
ލިޔުން: މާއުނގޫދޫ
ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާމެދު ރައްޔިތުންގެ އާއްމު ވޯޓު ނެގެން ކުޑަތަން ވެފައިވާ މި ދަނޑިވަޅުގައި މިކަމަމެދު ތަފާތު ޚިޔާލުތައް ފާޅުކުރެވި، ތަފާތު ވާހަކަތައް ދެކެވެމުން އެބަދެއެވެ. މިކަމުގައި އަޅުގަނޑުގެ އަމިއްލަ ރަށް ކަމުގައިވާ މާއުނގޫދޫ ވެސް އިސްތިސްނާއެއް ނުވެއެވެ.
ބައެއް ލިޔުންތަކުގައި މިދެނިޒާމު، ފުޓްބޯޅައިގައި މަޝްހޫރު ދެބެން ކަމުގައިވާ ތޮއްޑޫ ބޮޑު ނިޒަމާއި ކުޑަ ނިޒާމާވެސް އަޅާ ކިޔައެވެ. ވޯޓުގައި ވަރަށް ހަމަހަމާގައިވެސް ވާދަ ކުރެއެވެ. އަދި ޑީ އާރު ޕީގެ ފަރާތުން ރިޔާސީ ނިޒާމު ޕްރޮމޯޓު ކުރަން ކުރާ ދަތުރުތަކުގައި ބައެއް ރަށްރަށުން ބުނާ ގޮތުގައި މިހާރު މިއޮތް "ދިޔާސީ" ނިޒާމުގެ ބަދަލުގައި އެރަށަށް ބޭނުމީ ފުރިހަމަ ނަރުދަމާ ނިޒާމެކެވެ.
މިގޮތުން މާއުނގޫދޫއަށް ބޭނުންބޮޑީ ކޮން ނިޒާމެއް ބާއެވެ؟ އަޅުގަނޑުގެ ނަޒަރުގައި ރިޔާސީ ނިޒާމަކަށް ވުރެ ދިވެހި ރައްޔިތުންނަށް ފައިދާ ބޮޑި ބަރުލަމާނީ ނިޒާމެކެވެ. އެއަށްވުރެވެސް ބޮޑަށް މާއުނގޫދޫއަށް މިވަގުތައް އެންމެ ބޭނުން ބޮޑީ ކުނި ނައްތާލުމުގެ ނިޒާމެވެ. މީގެ އިތުރުންވެސް ބައެއް ކަހަލަ ނިޒާމުތައް މާއުނގޫދޫއަށް ވަނީ އިންތިހާއަށް ބޭނުންވެފައެވެ.
ކަތީބު ދެއްވަފައިވާ އިންޓަވިއުގައި ވިދާޅުވެފައިވާ ފަދައިން މާއުނގޫދޫގައި އެއްވެސް ކަމެއް ހަމަޖެހޭ ނިޒާމެއްގެ މަތިން ހިނގަމުންނެއް ނުދެއެވެ. ގަލާއި ވެލި ނެގުން މަނަކުރެވޭކަށް ނެތެވެ. ހިލަޔާއި ހިލަވެލި ގެނެވޭނެ ތަނަވަސް ކަމެއް ނެތެވެ. ކައިރި ފަޅު ރަށަކުންވެސް ވެލި ނެގުމުގެ ހުއްދަ ލިބިފައެއް ނެތެވެ.
މާއުނގޫދުއަށް ބޭނުންވާ އަނެއް ނިޒާމަކީ ފުރިހަމަ ކުނި ނައްތާލުމުގެ ނިޒާމެކެވެ. މިކަމާ ގުޅިގެން ސުވާލުކުރުމުން ވެސް ކަތީބު ބުނެފައިވަނީ ކުނި ނައްތާލާނެ ނިޒާމެއް އަދި ހަމަޖެހިފައި ނެތް ނަމަވެސް ކުނި އަޅަން ވަކި ތަންތަން ހާއްސަކުރެވިފައި ވާނެ ކަމަށެވެ. ނަމަވެސް ހުރިހައި އެންމެން އެގޮތަށް އަމަލު ނުކުރާކަމަށް ބުންޏެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މުޅި މާއުނގޫދޫ ކުނިވެފައިވެސް އޮތެވެ. މަސްވެރިކަން ރަނގަޅުވެލައިފިއްޔާ ރަށް އޮންނަނީ މިފަދަ ހާލެއްގައެވެ. ރަށުގެ ޒުވާނުން ރަށު އޮފީހަށް މިކަންތައް މިކަންތަކަ މެދު ފިޔަވަޅު އެޅުމަށް ގޮވާލުމުންނ އޮފީހުން ރައްޔިތުން އެއްކޮށް ކުނި އަޅަންވީ ތަންތަން ހަނދާންކޮށްދީ އެތަންތަނަށް ނޫނީ ކުނި ނޭޅުމަށް އެންގިއެވެ. ނަމަވެސް މިވަރުން ފުދޭނެތޯއެވެ. މިހާރު ފެންނަމުން މިދާ މަންޒަރުތަކުން މިއެނގެނީ މިވަރުން ފުއްދާލައިގެން ނުތިބެވޭނެ ކަމެވެ. ރަށުގެ ކުޑަކަމާ އެކު ވަލަށް ކުނި އެޅުމަކީ ހަމަ މީހުންގެ ގޭގެއަށް ކުނިއެޅުން ފަދަ ކަމެކެވެ. ދެން ކަރުގޮހޮރު މޫދަށް އުކާލާފައި ހުރީމާ ވާނެގޮތް މިހާރު މިވަނީއެވެ. ވައިރަލް ހުމެއް، ކޮންމެވެސް ރޯގާއެއް ރަށުތެރޭގައި ނުފެތުރޭ އިރެއް ނާދެއެވެ.
މިކަންތައް މިހެން ހުރުމާ އެކު އަޅުގަނޑު މާއުނގޫދޫ ކަތީބަށް މިގޮވާލަނީ ރިޔާސީ ނިޒާމަށް ވޯޓުލުމަށް އަހަރެން ކައިރީ އާދޭސްކުރަން އައުމުގެ ކުރިން މާއުނގޫދޫގައި ރައްކާތެރި ގޮތުގައި ކުނި ނައްތާލެވޭނެ ނިޒާމެއް މި ރިޔާސީ ސަރުކާރުން ހޯއްދަވައި ދެއްވުމަށެވެ. ގޮނަކަށް ގޮނެކެވެ. ކަތީބަށް ރިޔާސީ ނިޒާމެވެ. އަޅުގަނޑުމެން ޒުވާނުންނަށް ފުރިހަމަ ކުނި ނައްތާލުމުގެ ނިޒާމެކެވެ.
0 Comments:
Post a Comment