ޚަބަރު: މިނިވަންޑެއިލީ
މިދަތުރަކީ މުސްތަގްބަލްގައި ރާއްޖޭގައި ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރުމަށްޓަކައި މިނިޒާމަށް ރައްޔިތުން ހޭލުންތެރިކަން ކުރުމުގެ ޕްރޮގްރާމުގެ ދަށުން އެމްޑީޕީގެ ފަރާތުން ށ.އަތޮޅަށް ކުރި ދަތުރެވެ. މިދަތުރުގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ރައީސް ޑރ މުހައްމަދު މުނައްވަރާއި އެމްޑީޕީގެ ހީވާގި ހަރަކާތްތެރިއެއްކަމަށްވާ މާލޭ އިއްތިހާދު ގޮފީގެ ރައީސް މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) އާއި، އޭނާގެ އަނބިކަނބަލުން ޝަހީދާ މުހައްމަދާއި، މާލޭ އަސުރުމާގޭ މުހައްމަދު އާދިލްއާއި، އެމްޑީޕީ ގދ. މަޑަވެލީ އޮޑީކޮޑަ ގޮފީގެ ރައީސް ހަސަން ސައީދާއި އަދި އަހުރެނެވެ.
ވައިގެ މަގުން ހދ ހަނިމާދޫއަށް އައުމަށްފަހު ށ.އަތޮޅަށް ދިޔުމަށްޓަކައި ކުރި ދަތުރުގައި އެންމެ ފުރަތަމަ މިއަދު ހެނދުނު ދިޔައީ ނޫމަރާއަށެވެ. މިރަށް ފެންނަ ހިސާބަށް އައުމަށްފަހު ރަށަށް ފޭބޭނެ ގޮތެއް ނެތެވެ. ރަށުން މީހަކަށް ގުޅައިގެން ކުރި މަސައްކަތުން އެމީހުންގެ ބަހުން އެންމެ މަޑު ދިމާލެއް ހޯދުމަށް ރަށުގެ ވަށައިގެން ކުޑަކޮށް ދުއްވާލަން ޖެހުނެވެ. އަހަރެމެން ފައިބަން ދިޔަދިމާލުން ކުޑަ ބޮއްކުރާއެއް މޫދަށް ބާލާތަން ފެނުނެވެ. އަންހެނުންނާއި ކުޑަކުދިން ގޮވައިގެން އައި މި ބޮއްކުރާއިން ކައިރީގައި އޮތް ލޯންޗަކަށް މީހުން އަރުވާތަން ފެނުމުން މިރަށުގެ ރައްޔިތުން ލަފާފުރުމުގެ ހިދުމަތް ބޭނުންވާ މިންވަރު ދޭހަވެގެން ދިޔައެވެ.
އިރުކޮޅަކުން އަހަރެމެން ބާލަން އިތުރު ބޮއްކުރާއެއް ލޯންޗާއި ކައިރިކޮށްފިއެވެ. ފަސް މީހުންނާއި ތިން ދަބަސް އަރުވައިގެން ރަށުގެ ގޮނޑުދަށަށް ދިޔައިރު މެޔާއި ހަމަޔަށް މޫދަށް އެރިގެން ފަސް ޒުވާނަކު ތިއްބެވެ. އެމީހުން ބޮއްކުރާ އެމީހުންނާއި ކައިރިވުމާއި އެކު ވަށައިގެން ބޮއްކުރާގައި އެމީހުން ހިފަހައްޓަން ފަށައިފިއެވެ. އެއީ ބޮއްކުރާގެ ތެރެއަށް ރާޅު ޖަހާފާނެތީކަން އެނގުމުން ސަމާލުވާން ލިބުނު މަދު ސިކުންތުކޮޅުގެ ތެރޭގައި ބޮއްކުރާއަށް ރާޅެއް ބިންދާލާ ގެނައި ދަބަސްތައް ދެބައިކުޅަ އެއްބަޔަށް ތެންމާލާފިއެވެ.
ނުމަރާއަށް ފޭބިއިރު އަހަރެމެންނަށް މަރުހަބާ ކިޔުމަށް ރަށުގެ ދެތިން ޒުވާނުން ތިއްބެވެ. އެމީހުންގެ ފުރަތަމަ ސުވާލަކަށްވީ ތެމުނު ހެއްޔެވެ؟ އަދި މިއީ މިރަށުގެ އާއްމު ހާލަތު ކަމުގައި ބުންޏެވެ. އަދި ރައްޔިތުންގެ ޝަކުވާތައް އެމީހުން ސާފުކޮށްދޭން ފެށިއެވެ.
