7/17/2007

އަހަރެން ތާއިދު ކުރަނީ ބަރުލަމާނީ ނިޒާމަށް! އެއީ ކީއްވެ؟

ދިވެހި ރާއްޖޭގައި ބާއްވާނެ ވެރިކަމުގެ ނިޒާމުގެ ސިފަ ކަނޑައެޅުމަށް ނަގާ ރައްޔިތުންގެ އާއްމު ވޯޓު ކައިރިވަމުން އައި އަހެން މައުލޫމާތު ފަތުރާ ފަރާތްތަކުން އެ ދެނިޒާމުގެ ހުރި މޮޅުކަމާ ދެރަކަމުގެ ކޮޅުތައް ދަނީ ދައްކަމުން ނެވެ. ރައްޔިތުންގެ އާއްމު ވޯޓަށް ހާއްސަ މަޖިލީހުން ދޫދީފައިވަނީ ދެ ނިޒާމެވެ. އެއީ ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމެވެ. ދެ ނިޒާމުގައިވެސް މައިގަނޑު ތަފާތުތަކެއް އެބަހުއްޓެވެ. ފައިދާ އާއި ގެއްލުމާވެސް ވެއެވެ. އެވާހަކަތައް ކަނުލާ އަޑުއަހާ، ފައިދާހުރި ގޮތެއް ކަނޑައެޅުމުގެ ގައުމީ ޒިންމާ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކު އިހްލާސްތެރިކަމާ އެކު އުފުލަން ވާނެއެވެ.

ހަގީގަތުގައި މި ދެ ނިޒާމަކީ އޭގެ ގޮތުގައި ވެރިކަން ކުރުމަށް ހަމަ މުޅިން ފުރިހަމަ ދެ ނިޒާމެވެ. އަޅުގަނޑުމެން މި ދަނޑިވަޅުގައި މި މައުލޫގައި ބަހުސް ފަށައިގެން މިއުޅޭ މުހިއްމު ސަބަބަކީ ދިގު ޒަމާންތަކަށް ފަހު، ރާއްޖެއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަން ލިބިފައި އޮތް ފުރުސަތުގެ ހެއު ބޭނުން ހިފުމުގެ މަގްސަދުގައެވެ. ދަންނަވަންތޯއެވެ. ރާއްޖޭގައި މިހާރު މިހިނގަނީ "ފުރިހަމަ ޑިމޮކްރަސީއެއް" ގާއިމްކުރުކުމުގެ ބުރަ މަސައްކަތެވެ. މީގެ އިހަށް މިތާ އޮތީ "ނަމެއްގައި" އޮތް ޑިމޮކްރަސީ އެކެވެ. ފުރިހަމަ ރަސްކަމެއްގެ ފުށުން ވާރުތަވީ ސިފަތަކާ މަސްހުނިވެފައިވާ ހުދުމުހުތާރު ވެރިކަމެވެ. ޑިމޮކްރަސީގެ ލަފްޒީ މާނަ ދޭހަކޮށްދޭ ފަދަ ރައްޔިތުންގެ ވެރިކަމެއް ނޫނެވެ.

މިހާރުގެ ހާލަތުން ފަށަމާހެއްޔެވެ؟ މިހާރުވެސް ރާއްޖޭގައި މިއޮތީ ރިޔާސީ ނިޒާމެކެވެ. ރިޔާސީ ނިޒާމަށް ތާއިދު ކުރާ ޑީ އާރު ޕީގެ ޒައީމު އެ މަގާމުގައި ހުންނަވާތާ މިހިނގަނީ 30 ވަނަ އަހަރެވެ. އެ ބޭފުޅާގެ ނުފޫޒު މުޅި ރާއްޖޭގައި ވަރަށް ގަދައެވެ. ކެބިނެޓް އޮތީ އެބޭފުޅާގެ ފުރިހަމަ ކޮންޓްރޯލުގައެވެ. އަތޮޅުވެރިންނަކީ ސީދާ ކޮންޓޮރޯލުގެ ދަށުން އައްޔަންކުރެވޭ ބަޔަކަށް ވާތީ އެ ބޭފުޅުން އެތިއްބަވަނީ "ރައްކާތެރި" ފަޅީގައެވެ. އޭގެ ދަށުން ރަށްވެރިން ތިއްބެވީ ބެނދެވިފައެވެ. މިކަންކަން މިހެން ހުއްޓާ ފުރަތަމަ މިނިވަން އިންތިހާބެއް ބޭއްވޭނެ ކަމާމެދު ޝައްކުތައް އެބަހުއްޓެވެ. ވޯޓުލުމުގެ ކަންތައް ރަށްރަށުގައި އޮންނަ ގޮތް އެނގިލައްވާނޫންތޯ އެވެ.

މިގޮތަށް ބައްޓަން ކުރެވިފައި އޮތް ވެއްޓެއްގައި އަނެއްކާ ރިޔާސީ ނިޒާމެއް އިހްތިޔާރު ކޮށްފިއްޔާ އެއްކަލަ ބާރުތަކުން ފިއްތާނެއެވެ. އެ ފުރުސަތު އެވެރިންނަށް އެބަ ލިބެއެވެ. ރިޔާސީ ނިޒާމަކީ އެމެރިކާގައި ކަމިޔާބު ނިޒާމަކަށް ވިޔަސް މިދަނޑިވަޅުގައި ރާއްޖެއަށް އެކަށީގެން ނުވާ އެއް ސަބަބަކީ މިއެވެ.

ބަރުލަމާނީ ނިޒާމެއްގައި މިކަން އޮންނަނީ މިހެނެއް ނޫނެވެ. ސަރުކާރުގެ ވެރިޔާ، ބޮޑުވަޒީރަކަށް އިންތިހާބުވެލައްވަން ބެނުން ނަމަ އެ ކެނޑިޑޭޓަކު ޖެހިލައްވާނީ ރާއްޖޭގެ ކޮންމެވެސް ދާއިރާއަކަށް (އަތޮޅަކަށް) ކުރިމަތިލައްވައިގެން މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރައްވާށެވެ. މިހިސާބަކުން އަދި ނުނިމެއެވެ. އަދި އެބޭފުޅަކު ނިސްބަތްވާ ސިޔާސީ ޕާޓީ މަޖިލީހުގެ އަގުލަބިއްޔަތު ހޯއްދަވަން ޖެހިލައްވާނެއެވެ. މިސާލަކަށް ރައީސުލް ޖުމުހޫރިއްޔާ މަޖިލީހުން ޖާގައެއް ޔަގީން ކުރެއްވިއަސް ޑީ އާރު ޕީގެ ގޮނޑި މަޖިލީހުގައި މަދު ވެއްޖެ ނަމަ ބޮޑުވަޒީރުކަން ހޯއްދެވުމުގެ ފުރުސަތު ނެތުނީއެވެ. ބޮޑުވަޒީރަކު އައްޔަން ކުރެވޭނީ މަޖިލީހުގައި އަގުލަބިއްޔަތު ހޯދާ ސިޔާސީ ޕާޓީއަކުންނެވެ.

ބަރުލަމާނީ ނިޒާމެއްގައި ކެބިނެޓް އައްޔަން ކުރާނީ (ބަރުލަމާނުން) މަޖިލިސްގެ މެމްބަރުންގެ ތެރެއިންނެވެ. މިސަބަބަށްޓަކާ ރިޔާސީ ނިޒާމު ކުރިޔަށް ނެރުއްވާ ބޭފުޅުން ބުނުއްވަނީ މި ނިޒާމުގައި ކެބިނެޓަށް ހޮވޭނީ މުއްސަނދިން ކަމުގައެވެ. ތައުލީމީ ގާބިލް މީހުން ހޮވުމުގެ ފުރުސަތެއް ނެތްކަމުގައެވެ. ސަބަބަކަށް ހުށަހަޅުއްވާ ހެއްކަކީ މަޖްލީހުގެ ގޮނޑިޔަށް ވާދަކޮށްގެން ކާމިޔާބު ހޯދޭނީ ތަނަވަސް ކަން ހުރި މީހުންނަށް ކަމެވެ. މާނަޔަކީ ރައްޔިތުން ވޯޓު ދެއްވާނީ ފައިސާ ގިނަ ފަރާތަކަށެވެ. މިކަމަކީ ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެކެވެ. އަހަރެމެން ބެނުން މީހަކު ގޮނޑީގައި ބޭންދޭނެއެވެ. އަހަރެމެން ބޭނުން ވަނީ ފައިސާކަމުގައި ވާނަމަ އެމީހުން އެބުނާ ގޮތް އެއީ ވެދާނެ ގޮތެކެވެ. އެކަމަކު ރައްޔިތުންގެ ވިންދު ހުރީ ކިހިނެބާއެވެ؟ ގޮނޑި ވިއްކާ ގޮތަށް ބާއެވެ؟ މިހިސާބުން ދެތިން ސުވާލެއް އަޅުގަނޑުގެ ހިތުގައި އުފެދެއެވެ. މިހާރު މިއޮތް ރިޔާސީ ނިޒާމުގައި މުއްސަނދިންގެ ހިޔަނިވެސް ނެތީ ހެއްޔެވެ؟ މިހާރުގެ ކެބިނެޓްގައި ތިއްބެވި ބޭފުޅުންނަކީ ފައިސާގެ ގޮތުން މުއްސަނދިންނެއް ނޫން ހެއްޔެވެ؟ ގައުމުގެ ނަގާކިޔާ ވިޔަފާރިވެރިންނެއް ނޫން ހެއްޔެވެ؟ ހަމައެކަނި އިލްމުގެ މުއްސަނދިން ހެއްޔެވެ؟

ކުރުގޮތަކަށް މި ހުށަހަޅާލީ މިކަމުގައި އަޅުގަނޑުގެ އަމިއްލަ ހިޔާލެވެ. އަޅުގަނޑުގެ ހިޔާލަށް ފެންނަނީ ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ނޫނީ މިވަގުތު މިގައުމަށް ބޭނުންވާ ހަގީގީ އިސްލާހު ނާންނާނެ ކަމަށެވެ. މިހިޔާލާ އެއްބަސް ވެލެއްވިޔަސް ނޫނީ ދިމާ އިދިކޮޅު ހެއްދެވިޔަސް ފަރުވާލެއް ނެތެވެ. އެކަމަކު ރަނގަޅަށް ވިސްނަވާފައި ނޫނިއްޔާ ވޯޓުގައި ފާހަގަ ނުޖައްސަވާށެވެ.

0 Comments: