ށ. އަތޮޅުގައި ހަދާ އެއަރޕޯޓް ހެދުމަށް ހަމަޖައްސާފައި ވަނީ އަތޮޅު ވެރިކަން ކުރާ ފުނަދޫގައެވެ. އެއީ ފުނަދޫ އާއި އެއްފަޅުގައި އޮތް ފަރުކޮޅާ ދޭތެރެ ހިއްކައިގެން އެ ބިމުގައެވެ. ބިން ހިއްކުމަށް ސާވޭ ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ހިނގަން ފަށައިފިއެވެ. އަތޮޅުގައި ހަދާ އެއަރޕޯޓަކީ އަތޮޅުގެ ރައްޔިތުންނަށް އެންމެ ފައިދަހުރި ގޮތަކަށް ހެދޭ ތަނަކަށް ވާން ޖެހޭނެއެވެ. އެއީ މުޅި އަތޮޅު ފުރިހަމައަށް ގުޅާލެވޭ ނާރެހަކަށް ވެސް ވާންޖެހޭނެއެވެ. އެންމެންނަށް ވެސް އަތްފޯރާ ފަށުގައި އޮންނަ ހިދުމަތަކަށް ވާން ޖެހޭނެއެވެ. ނަމަވެސް ފުނަދުއަކީ އަތޮޅުގެ އިރުމަތީ ބިތުގައި އޮންނަ ރަށަކަށް ވާތީ ހުޅަނގު ބިތުގެ ރަށްތަކަށް ފުނަދޫ ވަރަށް ދުރެވެ. މިހާރުވެސް އަތޮޅު ހޮސްޕިޓަލް ފުނަދޫގައި ހުއްޓަސް، ފަރުވާކުރުމަށް ކުޅުދުއްފުށީ ހޮސްޕިޓަލަށް އަތޮޅުގެ ގިނަ ބަޔަކު ދަނީ ފުނަދޫ ދުރުވީމައެވެ. ކުޅުދުއްފުށި ކައިރި ވީމައެވެ. ކަނޑު ދަތުރުފަތުރަށް ކުރަންޖެހޭ ހަރަދު އެހާ ބޮޑު އިރު އަދި އަމުދުން ގަވައިދުން ދަތުރުކުރާ ފެރި ނިޒާމެއް ނެތްއިރު، މާދުރުގައި އޮތް އެއާޕޯޓަކަށް ލަފައި، އަމިއްލަ ރަށަށް ދިއުމަށް ލޯންޗަކަށް ހަތަރު ފަސް ހާސް ރުފިޔާ އަށްވުރެ މަތިން ހަރަދު ކުރަން ޖެހުނީމާ އެ ހިދުމަތް ހޯދޭނީ ކާކަށް ހެއްޔެވެ؟ ދެން އޮތީ އެހެން ވާހަކައެކެވެ. ފުނަދޫގައި އެއާޕޯޓު އަޅާނެ ޖާގައެއް ނެތެވެ. ޖާގަ ޖެހެނީ ހަދާށެވެ. ބިން ޖެހެނީ ހިއްކާށެވެ. އެހެންވީމާ އެއާޕޯޓު ހެދުމުގެ ހަރަދަށް ބިން ހިއްކުމުގެ ހަރަދު އެއްކުރީމާ ހަރަދު ދެގުނަ ނޫނީ ތިން ގުނަ ވީއެވެ. ވަގުތުވެސް ގުނަވީއެވެ. މީގެ ބަދަލުގައި، އެއާޕޯޓަކަށް އެކަށީގެންވާ 'ގުދުރަތީ' ބިން ލިބެން އޮތް ރަށެއްގައި މިކަން ކުރީމާ ބިން ހިއްކަން ހަރަދުކުރާކަށް ނުޖެހޭނެއެވެ. މިއީ ހަރަދު މާބޮޑަށްވެސް ކުޑަ ކުރެވޭނެ ގޮތެއް، އެހެން ނޫން ހެއްޔެވެ؟ އެނގޭ ހެއްޔެވެ؟ އަތޮޅުގެ ގާތްގަޑަކަށް މެދުގައި ވަރަށް ބިން ބޮޑު ރަށެއް އެބަ އޮތެވެ. އެއީ މަޑިދުއެވެ. އަތޮޅު ހޮސްޕިޓަލާއި، އަތޮޅު ބޭންކާއި، އަތޮޅު އެއާޕޯޓު ފަދަ ތަންތަނަކީ އަމުދަކުން އަތޮޅު ވެރިކަން ކުރާ ރަށަށް ހާއްސަވެ ވަގުފު ވެފައި ހުންނަން ޖެހޭ ތަންތަނެއް ނޫނެވެ. އެއީ އަތޮޅުގެ އެންމެންނަށް ލުއިފަސޭހަކަމާ އެކު އާއްމުކޮށް ވަދެނުކުމެ އުޅެވެން ޖެހޭ ތަންތަނެވެ.
8/03/2008
އަތޮޅު އެއަރ ޕޯޓް
Labels: ޚިޔާލު
0 Comments:
Post a Comment