ގާތްގަނޑަކަށް 700 މީހުންގެ އާބާދީއެއް އޮންނަ ނޫމާރާގެ ރައްޔިތުންގެ ތެރޭގައި ބަރުލަމާނީ ނިޒާމަށް ތާއީދު އޮންނަނީ ކިހާވަރަކަށް ތޯ ކުރެވުނު ސުވާލަށް ޖަވާބު ދެމުން ރަށުގެ ޒުވާނެއްގެ ޖަވާބަކަށްވި “ކުޅުދުއްފުށްޓަށް ބަލި މީހުން ގޮވައިގެން ދާން ތިންވަނަ ލޯންޗު އެފުރީ. އެއީ ސިއްހީ ހާލަތު. ތިޔަބޭފުޅުންނަށް ދެންމެ ތިޔަ ފެނުނީ ލަފާފުރުމުގެ ހާލަތު. ދެން ރަށުތެރެއިން ފެންނާނެ އާއްމު ހާލަތު. އޭރުން އެގޭނެ މިރަށުގެ ރައްޔިތުން ބަދަލެއް ބޭނުންވާ މިންވަރު. އެކަމަކުވެސް އަދިއެއް އަޅުގަނޑުމެންނަށް ދެ ނިޒާމުގެ އެއްވެސް މައުލޫމާތެއް ނޭގެ. ޓީވީން އެއްޗެއް ދެއްކިޔަސް އެމީހުން ހަދާނީ ދޮގުކަން އެނގޭތީވެ ތިޔަ ބޭފުޅުން އަންނާނެ އިރަކަށް މިތިބެނީ ގޮތެއް ނިންމުމަށް” މިއެވެ.
ރަށުގެ ރައްޔިތުން ތިބީ މައުލޫމާތަށް ފެންބޮވައިގެންފައިކަން ޔަގީންވުމުން ލަސްކުރުމެއް ނެތި ގޭގެއަށް ޒިޔާރަތްކުރުމުގެ މަސައްކަތް ފެށުނެވެ. ޒިޔާރަތްކުރި ގެތަކުން ގިނައިން ފެންނަމުންދަނީ އަންހެނުންނާއި ކުޑަކުދިންނެވެ. އެމީހުންގެ ބަހުން އެނގުނުގޮތުގައި ރަށުގައި އަދި އަތޮޅުގައިވެސް އާމްދަނީ ލިބޭނެ ވަޒީފާތަކެއް ނެތުމުގެ ސަބަބުން ގިނަ ފިރިންވަނީ އަބިދަރިން ދޫކޮށް ބޭރު ރަށްތަކަށް ވަޑާން ދަތުރުތަކުގައި ގޮސްފައެވެ.
ދިރިއުޅުމުގެ ހާލަތާމެދު ބުނަނީ ކީކޭތޯ ކޮންމެ މީހެއް ކައިރީގައި އެހިނަމަވެސް ބުނަނީ މިހާލުގައި އުޅޭން ބޭނުންނުވާކަމުގައެވެ. ރަށުގައި ސިއްހީ ހާލަތު ކިޔައިދެމުން އަންހެނަކު ބުނި ގޮތުގައި މިރަށުން ސިއްހީ ގޮތުން ލިބެނީ ހަމައެކަނި ދެ ފޫޅުމައިންގެ ހިދުމަތް އެކަނި ކަމުގައެވެ. ބޯން ބޭނުންކުރާ ފެނުގެ ހާލަތު އަހާލުމުން ބުނީ އެންމެ ފަހުން ރާއްޖޭގެ ރައްޔިތުންނަށް ބެހި ކަޅުހަންވެސް ނޫމަރާއަށް ނުލިބޭ ކަމުގައެވެ. ވާރޭފެން ލިބޭނެ ހަމައެކަނި ގޮތަކީ ދެމިސްކިތުގައި ހަދާފައިވާ ތާންގީތަކުން ކަމުގައެވެ. ނަމަވެސް އެ ފެންވެސް ލިބެނީ އެންމެ ގިނަވެގެންވެސް ޖައްސަޖައްސައިގެން ދެމަސްކަމުގައި އޭނާ ބުންޏެވެ. އޭގެ ފަހުން ބޯން ޖެހެނީ ވަޅު ފެންކަމުގައި އޭނާ ހާމަކުރިއެވެ. ރަށުގެ ރައްޔިތުންގެ ބަހުން އެނގުނުގޮތުގައި މިރަށުގައި ނަރުދަމާ ނިޒާމުގެ އެއްވެސް ކަމެއް ނެތެވެ. މިހުރިހާ ކަމެއް މިހެން ހުރުމުގެ ސަބަބުން ކޮންމެ ގެޔެއްގައިވެސް ބަލިމީހަކު މިހާރު އެބަހުރިތޯ ސުވާލުކޮށްލެވެއެވެ. ހުރިހާ ގެޔެއްގައިހެން ކޮންމެވެސް މީހަކު ނުވަތަ ކުއްޖަކު ބަލިވެ އުޅެއެވެ. ނަމަވެސް 29 އަހަރުގެ ތަރައްގީގެ ތެރެއިން މިހާރު މިރަށުގައި ހެލްތު ޕޯސްޓެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ރަށުގެ ޒުވާނަކު ހާމަކުރިއެވެ.
ރައްޔިތުންގެ މިހާލަތުގައި އުޅެމުން ދިޔަ ނަމަވެސް ހާލަތު ބަލާލުމަށް އެއްވެސް މީހެއް ނާންނަކަން ރަށުގެ ރައްޔިތުން ފާހަގަ ކުރެއެވެ. މިރަށަށް މައުމޫނު އަބްދުލް ގައްޔޫމު އެންމެ ފަހުން އަދި އެންމެ ފުރަތަމަވެސް އައިސްފައިވަނީ އޭނާގެ އެންމެ ފުރަތަމަ ދައުރުގައި ވެރިކަމަށް ހޮވުމުން ކަމުގައި ރަށުގެ ރައްޔިތުން ކިޔައިދިނެވެ. އޭގެ ފަހުން މިރަށަށް އެއްވެސް އަޅާލުމެއް ދީފައިނުވާކަން ރަށުގެ ރައްޔިތުން ފާހަގަކުރަމުން ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ އަތޮޅުގެ މެމްބަރުންގެ ނުކުޅެދުންތެރިކަންވެސް ފާހަގަކުރެއެވެ.
ބަރުލަމާނީ ނިޒާމުގެ ހާލަތު ބަޔާންކޮށްދީ މިރަށަށް އިތުރަށް އަޅާލުން ލިބޭނީ އެ ނިޒާމުގެ ދަށުން އަތޮޅަށް ވަފާތެރި މެމްބަރުން ހޮވައިގެންކަން ހާމަކޮށްދިނުމުން ރަށުގެ އެއްވެސް ގެޔަކުން ދެކޮޅުވެރިކަމެއް ދައްކާފައެއް ނުވެއެވެ. ރައްޔިތުން ބޭނުންވަނީ ހެޔޮ ބަދަލުތަކެއް ކަން އެމީހުންގެ ސާބިތުކަމުން ހާމަވެއެވެ. ވޯޓުލުމަށް ލިބިފައިވާ ހައްގު ދޫކޮށްނުލާނެކަންވެސް އެމީހުންގެ ބަހުން ޔަގީންވެއެވެ.
ވީމާ ރިޔާސީ ނިޒާމުން ނުވަތަ މައުމޫނު އަދި ޑީއާރުޕީންވެސް މިރަށުގެ ރައްޔިތުން ގަނެލަފާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. ނަމަވެސް 2008 ވަނަ އަހަރު މިރަށުގެ ފަޅުކޮނެދޭނެކަމަށް ބުނެ ފެކުސްއެއް މިރަށުގެ އޮފީހަށް މިހާރު ލިބިފައިވާ ކަމުގައި ރަށުގެ ރައްޔިތުން ބުނެއެވެ. ނަމަވެސް އެމީހުން މިކަންތައް ބަލަނީ އަނދުނެއް ކަމުގައެވެ. 28 އަހަރުން އަޅާލުމެއް ނުދިން ނިޒާމަކަށް އެންމެ ދުވެހެއްވެސް އިތުރަށް ދިނުމަކަށް އެމީހުން ބޭނުމެއް ނުވެއެވެ. ނޫމަރާއަށްފަހު މިވަފްދު މިއަދު ދެން ދަތުރުކުރީ ފޯކައިދޫއަށެވެ.
0 Comments:
Post a Comment