ދިވެހި ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުނުތާ 42 އަހަރު ފުރުން ފާހަގަކުރަމުން ދާއިރު، މިނިވަންކަން ހޯދައިދިނުމަށް ބުރަ މަސައްކަތް ކޮށްދެއްވި ބޭފުޅުންގެ މަތިން ހަނދާން ކުރަން ވާނެއެވެ. އެ ބޭފުޅުންގެ މަސައްކަތް ޝުކުރުވެރިކަމާ އެކު ފާހަގަ ކުރަން ވާނެއެވެ. މިހާރު ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި އިއްޒަތްތެރިއެއްގެ ގޮތުގައި ހުންނެވި ޞާޙިބުއް ސަޢާދާ އިބްރާހިމް ރަޝީދަކީ އޭރު އެ ބުރަ މަސައްކަތުގައި، އިސް ސަފުގެ ހަރަކާތްތެރިއެކެވެ.
ތިރީގައި މިވަނީ މިއަހަރުގެ މިނިވަން ދުވަހު އޭނާ، ހަވީރު ނޫހަށް ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވެފައިވާ ބައެއް ވާހަކައެވެ.
އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ ށ. އަތޮޅު މެމްބަރަކަށް ހުއްޓައި ވަޒީރުއް ދާޚިލިއްޔާކަން ދެއްވީ. ދެން އެދައުރު ނިމުމުން، ދެން އޮތް ދައުރަށް އަޅުގަނޑު ކުރިމައްޗެއް ނުލަން. އެކަމާ ނާސިރު ސުވާލުކުރެއްވުމުން އަޅުގަނޑު ދެންނެވިން އަޅުގަނޑަށް ދެއަތުން ދެވޯޓު ލާން ނޭނގޭތީ ކުރިމަތި ނުލީއޭ. ދެން ތަފްސީލްކޮށްލައި ދިނުމަށް އެދިވަޑައިގަތުމުން އަނެއްކާވެސް އަޅުގަނޑު ދެންނެވިން ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވެ ދެމިހުރުމަށް ހުވާކޮށް މި ސޮއިކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރޭ. ވަޒީރުއް ދާޚިލިއްޔާ މި ހުވާކުރަނީ ދާޚިލީ ކަންތައް ސަރުކާރުގެ އަމުރާ އެއްގޮތަށް ކުރާށޭ. އެހެންވީމާ އަޅުގަނޑަށް ދެއަތުން ދެވޯޓު ނުދެވޭނެހެން ހީވާތީ މެންބަރުކަމަށް ކުރިމަތި ނުލީއޭ. އެވާހަކަ އައްސަވައި، އިރުކޮޅަކު އިސްޖައްސަވައިގެން ހުންނަވާފައި، [ތިޔައީ ހަމަ ރަނގަޅު ވާހަކައެކޭ] ނާސިރު ވިދާޅުވި. ދަންނަވަންތޯ، އޭގެ ފަހުން ނާސިރުގެ ވެރިކަމުގައި އެއްވެސް ވަޒީރެއް އަތޮޅަކުން ކުރިމަތިލާފައެއް ނޯންނާނެ.
އެދުވަސްވަރު މިކަން މިހެން އޮތަސް، މިހާރު މިކަން އޮތީ މިހެނެއް ނޫނެވެ. ވަޒީރުބޭފުޅުން މަޖިލިސްގެ ގޮނޑި ހޯއްދަވަން ވާދަކުރައްވަނީ ވަރަށް ގިނައިންނެވެ. ގޮނޑި ކާމިޔާބު ކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކުރާ ވާހަކައަކީވެސް ވަރަށް ގަދަ އަޑެކެވެ.
0 Comments:
Post a Comment