނަކީ ރައީސުލް ޖުމުހޫރިއްޔާ އައްޔަންކުރާ ފަރާތެކެވެ. އެހެންކަމުން އެއީ ސިޔާސީ މަގާމެކެވެ.
ވެރިކަންކުރާ ޕާޓީ ބަދަލުވުމާ ގުޅިގެން ކުރީގެ ރައީސް އައްޔަންކޮށްފައިވާ ހުރިހައި އަތޮޅުވެރިންގެ ވަޒީފާ ގެއްލޭނެއެވެ. ދެން އަލުން އައްޔަން ކުރެވޭނީ މިހާރު ވެރިކަން ކުރާ 'ޕާޓީތަކުގެ' އަތޮޅުވެރިންނެވެ. ނަމަވެސް މިފަހަރު އަތޮތޮޅުވެރިން އައްޔަންކުރަނީ ހަމައެކަނި އިންތިގާލީ މަރުހަލާ ހަމަވާންދެނެވެ. އިންތިގާލީ މަރުހަލާ ދެމި އޮންނާނީ ރަށު ކައުންސިލާއި އަތޮޅު ކައުންސިލް އިންތިހާބު ކުރެވެން ދެނެވެ. އެއީ ގާތްގަނޑަކަށް 6 މަސްދުވަހަށެވެ. އޭގެ ފަހުން އަތޮޅުވެރިޔަކު ހޮވާނީ، ރައްޔިތުންގެ ވޯޓަކުންނެވެ.
އިވޭ އަޑުތަކަށް ބަލާއިރު، އިންތިގާލީ މަރުހަލާގައި އަތޮޅުވެރިން ކަނޑައަޅަނީ، ވެރިކަންކުރާ އެމްޑީޕީ އާއި ޖުމުހޫރީ ޕާޓީގެ ފަރާތުންނެވެ. މީހުން އައްޔަންކުރުމުގެ މަސައްކަތް މިހާރު ހިނގަމުން ދާކަމުގެ ހަބަރުތައް ކޮންމެވެސް ވަރަކަށް އިވެމުންވެސް އެބަދެއެވެ.
އަތޮޅުވެރިންނާމެދު ދެކެވޭ ވާހަކަތަކުގެ ތެރެއިން އަހަރެން އެންމެ އަޅައިގަތް ވާހަކައަކީ، ވެރިކަން ބަދަލުވުމުގެ ސަބަބުން މަގާމް ގެއްލުނު ބައެއް އަތޮޅުވެރިން އަލުން މަގާމު ހޯދުމަށް ޕާޓީ ބަދަލުކުރާ ވަހަކައެވެ. ޚަބަރު ލިބޭ ގޮތުގައި އޭގެ ތެރެއިން ބައެއް އަތޮޅުވެރިން މިހާރު ދަނީ ޖުމުހޫރީ ޕާޓީއާ ގުޅެމުންނެވެ.
ނަމަވެސް ހަމަ ކުއްލިއަކާ ޕާޓީއަށް ވަންނަ މީހަކަށް އަތޮޅުވެރިކަން ފަދަ ޒިންމާދާރު މަގާމެއް ހަދިޔާކޮށްފާނެބާއެވެ. އަދި އަމުދުން އިއްޔެ ޑީއާރުޕީގެ ކުރީ ސަފުގައި ތިބެ، އިސްލާހީ މަސައްކަތަށް ހުރަސްއެޅި ބަޔަކު އަލުން ގެނެސް މަތިފަޑީގައި ބައިތިއްބަފާނެބާއެއްވެ؟ އެހެން ވެއްޖެނަމަ އިސްލާހަށް މަސައްކަތް ކުރި އެކްޓިވިސްޓުން، ގުރާސްރޫޓުން ދެން ދެކޭނީ، އަދި އަމަލުކުރާނީ ކިހިނެއް ބާއެވެ. އެމީހުން މިކަމާ ބުނާނީ ކީކޭ ބާއެވެ؟
Labels: ޚިޔާލު
11/11/2008
ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދަށް މަރުޙަބާ!
މިއަދަކީ ދިވެހިރާއްޖޭގެ ޖުމުހޫރީ ދުވަހެވެ. ދުވަހުގެ ތަހުނިޔާ މި ބްލޮގްގެ ކިޔުންތެރިންނަށް އަރިސްކުރަމެވެ.
ދިވެހިރާއްޖޭގެ ޖުމުހޫރީ ހަޔާތުގައި މިއަދު މި ފެށުނީ އައު ސޮފްހާއެކެވެ. ވިރާސީ ރަސްކަމަކުން ޖުމުހޫރީ ވެރިކަމަކަށް މިގައުމު ފުރަތަމަ ފުރޮޅާލީ މުޙައްމަދު އަމީނު ދީދީ އެވެ. އެހެނަސް، ރައްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާ މާ ގިނަ ދުވަކު ދެމި އޮންނަ ގޮތެއް ނުވިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ޖުމުހޫރިއްޔާ އުވި އަލުން ރަސްކަމަކަށް ބަދަލުވިއެވެ. އެކަމަކު އަނެއްކާ އަލުން އާ ޖުމުހޫރިއްޔާއެއް، މާ ގިނަ ދުވަސްތަކެއް ނުވެ، ދިވެހިންނަށް ލިބިއްޖެއެވެ. މިފަހަރުގެ ރައީސަކީ ވެލާނާގޭ އިބްރާހިމް ނާސިރެވެ. ނާސިރުގެ ވެރިކަން 10 އަހަރު ދެމި އޮތުމަށް ފަހު ދެން ވެރިން ލިބުނީ މައުމޫން އަބްދުލް ގައްޔޫމަށެވެ.
މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ދިގުލަމުންގޮސް އިއްޔެއާ ހަމައަށް ބަރާބަރު 30 އަހަރު ފުރުނީއެވެ. އެހެންކަމުން މިސަރަހައްދުގެ ގައުމުތަކުގެ ރައީސުން ކުރެ އެންމެ ދިގު ވެރިކަމުގެ ތާރީޚު އޮތީ މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުގައެވެ. ނަމަވެސް މިއަދު މިވަނީ އެ ތާރީޚީ ސަފްހާ ބަދަލުވެ އާ ވެރިކަމެއްގެ ބިންގާ އެޅިފައެވެ. ވީމާ މިއަދަކީ ދިވެހި ޖުމުހޫރިއްޔާގެ ތާރީޚުގެ ދިގު ސޮފްހާ އެއްލި އާ ސޮފްހާފެށޭ ތާރީޚީ ދުވަހެވެ.
މިއަދު ވެރިކަމުގެ ހުވާ ކުރެއްވި މުޙައްމަދު ނަޝީދަކީ، ދިވެހި ތާރީޚު މަދުން ނޫނީ ނުދެކޭފަދަ ހިތްވަރު ގަދަ، ސާބިތު، ކެތްތެރި، ސިޔާސީ ލީޑަރެކެވެ. އޭނާ ފުރަތަމަ، ރައްޔިތުންނަށް ފެނުނީ ސަރުކާރަށް ފާޑުކިޔާ ނޫސް ވެރިޔެއްގެ ގޮތުންނެވެ. އެއީ 1988 ވަނަ އަހަރުގެ އުދުވާނީ ހަމަލާއަށް ފަހު ނޫސްވެރިން "ތޮށިގަނޑު ފަޅާލާފައި" ނުކުތް ފުރުސަތުގައެވެ. އެފަހަރު "ސަންގު" ނޫހުގެ ލިޔުންތެރިއެއްގެ ގޮތުގައި ފެށި ދަތުރު ނިމުނީ ޖަލުގެ ތޭރިތަކުގެ ބިއްދޮށަށެވެ. ނަމަވެސް، އޭގެ ފަހުންވެސް، ޖަލުން ސަލާމަތްވުމާ އެކު، އޭނާގެ އަޒުމަށް އެއްވެސް ބަދަލެއް ނުގެނެސް މަސައްކަތުގައި ކުރިޔަށް ދިޔައެވެ. ދޭތެރެ ދޭތެރެއިން ހައްޔަރު ކުރެވޭވެސް މެއެވެ.
އޭގެ ފަހުން 1999 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މާލޭ ދާއިރާގެ މެމްބަރުކަމަށް އިންތިހާބު ކުރެވުނެވެ. ނަމަވެސް މިފަހަރުވެސް މާ ގިނަ ދުވަހެއް ނުވެ، ވެލާނާގެއިން ވައްކަން ކުރިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށް އަރުވާލެވުނެވެ. އޭގެ ފަހުން ދެން މަސައްކަތް ކުރެއްވީ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށެވެ. އެފަހަރުވެސް ކާމިޔާބުނުވުމުން އެންމެފަހުން ރާއްޖެ ދޫކުރައްވައި ސްރީލަންކާއަށް ދުރުވެ، އެތާގައި ޕާޓީ ރަޖިސްޓްރީ ކުރައްވައި، އޭގެ ފަހުންވެސް ސަރުކާރުގެ އުނދަގޫތަކާ އިންޒާރުތަކުގެ ސަބަބުން އެންމެ ފަހުން އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދެވިއެވެ. އޭގެ ދޮޅު އަހަރެއްހާ ދުވަސް ފަހުން ރާއްޖެއަށް ނަޝީދު ވަޑައިގަތީ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ސަރުކާރުން ދެއްވުމުން، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ރަޖިސްޓްރީކުރެއްވުމުގެ މަސައްކަތައިގެންނެވެ. އެ ޕާޓީ ރެޖިސްޓްރީވުމުން ޕާޓީގެ ޗެއާޕާސަން އެއްގެގޮތުން ސިޔާސީ ހަރަކާތްތަކުގެ އެންމެ ކުރި ސަފުގައި، ސަރުކާރަށް ފާޑުކިޔުއްވުމުގައި ދުވަސްތަކެއް ވުމަށް ފަހު، ޕާޓީގެ ޕްރައިމަރީ ކާމިޔާބުކުރައްވައި އެންމެ ފަހުން 54 އިންސަތައިގެ ތަފާތަކުން ރިޔާސީ އިންތިހާބުގައި މައުމޫން އަބްދުލް ގައްޔޫމުގެ މައްޗަށް ކުރި ހޯއްދަވައި، ގައުމުގެ 4 ވަނަ ރައީސް ކަމުގެ ޝަރަފް ކާމިޔާބު ކުރެއްވީއެވެ. ވީމާ މިފުރުސަތުގައި ރައީސުލް ޖުމުހޫރިއްޔާ އަލްފާޟިލް މުހައްމަދު ނަޝީދަށާއި ނައިބުރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކަށް މަރުޙަބާ ދަންނަވަމެވެ.
Labels: ރިޔާސީ އިންތިހާބު
10/29/2008
2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާ
މުޅި ރާއްޖޭގެ ޖުމުލަ
ށ. އަތޮޅުގެ ނަތީޖާ
(ފޮޓޯ ބޮޑުކޮށް ބެލުމަށް ފޮޓޯއަށް ކްލިކް ކޮށްލާ)
ނަތީޖާ ނެގީ:
http://elections.cipher-inc.com/temp_result.php?p=result_by_islands&atoll_id=3
Labels: ރިޔާސީ އިންތިހާބު
10/22/2008
ބަދަލަކަށް ވޯޓުދޭން އަހަރެން ޖެހިލުމެއް ނުވެއެވެ.
ދިވެހިން މިވަނީ ބަދަލުގެ ހަތަރު އަނގޮޅިއެއްގައެވެ. ވޭތުވެ ދިޔަ 4 ވަރަކަށް އަހަރުގެ ތެރޭގައި އިސްލާހަށް މަސައްކަތް ކުރި ފަރާތްތަކުން މިގައުމުގެ ރައްޔިތުންނަށް ހޯދައިދީފައި މިވަނީ ވަރަށް މުހިއްމު ފުރުސަތެކެވެ. ބަދަލަކަށް އެދޭ ރައްޔިތުންނަށް ބޭނުންތެރި ފުރުސަތެކެވެ. އެއީ، ކުރިޔަށް އޮތް 5 އަހަރު މިގައުމުގައި ވެރިކަން ކުރާނީ އާ ވެރިޔަކުތޯ ނޫނީ 30 އަހަރުގެ ދިގު ވެރިކަން ކުރި ރައީސް މައުމޫނުތޯ ކަނޑައަޅާ ނިންމުމަށް ލިބިފައި އޮތް ފުރުސަތެވެ. ޝައްކެއް ނެތް ގޮތުގައި މިހާލަތަށް ގައުމު ގެނެސްދީފައި މިވަނީ އެތައް ބައެއްގެ ހިތްވަރާއި ކެރުމާއި މިންނެތް މަސައްކަތުންނެވެ.
ގައުމު ބަދަލަކަށް ފުރޮޅިގެން ދާ މި ދަނޑިވަޅުގައި، ދެން އަންނާނީ ކޮންކަހަލަ ބަދަލެއްކަން ލަފާކުރަން ނޭނގޭތީ، ނުވަތަ މިހާރަށް ވުރެ ހާލަތު ގޯހަށް ހިނގައިދާނެތީ، ނޫނީ ތިމާ ނޭދޭ ބަދަލެއް އަތުވެދާނެތީ، މިބަދަލުކުރަން ފަސްޖެހޭ ބަޔަކު ތިބެ ދާނެއެވެ. އަދި ޖެހިލުން ވެދާނެއެވެ. ނަމަވެސް މިއީ ހައްތާވެސް ހިތު ލަފައެވެ. ހީވާ ހީވުމެވެ. ކޮންމެ ހީއަކީ ހަގީގަތެއް ނޫން އެހެން ނޫންތޯއެވެ.
ގައުމު މިވަނީ ހެޔޮ ބަދަލަކަށް ބޭނުންވެފައެވެ. އެކަމަށްޓަކައި އިސްލަހު ގެންނަންވީ ވަރަށް ގިނަ ދާއިރާތައް އެބަހުއްޓެވެ. ސަރުކާރު ހިންގުމުގައި ކޮރަޕްޝަނަށް ހުޅުވިފައިވާ މަގު ބަންދުވާން އެބަ ޖެހެއެވެ. އާއިލާ އާއި ރައްޓެހި ރަހުމަތްރިންނަށް ބާރާއި ނުފޫޒު ދިނުން ހުއްޓުވަން އެބަ ޖެހެއެވެ. ހިންގުމުގެ އިސްރާފު ދަށްކުރަން އެބަ ޖެހެއެވެ. ރައްޔިތުންގެ ތަނަވަސްކަމުގެ ފަރަގު ކުޑަކުރަން ޖެހެއެވެ. އަސާސީ ހިދުމަތްތައް އެންމެނަށްމެ ހަމަހަމަ އުސޫލަކުން ލިބިދޭން ޖެހެއެވެ. އަދިވެސް އެތައް ކަމެކެވެ.
މިހުރިހައި ކަމެއް ހެވުން ނުބަޔަށް ގޮސްފައި މިވަނީ ރައީސް މައުމޫނުގެ ދިގު ވެރިކަމުގައެވެ. އަދި އިސްލާހަށް އެދި ގޮވާ ރައްޔިތުންގެ އެދުމަށް އިޖާބަ ނުދީ ކަންކަން، ބާރާއި ނުފޫޒުން ކުރަމުން ދިއުމުގެ ސަގާފަތް މިއަދުވެސް މިދަނީ ފެންނަމުންނެވެ. އިލްމީ ޓުއަރިޒްމް މިނިސްޓަރުގެ ބަދަލުގައި އާއިލީ ޓްއަރިޒަމް މިނިސްޓަރެއް އައްޔަންކުރީ ވެސް ދާދި ފަހުން ނޫންހެއްޔެވެ. އަދި ދާދި ފަހުން އޮޑިޓަރ ޖެނެރަލް ރައީސް އޮފީސް އޮޑިޓް ކުރެއްވުމާ ގުޅިގެން މިހާރު ރައީސް މައުމޫނުގެ ޕާޓީން މަސައްކަތް ކުރަމުން އެދަނީ އޮޑިޓަރ ޖެޖެނެރަލް ވަޒީފާއިން ވަކިކުރުމަށެވެ. މިކަމުންވެސް މިސަރުކާރު ހަމަޔާ އިންސާފުން ބޭރުވެ ބާރާއި ނުފޫޒު ބޭނުންކުރާ މިންވަރު ވަރަށް ސާފުކޮށް ދައްކައިދެއެވެ. އެހެންވީމާ މިސަރުކާރުގެ އިހްލާސްތެރިކަން އެބަ އޮތް ހެއްޔެވެ؟ ރައްޔިތުންނަށް ހެވާ ލާބައަށް މަސައްކަތް އެބަ ކުރޭ ހެއްޔެވެ.؟
މިފަދަ ކަންކަން މިހެން ހުރުމާ އެކު އަހަރެންނަށް ގަބޫލުކުރެވެނީ، ރައްޔިތުންނަށް ދިމަވެފައިވާ ދަތިތައް ހައްލުކުރެވޭނީ، ރައްޔިތުން އެދޭ ބަދަލު ގެނެވޭނީ، ރައްޔިތުންނަށް އިހްލާސްތެރި ވާނީ، އަދި ރައްޔިތުންގެ ވެރިކަމެއް މިތާގައި ކުރެވޭނީ ވެރިކަން ބަދަލުކޮށްލައިގެންނެވެ. މިކަންކަން ކުރެވޭނީ އާ ވެރިޔަކަށެވެ. އެހެންވީމާ، ބަދަލަކަށް ވޯޓުދޭން އަހަރެން ޖެހިލުމެއް ނުވެއެވެ.
Labels: ޚިޔާލު