އަތޮޅު ކައުންސިލާއި ރަށު ކައުންސިލް އުފެއްދުމުގެ ވާހަކަ ފެށިގެންއީ ކުރީގެ އެޓޯލްސް މިނިސްޓަރ ވަހިއްދީން ގެ ދައުރުގައެވެ. އެކަމަށް ޓަކައި އެތައް ބައެއްދަލުވުމެއްގައި މަޝްވަރާ ކުރެވުނެވެ. ބޭރުގެ ގައުމުތަކުގައި އެކަން ކުރާގޮތް ބެއްލެވުމަށް، އާދެ! ތަޖުރިބާ ހޯއްދެވުމަށް ސީދާ މިނިސްޓަރު ވަޑައިގެންނެވިއެވެ. މީގެ އިތުރުން ކޮމަންވެލްތުގެ ލަފާ ހޯދުމަށް ތަޖުރިބާކާރަކުވެސް ގެނެވުނެވެ. އޭރުގެ ވާހަކަތައް ހުރިގޮތުން ހަމަ ދެންމެ ދެންމެ އެކަން ވެދާނޭވެސް ހީވިއެވެ.
ނަމަވެސް މިހާތަނަށް އައި އިރު، އެއީ މުޅިން ދަޅައެއް ކަމުގައި ގަބޫލުކުރަން ޖެހިއްޖެއެވެ. ކަނޑައެޅި ތާރީޚު ފަހަނަޅާ ދިޔައިރުވެސް ކުރެވުނު ކަމެއް ނެތެވެ. ދެން އެކަން އެހަށް އެއް ފަރާތުގައި ބާއްވާފައި ކޮންމެވެސް ވަރެއްގެ ބަދަލަކާ އެކު ރ. ކ. ކޮމިޓީތައް އަލުން އިންތިހާބުކުރަމާހޭ ކިޔަން ފަށައިފިއެވެ. އެންމެ ފަހުން އެކަންވެސް ނުވެ މިކަން ވެސް ނުވެ، ކުޅިބައި ބަދަލުވީއެވެ.
ދާދި ފަހުން މިނިސްޓަރުކަމާ ހަވާލުވެލެއްވި އަލްފާޟިލް އަޙްމަދު ތަސްމީން އަލީ މިދިޔަ އާދީއްތަ ދުވަހު ފެށި ބިން ބޭނުންކުރުމާ ބެހޭ ބައްދަލުވުން ހުޅުވައިދެއްވަމުން ދެއްކެވި ވާހަކައިގައި، ކައުންސިލް އުފެއްދުމުގެ މައްޗަށް އަލި އަޅުއްވާލެއްވިއެވެ. އަނެއްކާވެސް މިކަމާ ބެހޭ ވާހަކަ ފެށުނީއެވެ. މިފަހަރުގެ ސިލްސިލާ ގޮސް ނިމޭނީ ކިހިނެއް ކަމެއް އަދި ނޭނގެއެވެ.
ކުރީގެ މިނިސްޓަރު ވެސް މިނިސްޓަރުކަމާ ހަވާލުވީތާ ކުރީކޮޅު މިފަދަ ވާހަކަތަކުން މީހުންގެ ހިތް ހަމަޖައްސައިދިނެވެ. ރައްޔިތުންނަށް ބޮޑުވެފައި އޮތް އެތައް ކަމެއް ހަމަ ވަރަށް އަވަހަށް ހަމަޖައްސައި ދޭނެކަމަށް ވިދާޅުވިއެވެ. ރަށު އޮފީސްތަކުގައި ހުރި ހިޔާނާތުގެ މައްސަލަތައް ހައްލުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ. މިސްކިތްތަކުގެ ފެންވަރު ރަނގަޅުކޮށްދޭން ވިދާޅުވިއެވެ. އަދިވެސް އެތައް ކަމެކެވެ. އެކަމަކު މިހާތަނަށް އައިއިރު ކޮށްދެވުނީ މީގެ ތެރެއިން ކިތައް ކަންތައް ބާއެވެ؟
0 Comments:
Post a Comment