
ލިޔުން: މިނިވަން ޑެއިލީ
ދިވެހިރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ބާއްވާ ޢާއްމު ވޯޓުނެގުން ވަރަށް އަވަހަށް އޮންނާނެއެވެ. އަދި އެ ޢާއްމު ވޯޓުގައި ދިވެހިރައްޔިތުންގެ ތެރެއިން 18 އަހަރުން މަތީގެ އެއްމެންނަށް ބައިވެރިވެވޭ ގޮތަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުން މިހާރުވަނީ ފާސްކޮށްފައެވެ.
ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގައި ދިވެހިރާއްޖޭގައި އުފެދިފައިވާ ތަފާތު ސިޔާސީ ޕާޓީތަކުގެ މެދުގައި ވަނީ ޚިޔާލު ތަފާތު ވުންތަކެއް އުފެދިފައެވެ. އެމްޑީޕީގެ ފަރާތުން ބަރުލަމާނީ ނިޒާމަށް ތާއީދުކުރާކަން އެ ޕާޓީގެ ފަރާތުން ހާމަކޮށްފައިވާ އިރު ޑީއާރުޕީއާއި އަދާލަތުގެ ފަރާތުން ހާމަކޮށްފައިވަނީ އެ ދެ ޕާޓީއިން ތާއީދުކުރަނީ ރިޔާސީ ނިޒާމަކަށް ކަމަށެވެ. ކޮއްމެއަކަސް ތަފާތު ޚިޔާލުތަކުގެ ތެރޭގައި މިޚިޔާލު ހޯދުމުގެ ވޯޓު ކުރިޔަށް ދާއިރު ދިވެހިރައްޔިތުން ނިންމާ ނިއްމުން ވެގެން ދާނީ މިކަމުގައި އެއްމެފަހުގެ ނިއްމުމަށެވެ. އެހެންކަމުން ތިރީގައި މި ލިއެލަނީ ވެރިކަން ކުރުމުގައި ދުނިޔޭގައި ޢާއްމުކޮށް ޢަމަލުކުރަމުންދާ ދެނިޒާމުކަމަށްވާ ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމާއި ބެހޭ މަޢުލޫމާތު ކޮޅެކެވެ.
ތަޢާރަފު
ކޮއްމެ ޤައުމަކީވެސް އެޤައުމެއްގެ ރައްޔިތުންގެ އަމިއްލަ މިލްކެކެވެ. އެ ޤައުމެއްގެ ޙަޤީޤީ ވެރިންނަކީ އެ ޤައުމުގެ ރައްޔިތުންނެވެ. އެ ޤައުމެއްގެ ފަސްގަނޑާއި، ޤައުމުގައި ވާހާއި ތަކެއްޗަކާއި، މުއްސަނދިކަމަކީ އެ ޤައުމުގެ އަހުލުވެރިންގެ ތަރިކައެވެ. ގިނަ ޢަދަދެއްގެ އިންސާނުން އެއްތަނެއްގައި ނުވަތަ އެއް ޤައުމެއްގައި އުޅުމަކީ ތަފާތު ޚިޔާލުތަކާއި ތަފާތު ވިސްނުންތައް އާވެ އާލާވުމަށް ލިބޭ ފުރުޞަތެކެވެ. ނަތީޖާއަކަށް ވެގެން ދަނީ ތަފާތު ޚިޔާލުތަކަށް މުޖުތަމަޢުގައި ފުރުޞަތު ދޭން ޖެހުމެވެ. މުޖުތަމަޢުގައި އެކީ މީހުން އެކި ކަންތަކާއި ރެޔާއި ދުވާލު އުޅެމުން ދާއިރު ޤައުމުގެ ކަންތައް ހަމަޖެހޭ އުޞޫލަކުން (ރައްޔިތުން ކަނޑައަޅާ އުޞޫލަކުން) ހިންގުމަކީ މުހިއްމުކަމެކެވެ. ނަމަވެސް ހުރިހާ ރައްޔިތުން މިކަމާއި އުޅުމަކީ ވާނެ ކަމެއް ނޫންކަމަށް ޤަބޫލުކުރަންޖެހެއެވެ. އެހެންކަމުން އިންސާނުން ނިންމީ އެބައިމީހުންގެ ވެރިކަން ކޮއްމެވެސް އެކަކާއި ނުވަތަ ޖަމާޢަތަކާއި ޙަވާލުކުރުމަށެވެ. އަދި އެގޮތުން ވެރިކަން ޙަވާލުކުރެވޭ މީހުން ކަންތައް ކުރާނެ އުޞޫލުތަކެއް (ޤާނޫނުތަކެއް) ކަނޑައެޅުމަށެވެ. އަދި އެ އުޞޫލުތައް ތަންފީޒުކުރުމަށް ވެސް ބަޔަކާއި ޙަވާލުކުރުމަށެވެ. މިއީ މިޒާމާނުގެ މިބުނާ ޑިމޮކްރެސީ ބައްޓަންވެފައިވާ ތިން ބިންގަލެވެ. އެހެންގޮތަކަށް ބުނާނަމަ ވެރިކަން ބަޔަކާއި ޙަވާލުކޮށް، ޤާނޫނު ހަދަން ބަޔަކާއި ޙަވާލުކޮށް، އެ ޤާނޫނުތަކާއި އެއްގޮތަށް ޢަދުލު އިންސާފު ޤާއިމުކުރަން ފާރަވެރިއެއްގެ ގޮތުން ކޯޓުތައް ހަދަން ނިންމާ މިތިން ފަރާތާއި ވެރިކަން ކަނޑައެޅޭ އުޞޫލުތަކެއްގެ މަތިން ޙަވާލުކުރިޔަސް ޤައުމުގެ ޙަޤީޤީ ވެރިންނަކީ ރައްޔިތުންނެވެ. ކޮންމެ ނިޒާމަކަށް ވެރިކަން ކުރިޔަސް މި ބާރު ރައްޔިތުން އަތުން ގެއްލިގެން ނުވާނެއެވެ.
ތިރީގައި މިބަލާލަނީ ވެރިކަން ހިންގުމުގެ އެއްމެ މައިގަނޑު ދެނިޒާމު މަސައްކަތްކުރާ ގޮތަށެވެ. މިގޮތުން ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމުގައި ވެރިކަން ހިންގުމުގެ ބާރުތައް ބައިކުރެވިފައި އޮންނަގޮތާއި، ވެރިކަމުގައި ތިބޭ ފަރާތްތައް ވެރިކަމުން ދުރުކުރެވޭގޮތާއި، ޤާނޫނު ހެދުމުގެ ބާރު އުފެދިފައި އޮންނަގޮތަށް ބާލާލެވޭނެއެވެ.
ވެރިކަން ހިންގުމުގެ ބާރުތައް ވަކިވެފައި އޮތުން
ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ އެއްމެ މުހިންމު އެއް ތަފާތު ތަކުގެ ތެރޭގައި ވެރިކަން ހިންގުމުގެ ބާރުތައް ވަކިވެފައި އޮންނަގޮތް ހިމެނެއެވެ. އެއްބާރުގެ ނުފޫޒު އަނެއްބާރަށް ފޯރާ މިންވަރު މި ދެނިޒާމުގައި ވަރަށް ބޮޑަށް ތަފާތެވެ. މީގެ ތެރޭގައި ވެރިކަން ހިންގުމުގެ ބާރުން (ސަރުކާރުން) ޤާނޫނު ހެދުމުގެ ބާރަށް (ޤާނޫނު ހަދާ މަޖިލިސްއަށް) ނުފޫޒު ފޯރުވާ މިންވަރާއި، ޤާނޫނު ހެދުމުގެ ބާރުން ވެރިކަން ހިންގުމުގެ ބާރަށް ނުފޫޒު ފޯރުވާ މިންވަރާއި، ޤާނޫނުތައް ހެދުމަށް ޤާނޫނު ހަދާ މަޖިލިސްއަށް ހުޅުވިފައިވާ ފުރުޞަތުތަކުގެ ތަފާތުތައް ހިމެނެއެވެ. ވަކިން ޚާއްސަކޮށް ޤާނޫނު ހެދުމުގެ ބާރު ކަމަށްވާ ޤާނޫނު ހަދާމަޖިލިސް އަށް ޤާނޫނުތައް ހުށަހެޅޭ ގޮތާއި ޤާނޫނުތައް ފާސްކުރެވޭ ގޮތް މި ދެނިޒާމުގައި ވަރަށް ބޮޑަށް ތަފާތެވެ.
ރިޔާސީ ނިޒާމެއްގައި ވެރިކަން ހިންގުމާއި، ޤާނޫނު ހެދުމާއި، ޢަދުލު އިންސާފު ޤާއިމުކުރުން އޮންނަނީ ވަކި ތިންބާރެއްގެ ގޮތުގައެވެ. މި ގޮތުން ވެރިކަން ހިންގުމުގެ ބާރު ކޮންޓްރޯލް ކުރަނީ އޭރަކު ހުންނަ ރައީސާއި އޭނާގެ ކެބިނެޓުންނެވެ. އެއީ ސަރުކާރެވެ. އަދި ޤާނޫނު ހެދުމުގެ ބާރު އޮންނަނީ ޤާނޫނު ހަދާ މަޖިލިސް އަށެވެ. މި ހުރިހާ މަޤާމުތަކަކީވެސް ވަކިވަކިން ކަނޑައެޅޭ މުއްދަތަކަށް އިންތިޚާބުކުރެވޭ މަޤާމުތަކެކެވެ. ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރަކީ ކޯޓުތަކަށް ލިބިގެންވާ ބާރެވެ.
ބަރުލަމާނީ ނިޒާމެއްގައި ވެސް ޢަދުލު އިންސާފު ޤާއިމުކުރާނީ ކޯޓުތަކުންނެވެ. ޤާނޫނުތައް ހަދާނީ ރައްޔިތުންގެ މަޖިލިސް އިންނެވެ. އަދި ޤައުމު ހިންގުމުގެ ބާރު އޮންނަނީ ބޮޑުވަޒީރެއްގެ އަތްމަތީގައެވެ. ބޮޑުވަޒީރާއި ކެބިނެޓުގެ މަޤާމުތަކަކީ ޤާނޫނު ހަދާ މަޖިލިސްތެރެއިން އިންތިޚާބު ކުރެވޭ މަޤާމުތަކެކެވެ.
މި ދެނިޒާމުގައިވެސް ޢަދުލު އިންސާފު ޤާއިމުކުރުމެގެ ބާރަކީ މިނިވަން މުސްތަޤިއްލު ބާރެކެވެ.
ރިޔާސީ ނިޒާމު
ރިޔާސީ ނިޒާމެއްގައި ވެރިކަން ހިންގުމުގެ ބާރުގެ (ސަރުކާރުގެ) އެއްމެ އިސް މީހަކީ ރައީސެވެ. އަދި ދައުލަތުގެ އެއްމެ އިސްވެރިއަކީވެސް ރައީސެވެ. ރައީސްގެ މަޤާމަށް މީހަކު ހޮވަނީ ރައްޔިތުންގެ ޢާއްމު ސިއްރު ވޯޓަކުންނެވެ. ކެބިނެޓަށް މެމްބަރުން ލުމާއި ވަކިކުރުމުގެ ބާރު އޮންނަނީ ރައީސްގެ އަތްމަތީގައެވެ. މި ނިޒާމުގައި ޢާއްމުގޮތެއްގައި ރައްޔިތުންގެ މަޖިލިސް މެމްބަރަކު ކެބިނެޓްގައި ނުހިމެނޭނެއެވެ. ކެބިނެޓަށް މެމްބަރުން ޢައްޔަންކުރުމުގައި ބައެއް ޤައުމުތަކުގައި ރައްޔިތުންގެ މަޖިލިސްގެ ރުހުން ހޯދައެވެ. ކެބިނެޓުގައި ހިމެނޭ މެމްބަރުންނަކީ ޤާނޫނު ހަދާ މަޖިލިސްގައި ނުހިމެނޭ ބަޔަކަށް ވާތީ މި ނިޒާމުގައި ތިންބާރު އޮންނާނީ މުޅިން ވަކިވެފައެވެ.
ބަރުލަމާނީ ނިޒާމު
ބަރުލަމާނީ ނިޒާމުގައި ވެސް ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރަކީ ވަކި ބާރެކެވެ. އެހެންނަމަވެސް ޤާނޫނޫ ހެދުމުގެ ބާރު (ބަރުލަމާނު)އާއި ޤާނޫނު ތަންފީޒުކުރުމުގެ ބާރަކީ މުޅިން ވަކިވެފައިވާ ދެ ބާރެއް ނޫނެވެ. މި ނިޒާމުގައި ބޮޑުވަޒީރާއި އޭނާގެ ކެބިނެޓަކީ ޤާނޫނު ހަދާ މަޖިލިސްގެ މެމްބަރުންގެ ތެރެއިން ހޮވޭ ބައެކެވެ. ޤާނޫނު ހަދާމަޖިލިސްގެ އަޣްލަބިއްޔަތު ލިބޭ ޕާޓީގެ ލީޑަރަކީ ބޮޑުވަޒީރެވެ. މިނިޒާމުގައި ޤައުމު ހިންގުމުގެ ބާރު ލިބެނީ ޤާނޫނު ހަދާމަޖިލިސްގެ އަޣްލަބިއްޔަތު ލިބޭ ޕާޓީ އަކަށެވެ. އޭގެ މާނައަކީ ބޮޑު ވަޒީރު ހޮވުމަށް ވަކި އިންތިޚާބެއް ބާއްވަން ނުޖެހޭނެއެވެ. އަދި ޤާނޫނު ހަދާމަޖިލިސްގެ އިންތިޚާބުގައި ސަރުކާރު ހިންގާ ޕާޓީ ބަލިވެއްޖެނަމަ ސަރުކާރުވެސް އޮޓަމެޓިކުން ބަދަލުވާނެއެވެ. އިތުރު އިންތިޚާބެއް ބާއްވާކަށް ނުޖެހޭނެއެވެ.
މިނިޒާމުގައި ދައުލަތުގެ އެއްމެ އިސްވެރިއަކީ ޤާނޫނު ހަދާ މަޖިލިސްއިން ނުވަތަ ރައްޔިތުންގެ ވޯޓަކުން ހޮވޭ ރައީސެކެވެ. (މި މަޤާމަށް ތަފާތު ޤައުމުތަކުގައި ތަފާތު ނަންތައް ކިޔައި އުޅެތެވެ.) މި މަޤާމަކީ މިނިޒާމުގައި ގިނަފަހަރަށް ރަމްޒީ މަޤާމަކަށް ވިޔަސް ބައެއް ޤައުމުތަކުގައި، ތަފާތު ސަބަބު ތަކާއި ހެދި ޤާނޫނު ހަދާމަޖިލިސްގެ މަސައްކަތް ކުރިޔަށް ނުގޮސް ޤައުމު ހިންގުމަށް ދަތިވާފަދަ ޙާލަތެއް ދިމާވެއްޖެނަމަ، ޤާނޫނު ހަދާ މަޖިލިސް އުވާލުމުގެ ބާރާއި، ކުއްލި ޙާލަތު ޢިއުލާންކުރުމުގެ ބާރު ފަދަ ދައުލަތުގެ މުހިއްމު ބާރުތައް އޮންނަނީ ރައީސްގެ އަތްމަތީގައެވެ.
ޤާނޫނު ހަދާމަޖިލިސް އަދި ވެރިކަން ހިންގުމުގެ ބާރު ވެރިކަމަށް ގެނައުމާއި ވެރިކަމުން ދުރުކުރުން
ރިޔާސީ ނިޒާމު
ރިޔާސީ ނިޒާމުގައި ރައީސާއި، ޤާނޫނު ހަދާ މަޖިލިސްގެ މެމްބަރުން އިންތިޚާބުކުރަނީ ތަފާތު ދެ އިންތިޚާބަކުން ކަނޑައެޅިފައިވާ މުއްދަތަކަށެވެ. ޤާނޫނު ހަދާ މަޖިލިސްގެ މެމްބަރުން ވަކިކުރުމުގެ ބާރު ރައީސަށް ލިބެގެން ނުވެއެވެ. ބައެއް ޤައުމުތަކުގައި ރައީސް، އަދި މަޖިލިސް މެމްބަރަކު މަޤާމުން ދުރުކުރެވެނީ ޤާނޫނު ހަދާމަޖިލިސްގެ ތެރޭގައި ބަޙުސްކޮށް އެ މަޖިލިސްގައި ނެގޭ ވޯޓަކުންނެވެ. ނަމަވެސް ޢާޢްމުގޮތެއްގައި ރައީސަކަށް ހުންނަމީހާގެ ޕާޓީއަށް ޤާނޫނު ހަދާމަޖިލިސްގައި ލިބިފައިވާ އަޣްލަބިއްޔަތު ގެއްލުނަސް އޭނާގެ ދައުރު ހަމަވަންދެން އޭނާ ވެރިކަމުގައި ދެމިހުންނާނެއެވެ.
މިސަބަބާއި ހުރެ ރިޔާސީ ނިޒާމު އޮންނަ ބައެއް ޤައުމުތަކުގައި ރައީސުން ޚުދުމުޚުތާރު ވާކަމަށް ވަނީ ފާހަގަ ކުރެވިފައެވެ. ނަތީޖާއެއްގެ ގޮތުން މެކްސިކޯ އާއި ޕެރެގުއޭ ފަދަ ޤައުމުތަކުގައި ރައީސްގެ ވެރިކަމުގެ މުއްދަތަކީ 5 އަހަރުގެ އެއް ދައުރެވެ. އަދި އެމެރިކާ ފަދަ ޤައުމުތަކުގައި އެ މުއްދަތަކީ 4 އަހަރުގެ ދެ ދައުރެވެ.
ބަރުލަމާނީ ނިޒާމް
ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރު މަޤާމުން ބޭރުކުރެވިދާނެ ދެ ޙާލަތެއް އޮވެއެވެ. ފުރަތަމަ ގޮތަކީ ބޮޑުވަޒީރާއި އޭނާގެ ކެބިނެޓާއި ދެކޮޅަށް ޤާނޫނު ހަދާ މަޖިލިސް (ބަރުލަމާނު)ގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމެވެ. މި ވޯޓު ފާސްވުމަށް ބޭނުންވަނީ މަޖިލިސް (ބަރުލަމާނު)ގެ އަޣްލަބިއްޔަތު މި އާއި އެއްކޮޅަށް ވޯޓު ދިނުމެވެ. އެހިސާބުން ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް އިސްތިޢުފާދޭން މަޖުބޫރު ވާނެއެވެ. ބޮޑުވަޒީރާއި އޭނާގެ ކެބިނެޓަކީ ޤާނޫނު ހަދާމަޖިލިސްގެ މެމްބަރުންނަށް ވާތީ، މިފަދަ ވޯޓެއް ފާސްވެއްޖެ ނަމަ، ޤާނޫނު ހަދާ މަޖިލިސްގެ އިންތިޚާބު އަލުން ބާއްވަން ޖެހޭނެއެވެ. ބޮޑުވަޒީރު މަޤާމުން ދުރުކުރުމުގެ ބާރު އޭނާ ނިސްބަތްވާ ޕާޓީގެ މެމްބަރުންނަށް ވެސް ލިބިގެން ވެއެވެ. މިނިޒާމުގައި ވެރިކަންކުރާ ޕާޓީގެ އެތެރޭގެ އިންތިޚާބަކުން އެޕާޓީގެ ލީޑަރު ބަދަލުވެއްޖެނަމަ އާ ބޮޑުވަޒީރަކަށް އޮޓަމެޓިކުން އެމީހަކު ހަމަޖެހިގެން ދާނެއެވެ. ޤާނޫނު ހަދާ މަޖިލިސްގެ އިންތިޚާބެއް މިޙާލަތުގައި ބާއްވާކަށް ނުޖެހޭނެއެވެ. އެހެންކަމުން ބޮޑުވަޒީރުގެ ވެރިކަމުގެ މުއްދަތު ކަނޑައެޅިގެން ދާނީ ޤާނޫނު ހަދާ މަޖިލިސްގެ އިތުބާރާއި އޭނާ ނިސްބަތްވާ ޕާޓީގެ މެމްބަރުންގެ އިތުބާރު އޭނާގެ މައްޗަށް އޮތް މިންވަރަކަށެވެ. އެހެންނަމަވެސް މިނިޒާމުގައިވެސް އިންތިޚާބަށްނުގޮސް (އިނގިރޭސި ވިލާތުގައިނަމަ 5 އަހަރު) ވެއްޖެނަމަ އާންމު އިންތިޚާބަކަށް މަޖިލިސް ދާންޖެހެއެވެ.
ޕާޓީގެ ނިންމުމަށް އިޙްތިރާމްކުރުން
ބަރުލަމާނީ ނިޒާމުގައި ޕާޓީގެ ވިސްނުމާއި އެއްކޮޅަށް ވޯޓު ދިނުމަކީ، ސަރުކާރު ވެރިކަމުގައި ދެމެހެއްޓުމަށް ޤާނޫނު ހަދާމަޖިލިސްގެ މެމްބަރުން ކުރަންޖެހޭނެކަމެކެވެ. އެތެރޭގެ ރޭވުންތެރިކަން ނެތުމާއި މެމްބަރުންގެ މެދުގައި ޕާޓީ ރޫޙު ދަށްވުމުގެ ސަބަބުން އަލަށް ޑިމޮކްރެސީ އަންނަ ޤައުމުތަކުގައި ޕާޓީ ލައިނާއި ޚިލާފަށް ޤާނޫނު ހަދާމަޖިލިސްގައި މެމްބަރުން ވޯޓު ދިނުމަކީ ޢާއްމުކަމެކެވެ.
ރިޔާސީ ނިޒާމު
ރިޔާސީ ނިޒާމެއްގައި ޕާޓީތަކުގެ އެތެރޭގެ ރޭވުންތެރިކަމަށް ސަމާލުކަން ދޭ މިންވަރު ކުޑައެވެ. ކޮންމެ ނިޒާމެއްގައި ވެސް ޤާނޫނު ހަދާ މަޖިލިސް މެމްބަރުން ވޯޓުލާ އިރު ޕާޓީ ވިސްނުމާއި އެއްގޮތަށް ވޯޓުލާން ޕާޓީތަކުން ބާރުލައެވެ.
މި ނިޒާމުގައި ބައެއްފަހަރު ސަރުކާރު ކޮންޓުރޯލް ކުރާ ޕާޓީއަށް ޤާނޫނު ހަދާ މަޖިލިސްގެ އަޣްލަބިއްޔަތު ގެއްލުމަކީ ވަރަށް ކައިރި ކަމެކެވެ. މިހެން ވާންޖެހެނީ ޤާނޫނު ހަދާ މަޖިލިސްގެ އިންތިޚާބާއި ރައީސްގެ އިންތިޚާބަކީ ވަކިވަކިން ބޭއްވޭ ދެ އިންތިޚާބުކަމަށް ވާތީ އެވެ.
ބަރުލަމާނީ ނިޒާމު
ހަރުދަނާ ޑިމޮކްރެސީ އޮންނަ، ބަރުލަމާނީ ވެރިކަން އޮންނަ ޤައުމުތަކުގައި ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ރޭވުންތެރިކަން ވަރަށް ފުރިހަމަ ވާނެއެވެ. ނަތީޖާއެއްގެ ގޮތުން ޤާނޫނު ހަދާ މަޖިލިސްގައި ޕާޓީތަކުގެ މެމްބަރުން ވޯޓު ދޭނީ ޕާޓީ ވިސްނުމާއި އެއްގޮތަށެވެ. މިނިޒާމުގައި ޕާޓީ ވިސްނުމާއި އެއްގޮތަށް ވޯޓު ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސަބަބަކީ ގިނަ މެމްބަރުން ޕާޓީ ވިސްނުމާއި ދެކޮޅަށް ވޯޓު ދީފިނަމަ ސަރުކާރު ވެއްޓިދާނެތީއެވެ.
މިނިޒާމުގައި ސަރުކާރު ހިންގުމުގައި ދިމާވާ މައްސަލަތަކުގައި ޤާނޫނު ހަދާ މަޖިލިސްއާއި ސަރުކާރު އެއްގަލަކަށް އަރަންޖެހެއެވެ. އެހެން ނޫނީ ސަރުކާރު ރޫޅާލަން ޖެހިދާނެއެވެ. އެހެންކަމުން މިނިޒާމު އޮންނަ ޤައުމުތަކުގެ ސިޔާސީ ޕާޓީތަކުން ވަރަށް ހަރުދަނާ އުޞޫލުތަކެއް ގެންގުޅެން ޖެހެއެވެ. އެތެރޭގެ ޑިމޮކުރެސީ ހަރުދަނާ ކުރަންޖެހެއެވެ. އަދި ޕާޓީ ވިސްނުމާއި ޚިލާފަށް ވޯޓު ދޭ މެމްބަރުން ޕާޓީ އިން ވަކިކޮށް، ނުވަތަ ޕާޓީ ޓިކެޓު ނުދިނުމުގެ އުޞޫލު ބައެއް ސިޔާސީ ޕާޓީ ތަކުން ގެންގުޅެއެވެ. އެހެންކަމުން މި ނިޒާމުގައި ސިޔާސަތު ކަނޑައަޅާ މުހިއްމު މައްސަލަތަކުގައި މެމްބަރުން ވާހަކަ ދައްކާ ގޮތެއް ކަނޑައަޅަނީ ޕާޓީތެރޭގައެވެ. މަޖިލިސް ތެރޭގައި ކުރެވޭ ބަޙުސްތެރޭގައި ނޫނެވެ.
ޤާނޫނު ހެދުން – ޤާނޫނު ޑްރާފްޓު ކޮށް ހުށަހަޅާ އިސްލާޙްކުރަނީ ކޮންބައެއް؟
ޤާނޫނު ހަދާމަޖިލިސް އަކީ ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ކަންކަމާއި މަޝްވަރާކޮށް ޤާނޫތައް ހަދާ މަޖިލީހެކެވެ.
ރިޔާސީ ނިޒާމު
ރިޔާސީ ނިޒާމެއްގައި ޤާނޫނު ހަދާ މަޖިލިސްގެ އެޖެންޑާ ތައްޔާރުކުރަނީ ޤާނޫނު ހަދާ މަޖިލިސް އިންނެވެ. އަދި ބިލްތައް ޑްރާފްޓުކޮށް ހުށަހަޅަނީ ވެސް މަޖިލިސް މެމްބަރުންނެވެ. އެހެންނަމަވެސް ޤާނޫނޫ ހަދާމަޖިލިސްއިން މަސައްކަތްކުރަނީ ސަރުކާރާއި ވަރަށް ގާތުން ވާހަކަ ދައްކައިގެންނެވެ. ސަރުކާރުން ބޭނުން ވެއްޖެ ޙާލަތެއްގައި ޤާނޫނު ޑްރާފްޓުކުރެވިދާނެއެވެ. އެހެންނަމަވެސް އެ ބިލް ޤާނޫނު ހަދާމަޖިލިސްއަށް ހުށަހެޅޭނީ މަޖިލިސް މެމްބަރެއް މެދުވެރިވެގެންނެވެ.
- މިނިޒާމުގައި ޤާނޫނު ހެދުމުގެ ފުރިހަމަ އިޚްތިޔާރު ޤާނޫނު ހަދާ މަޖިލިސްއަށް ލިބެގެން ވެއެވެ. އެހެން ނަމަވެސް ސަރުކާރު ހިންގާ ޕާޓީ އިން ޤާނޫނު ހަދާ މަޖިލިސް ކޮންޓުރޯލް ކުރާނަމަ ސަރުކާރުގެ ނުފޫޒު ޤާނޫނުތަކުގެ ތެރެއަށް ވަދެގެން ދެއެވެ.
- ޤާނޫނު ޑްރާފްޓުކުރުމުގައި ތަޖުރިބާކާރުންގެ ޚިޔާލު ހޯދުމުގެ ބާރު ޤާނޫނު ހަދާ މަޖިލިސްއަށް ލިބިގެންވެއެވެ.
- ޤާނޫނު ހަދާ މަޖިލިސްއިން ފާސްކުރާ ބިލެއް ވީޓޯ ކުރުމުގެ ބާރު ރައީސަށް ލިބިގެން ވެއެވެ. މި ޙާލަތުގައި އެ ބިލެއް ޤާނޫނަކަށް ވާނީ ޤާނޫނު ހަދާ މަޖިލިސްގެ 3/2 ވޯޓު ލިބިގެންނެވެ.
ބަރުލަމާނީ ނިޒާމު
މިނިޒާމުގައި މެމްބަރުންނަށް އަމިއްލަފަރުދީ ޙައިސިއްޔަތުން ބިލުތައް ހުށަހެޅުމުގެ ފުރުޞަތު ވަރަށް ކުޑައެވެ. އޭގެ ބަދަލުގައި ޕާޓީގެ އެތެރޭގައި ވާހަކަ ދައްކައިގެން ބިލު ހުށަހެޅުމުގެ ފުރުޞަތު އޮވެއެވެ.
- އެ ޤާނޫނެއް ފާސްވުމުގެ ސަބަބުން ބަޖެޓުން ޚަރަދުތަކެއް ކުރަންޖެހިދާނެ ކޮއްމެ ބިލެއް ޤާނޫނު ތައްޔާރުކޮށް މަޖިލިސްއަށް ހުށަހަޅާނީ ސަރުކާރުންނެވެ.
- ސިޔާސަތާއި ގުޅޭ ގިނަ ނިއްމުންތައް ނިއްމަނީ ޕާޓީތަކުގެ އެތެރޭގައެވެ.
މިނިޒާމު އޮންނަނީ ކޮން ޤައުމުތަކެއްގައި؟
ރިޔާސީ ނިޒާމު
ރިޔާސީ ނިޒާމް އޮންނަ ބައެއް ޤައުމުތަކަކީ އެމެރިކާ، މެކްސިކޯ، ބުރެޒިލް، އިންޑޮނޭޝިއާ، ޕެރޫ، ޗިލީ، އަފްޣާނިސްތާން، ނައިޖީރިއާ، ޕުއެޓޯ ރިކޯ ފިލިޕިންސް.
ބަރުލަމާނީ ނިޒާމު
ބަރުލަމާނީ ނިޒާމް އޮންނަ ބައެއް ޤައުމުތަކަކީ އިނގިރޭސި ވިލާތް، ރޫމޭނިއާ، ޕޮލެންޑް، ޕާކިސްތާން، މެލޭޝިއާ، ޖަޕާން، އިޓަލީ، އިންޑިއާ، ޖަރުމަން، އޮސްޓްރޭލިއާ، ތުރުކީ، ސިންގަޕޯރ، ސާބިއާ، އިޒުރޭލް، ޑެންމާކު، ސްރީލަންކާ، ބަނގުލަދޭޝް.
0 Comments:
Post a Comment