8/06/2008

މައުމޫނު؛ ހަތަރު ޕްލެނެޓްގެ މެދުގައި

ތަރިރުހަނދުގެ ދައުރުވުންތަކުން ދައްކާގޮތުގައި މިއަހަރުގެ ރިޔާސީ އިންތިހާބު ޝައްކެއްނެތި މައުމޫން އަބްދުލް ގައްޔޫމަށް ކާމިޔާބު ވާނެކަމަށް ފަލަކީ އިލްމުވެރިޔާ އަދި އެމް އެސް ޑީ ޕީގެ ރައީސް ރީކޯ އިބްރާހިމް މަނިކު އެ ޕާޓީގެ ސިޔާސީ ފެންޑާގައި، މުޖައްރިބުކަމާއެކު ކަށަވަރުކޮށްދީފިއެވެ. ފަލަކީ ވިޔަ ދައްކާގޮތުން މިއަހަރުގެ އިންތިހާބު ކަމިޔާބު ކުރެވޭނީ ހަތަރު ޕްލެނެޓްގެ ބާރު ލިބިހުރި މީހަކަށް ކަމަށާއި އެ ބާރު ލިބިހުރި ހަމައެކަނި މީހަކީ ރައީސް މައުމޫނު ކަމަށް އޭނާ ބަޔާން ކުރެއެވެ. މިފަހަރުގެ އިންތިހަބުގައި ރައީސް މައުމޫނަށް ސީދާވަނި އަމަރުތައޯގަ އެވެ. އިދިކޮޅު ފަރާތްތަކަށް އުއްޕަނިއޯގަ އެވެ.

އަތްބެލުމާއި ފާލު ބެލުމާއި ނަކަތްރާހިބެލުމާއި އިރުވަރު ބެލުން ފަދަ ކަންކަމަކީ، ދިވެހިން ޒަމާންތަކެއް ވަންދެން އެމައްޗަށް ބަރޯސާވެ، ހިފަހައްޓަމުން އައި އާދަކަދައަކަށް ވީނަމަވެސް، ޒަމާންތައް ދައުރުވެ، އުނގެނޭ އިލްމާއި އެއާއި ގުޅިގެން އައި ވިސްނުންތައް ބަދަލުވެ، މިހާރު ނެތުމުގެ މަގުމަތީގައިވާ ފިކުރެކެވެ. ނަމަވެސް ސިޔާސީ މައިދާނަށް އައި މި ހަލަބޮލޮކަމުގެ ތެރެއިން އަނެއްކާ މި ފެންނަނީ މި ގަދީމީ ފިކުރު އަލުން ތެދުވެ ހިންދަމަލިތަނެވެ. ގައުމުގެ އެންމެ ވާދަވެރި ރޭސް ނިމޭ ރޮނގު ގުޅާލެވިފައިވަނީ ފަލަކުގެ ތަރިތަކާ އެވެ.

ސައިންސް ސާބިތުކޮށްދީފައިވަނީ ތަރި އިރު ހަނދު މިތަކެތީގެ ދައުރުވުމާ ދުނިޔޭގެ ހިނގުމާ ގުޅުންތަކެއް ވާކަމުގައެވެ. ދިޔަވަރު ބަދަލުވަނީ ހަނދާ އިރުގެ ދަމާބާރުގެ ސަބަބުންނެވެ. މީގެ އިތުރުން ފާހަގަކުރެވޭ އަނެއް ކަމަކީ ބައެއް މީހުންގެ ތަބީއަތާ މި ތަކެތީގެ ދައުރުވުމާ ގުޅިފައިވުމެވެ. ސިނކުނޑީގެ ބަލި މީހުން، ހަނދުވަރު އެންމެ ގަދަވާ ރޭތަކުގައި، ނުވަތަ ހަނދު އެންމެ ބޮޑުވާ ރޭތަކުގައި، ބަލި ވަކިން ބޮޑުވެދެއެވެ. މީގެ އިތުރުން މީހެއްގައި އާއްމުކޮށް ހުންނަ މިޒާޖު ކުއްލިއަކާ ބަދަލުވެ، އަނގަ ގަދަވެ، އޭނާގެ އުނދަގޫ އެހެން މީހުނަށް ބޮޑުވެ، މިފަދަ ކަންކަން ދިމާވުމުން އެފަދަ މީހާއަށް ނިސްބަތްކޮށް 'ހަނދުބޮޑުވުން' ބޭނުންކުރެވެއެވެ. މާނައަކީ މޮޔަވުމެވެ. މިހިރީ ހަމަ ގައިމުވެސް ހަނދާ އަހަރެމެންނާ ހުރި ގުޅުމެވެ.

އަހަރެމެންނަށް ގަބޫލުކުރެވޭ ގޮތުގައި އިންތިހާބެއްގެ ނަތީޖާ ކަނޑައަޅާ ފަރާތަކީ ވޯޓުލާ ރައްޔިތުންނެވެ. ރައްޔިތުން ވޯޓު ކަރުދާސްކޮޅު ފޮށްޓަށް ވައްޓާލާއިރު ތަރިއަކަށް ހަނދަކަށް އިރަކަށް ނަކަތަކަށް ރާއްސަކަށް ނުބަލައެވެ.

އަދި ގުނެމުން މިދަނީ ހަނދުމަހުގެ ކުރިކޮޅެވެ. މިވާހަކަތައް މި ދެކެވެމުން ދަނީ ހަނދު އެހައި ބޮޑު ނުވާ އިރުއެވެ. ކުރިޔަށް އޮތީ މަހުގެ ސާދަ ފަނަރައެވެ. ވީމާ ހަނދުބޮޑުވުން އަދި ކުރިޔަށް އޮތީއެވެ.

:. ދިވެހި ރަދީފުން ނަގާފައި.

އުއްޕަނިއޯގަ: ނަކަތްރިންގެ އިސްތިލާހުގައި ނުބައި

އަމަރުތައޯގަ: ލާބަޔާއި ނަސްރު ލިބޭ އިރުވަރު.

އޯގަ: ނަކަތްތެރިންގެ އިސްތިލާހުގައި އިރުވަރު.

0 Comments: