8/10/2008

އެމްޑީޕީ ވެރިކަމަށް އަންނަތާ ފަސްއަހަރުގެ ތެރޭގައި ހުރިހާ ރަށެއްގައި ފެރީގެ ޚިދުމަތް ފަށާނެ: އަންނި

ޚަބަރު: އިރު އޮބްޒާވަރ
އެމްޑީޕީގެ ސަރުކާރެއް ރާއްޖޭގައި ވެރިކަންކުރާތާ 5 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާރަށެއްގައި ފެރީގެ ޙިދުމަތްދޭނެ ކަމަށް އެޕާޓީގެ ރައީސް އަޙުމަދު ނަޝީދު، (އައްނި) ވިދާޅުވިއެވެ.

ނަޝީދު، މިހެން ވިދާޅުވީ މިއަދު އެމްޑީޕީގެ ހަރުގޭގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.
އެބައްދަލުވުމަކީ އެއްޑީޕީގެ ސަރުކާރުން ކުރުމުއްދަތެއްގެ ތެރޭގައި މިހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން އަތޮޅުތަކުގެ މެދުގައި ދަތުރުކުރާނެ ފެރީގެ ޙިދުމަތް ދިނުމާއި ބެހޭ ގޮތުން އެޕާޓީން ގެންގުޅުއްވާ ސިޔާސަތު ހާމަކުރެއްވުމަށް ބޭއްވި ބައްދަލުވުމުކެވެ.
އަދި މިހާރު ހުރި ވަސީލަތްތައްބޭނުންކޮށްގެން އެޕާޓީގެ ވެރިކަމެއްގައި އަތޮޅުތަކުގެ ހުރިހާ ރަށެއްގެ މެދުގައި ފެރީގެ ދަތުރުފަތުރުގެ ޙިދުމަތްދިނުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލާނެ ކަމަށެވެ.

އަދޮ މިކަމުގެ ސަބަބުން އަތޮޅުތަކުގައި ދަތުރު ފަތުރުކުރުމުގެ ޙިދުމަތް ދިނުމަށް ސަރުކާރުން ކުރަންޖެހޭ ޙަރަދުގެ 20 އިންސައްތަ ކުޑަވެގެންދާނެ ކަމަށް ނަޝީދު، ވިދާޅުވިއެވެ.

އެމްޑީޕީގެ އަމާޒަކީ މިދިވެހި ރާއްޖެ އެހެން ދިވެހި ރާއްޖެއަކަށް ހެދުން ކަމަށް އަންނި ވިދާޅުވިއެވެ.
އެގޮތުން އެމްޑީޕީގެ ސަރުކާރުން ދިގުމުއްދަތެއްގެ ތެރޭގައި ކުރާނެ ކަމަށް ބުނެފައިވާ ކަންތައްތަކަށް ބަލާލާއިރު، ލާމެހިފައިވާ ފުރިހަމަ ދަތުރު ފަތުރުގެ ނިޒާމަށް މަގު ފަހިކުރުމުގެ ގޮތުން އެހެން ރައްރަށަށްދާ މީހުން މަޑު ކޮއްލުމަށް ގެސްޓް ހައުސް ހަދައި އެރައް ރަށުގެ ފެރީޓާމިނަލް ޤާއިމުކުރުމަށް އެމްޑީޕީގެ ސަރުކާރަކުން އެހީވެދޭނެ އެވެ.

އަދި އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި ބޭނުންވާ ލުއިފަސޭހަކަން ރައްޔިތުންނަށް ހޯދައިދިނުމުގެ ގޮތުން ހުރިހާ ރައްތަކުގެ މާރކެޓްތަކާއި ޙިދުމަތްތަކާއި ދިރިއުޅޭ މީހުންނާއި ބަނދަރުތައް ލާމެހިފައިވާ ދަތުރުފަތުރުގެ ނިޒާމުން ގުޅާލެވި، އެންމެ ކުޑަ އާމްދަނީއެއް ލިބޭ މީހާއަށް ވެސް އެއްތަނުން އަނެއްތަނަށް އަތްފޯރާ އަގުތަކެއްގައި މަގުފައި ކޮށްދޭނެ ކަމަށް އައްނި ވިދާޅުވިއެވެ.

0 Comments: