7/31/2007

ފޯކައިދޫގައި ފެތުރެމުންދާ ހުމަށް އުދާސްކަމެއް ނެތް

ޚަބަރު: މިނިވަންޑެއިލީ
އެމްޑީޕީގެ ށ އަތޮޅުގެ ބަރުލަމާނީ ގްރޫޕުން ފޯކައިދޫއަށް ޒިޔާރަތްކުރީ އިއްޔެއެވެ. ރަށުގެ ޒުވާނުންގެ ބަޔަކު އެމްޑީޕީގެ ވަފުދުގެ ބޭފުޅުންނަށް މަރުހަބާ ކިޔުމަށް އަތިރިމައްޗަށް ޖަމާވެފައިވެއެވެ.
މިރަށަށް ފޭބުމުގެ ކުރިންވެސް ރަށާއި މެދު އުއްމީދު އާވެގެން ދިޔައެވެ. ސަބަބަކީ ރަށަށް ފޭބުމުގެ ކުރިން ރަށުގެ ގޮނޑު ދަށުގައި “ބަރުލަމާނީ ނިޒާމަށް މަރުހަބާ” ޖަހާފައިވާ ފޮތިގަނޑެއް ދަމާފައި ހުއްޓާ ފެނުމުންނެވެ. ރަށަށް ފައިބައިގެން ދިޔައިރު އެކި މަގުގެ އެކި ހިސާބުގައި ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ފޮތި ދަމާފައި ހުއްޓާ ފެނުނެވެ. މިހެން ކަމުން ރަށުގައި އެމްޑީޕީއަށް ތާއީދު ވަރަށް ބޮޑަށް އޮންނަ ކަމަށް ހީވެގެން ރަށުގެ ޒުވާނަކާ ސުވާލުކޮށްލުމުން ބުނީ ހުރިހާ ޕާޓީއެއްގެ މީހުންވެސް ރަށުގައި އުޅޭކަމަށެވެ. އެންމެ ބޮޑު ތިން ޕާޓީ ކަމުގައިވާ އެމްޑީޕީ އަދާލަތު އަދި ޑީއާރުޕީގެ މެމްބަރުންވެސް ވަރަށް ވާދަވެރިކަމާއެކު މިރަށުގައި ހަރަކާތްތެރިވަމުންދާކަމަށް އޭނާ ބުންޏެވެ.

ރަށަށް އަރައިގެން މާދުރަށް ނުދެވިގެން އުޅެނިކޮށް ފެނުނީ ރަށުގެ ސިއްހީ މަރުކަޒެވެ. މިރަށަކީ ވަރަށް ފަހުން ސިއްހީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ރަށެކެވެ. ރަށުގެ އާބާދީގެ ބޮޑުބޮއެއްގެ މެދުގައި ބަލިމަޑުކަން އާއްމުވެފައި އޮތުމަށްފަހު ހަމަޔަކަށް އެޅިފައިވީ ނަމަވެސް އަނެއްކާވެސް ބަލިމީހުންގެ އަދަދު ގިނަވަމުންދާކަން ފާހަގަ ކުރެވޭ ކަމުގައި ސިއްހީ މަރުކަޒުގެ މަސްދަރެއް ހާމަކުރިއެވެ.

ރަށުތެރެއަށް އެރުމުގެ ކުރިން އެމްޑީޕީގެ ވަފުދުގެ އިސްބޭފުޅާ އަދި ރައީސް މުނައްވަރު އަވަސްވެވަޑައިގަތީ ސިއްހީ މަރުކަޒަށް ޒިޔާރަތްކޮށް ބަލިމީހުންގެ ހާލު ބައްލަވާލުމަށެވެ. ސިއްހީ މަރުކަޒުގެ ތެރެއަށް ވަދެވަޑައިނުގެން އުޅެނިކޮށް ކުޑަކުދިންގެ ވޭނީ ރުއިމުގެ އަޑު އިވެން ފަށައިފިއެވެ. ބަލިމީހުން ބާއްވާ ކޮޓަރީގެ ތެރޭގައި ހަތަރު ކުޑަކުއްޖަކު ބާއްވާފައި އޮތެވެ. ހައަހަރާއި ފަސްއަހަރުގެ ކުޑަ ހަތަރު އަންހެން ކުއްޖެކެވެ. އެވަގުތުވެސް މަރުކަޒުގައި ހަރަކާތްތެރިވަމުންދާ ދެއަންހެން ކުދިން ބަލިމީހުންގެ ހުމުގެ މިންވަރު ބަލަމުންދެއެވެ. ނަމަވެސް އެއްވެސް ޑޮކްޓަރެއް ނުވަތަ އިސް ފަރާތެއް ފެންނާކަށް ނެތެވެ. ސިއްހީ މަރުކަޒު ތެރެއިން ވާހަކަ ދެއްކި ބަލިކުއްޖެއްގެ ބެލެނިވެރިޔަކު ހާމަކުރި ގޮތުގައި އަދިވެސް މިރަށުގައި ޑެންގޫ ހުމާއި ވައިރަލް ފީވާރ ބާރު މިނެއްގައި ފެތުރެމުން އެބަދެއެވެ. މިކަންތައް މިހެން ވަމުން މިދަނީ ސިއްހީ މަރުކަޒުގެ އިސްފަރާތްތަކުން ވަޒީފާގެ ޒިންމާތައް ފުރިހަމައަށް ނުނަގާތީކަމުގަ އާއި ސަރުކާރުން އަދިވެސް މިރަށަށް އަޅާލުން ދޭލެއް ކުޑަކަމުންކަން ފާހަގަކުރިއެވެ. ރަށުގެ ސިއްހީ މަރުކަޒަށް ޒިޔާރަތްކުރުމަށް ފަހު އެމްޑީޕީގެ ރައީސް މުނައްވަރު މިކަމަށް ވަރަށް ބޮޑު ކަންބޮޑުވާކަން ހާމަކުރައްވާފައިވެއެވެ.
ފޯކައިދޫއަށް ޒިޔާރަތްކުރުމަށް ފަހު ހަވީރުވެފައިވާތީވެ މިއަދު ހެދުނު މަސައްކަތް ފެށުމަށްޓަކައި ކެމްޕޭނުގ ރަސްމީ އެއްވެސް މަސައްކަތެއް އިއްޔެނުކުރެއެވެ. ނަމަވެސް އެކުވެރި ރައްޔިތުން ތަކެއް ދިރިއުޅޭ ކަމަށް ފާހަގަކުރެވުނު މިރަށުގެ ރައްޔިތުން ވަފުދުގެ ފަރާތްތައް ކައިރީ ސުވާލުކޮށްގެން ބަރުލަމާނީ ނިޒާމާބެހޭ ވާހަކަތައް އަހަމުންދިޔައެވެ.

ވަފުދުގެ ބޭފުޅުންނަށް ރަށުން ފުރިހަމަ މެހެމާނުދާރީއެއް ލިބެމުން ދަނިކޮށް ރަށުގެ ތެރެއިން އަންހެނަކާއި ފިރިހެނެއް ބަރުލަމާނީ ނިޒާމަށް ތާއީދެއް ނުކުރާނަމޭ ކިޔައިގެން ވަފުދުގެ ބޭފުޅުން ހިނގަމުންދާ މަގުތަކުގައި އެބޭފުޅުންނަށް އަޑު އިއްވުމަށް ވާހަކަ ދައްކާކަން ފާހަގަ ކުރެވުނެވެ. އަދި އެމްޑީޕީގެ ރައީސް މުނައްވަރާއި ދިމާލަށްވެސް މަލާމާތުގެ ބަސް ބުނެ ހެދިކަން ފާހަގަކުރެވުނެވެ. ރައީސްގެ އިތުރަށް ވަފުދުގެ ބޭފުޅުންވެސް މިކަން މާބޮޑު ކަމަކަށް ނުހެދި ނަމަވެސް އަހަރެން އެމީހުންގެ ހަގީގަތް ހޯދާލުމަށް ރަށުގެ މީހުންނާއި ސުވާލުކޮށްލުމުން އެނގުނީ އެއީ ޑީއާރުޕީއަށް ނިސްބަތްވާ ބައެއް ކަމުގައެވެ. އެދެމަފިރިންނަކީ މަސައްކަތެއް ނުކޮށް ސަރުކާރުން މަހު މުސާރަ ދޭ ބައެއްކަމުގައިވެސް ރަށުގެ ގިނަ ބަޔަކު ބުންޏެވެ. އެމީހުންގެ މަސައްކަތަކަށް ވާން ޖެހެނީ ރައީސް މައުމޫނުގެ ޒައީމު ކަމުގެ ދަށުގައި ހިންގާ ޑީއާރުޕީއަށް މެމްބަރުން ހޯދުން ކަމުގައި ރަށު މީހުން ކިޔަދިނެވެ.

މިއަދުގެ ހެދުނުން ފެށިގެން ފޯކައިދޫގައި ބަރުލަމާނީ ކެމްޕޭނު އެމްޑީޕީގެ ވަފުދުން ރަށުގެ ޒުވާނުންގެ ތެރެއިން ބަޔަކު ހޮވާލައިގެން ހިންގަމުން އެބަދެއެވެ. މިކެމްޕޭނުގައި ރަށުގެ ހުރިހާ ގެޔަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށް އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) ހާމަކުރެއެވެ. މިރަށަކީ ބޮޑު އާބާދީއެއް އޮންނަ ރަށަކަށް ވުމާއެކު ގަދަޔަށް ކެމްޕޭނު ކުރުމަށްޓަކައި މާދަމާވެސް ހަރަކާތްތައް ހިންގާނެ ކަމަށް ރައީސް މުނައްވަރު ހާމަކުރެއެވެ.

ކެމްޕޭނު ގްރޫޕްތަކަށް އަދި މިހާތަނަށް އެއްވެސް ގެޔަކުން ދެކޮޅުވެރިކަމެއް ފެނިފައެއް ނެތެވެ. އަދި މިރަށުން ބަރުލަމާނީ އަށް އަގުލަބިއްޔަތު ލިބޭނެކަމަށްވެސް ހަރަކާތްތެރިން ހާމަކުރެއެވެ.

0 Comments: