6/15/2007

ށ. އަތޮޅުގެ އާބާދީގެ 31 އިންސައްތަ މީހުން އިގްތިސާދީ ގޮތުން ހަރަކާތެރިއެއްނުވޭ: ޕްލޭނިން

ޚަބަރު: ޖަޒީރާނޫސް
ށ.އަތޮޅުގެ އާބާދީގެ 31 އިންސައްތަ މީހުން އިގުތިސާދީ ގޮތުން ހަރަކާތްތެރި ނުވާ ކަމަށް ޕުލޭނިންގ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޕުލޭނިންގ މިނިސްޓްރީން މިއަދު އާންމު ކުރި ށ. އަތޮޅު އަބާދީގެ ބޯހިމެނުމުގެ ނަތީޖާއިން ދައްކާ ގޮތުގައި އެއަތޮޅުގައި ތިބި 15 އަހަރުން މަތީގެ އާބާދީގައި އިގުތިސާދީ ގޮތުން ހަރަކާތްތެރި ނުވާ މީހުންގެ ނިސްބަތަކީ 31 އިންސައްތަ އެވެ. އެއަތޮޅުގެ އާބާދީއަކީ 11940 އެވެ.

” ށ.އަތޮޅުގައި 15 އަހަރުން މަތީގެ އާބާދީގައި ހިމެނޭ މީހުންގެ ތެރެއިން އިގުތިސާދީ ގޮތުން ހަރަކާތްތެރިނުވާ ރޭޓަކީ 31 އިންސައްތަ އެވެ.“ ޕުލޭނިންގ މިނިސްޓްރީން މިއަދު އާންމު ކުރި ށ.އަތޮޅުގެ ބޯހިމެނުމުގައި ބުނެފައި ވެއެވެ.

މިއަދު އާންމު ކުރި ނަތީޖާއިން ދައްކާފައިވަނީ އެއަތޮޅުގެ 15 އަހަރުން މަތީގެ އާބާދީގައި އިގުތިސާދީ ގޮތުން ހަރަކާތްތެރިވާ ފިރިހެނުންގެ ނިސްބަތަކީ 74 އިންސައްތަ އެވެ. އަދި އަންހެނުންގެ ނިސްބަތަކީ 69 އިންސައްތަ އެވެ. އަދި އެއަތޮޅުގައި އިގުތިސާދީ ގޮތުން ހަރަކާތްތެރިވާ ފިރިހެނުން އެންމެ ގިނައީ ފުނަދޫ ގައި ކަމަށާއި އަންހެނުން އެންމެ ގިނައީ ގޮއިދޫގައި ކަމަށްވެސް އެ ނަތީޖާއިން ދައްކަ އެވެ.

އެއަތޮޅުގެ 15 އަހަރުން މަތީގެ އާބާދީގެ ތެރެއިން މަސައްކަތް ހޯދަން އުޅެ މަސައްކަތް ލިބިފައި ނުވާ މީހުންގެ ރޭޓަކީ 12 އިންސައްތަ އެވެ. މިއަތޮޅުން މަސައްކަތެއް ހޯދަން އުޅެ މަސައްކަތެއް ލިބިފައި ނުވާ މީހުން އެންމެ ގިނަ ކަމަށް ދައްކާފައިވަނީ މިލަންދޫގަ އެވެ. އެއީ ފިރިހެނުންގެ 6 އިންސައްތައާ އަންހެނުންގެ 19 އިންސައްތަ އެވެ.

ށ.އަތޮޅުގައި އިގުތިސާދީ ގޮތުން ކޮށްއުޅޭ އާންމު މަސައްކަތަކީ އުފެއްދުން ތެރިކަމެވެ. ދެވަނައަށް ތައުލީމީ ދާއިރާގައި ގިނަ ބަޔަކު ހަރަކާތް ތެރިވާއިރު ދިވެހިންގެ ލޭނާރު ކަމުގައިވާ މަސްވެރިކަމަށް އިސްކަންދީފައި ވަނީ ތިން ވަނަ އަށެވެ.

ށ.އަތޮޅުގެ އާބާދީގައި އެވްރެޖްކޮށް ފިރިހެނުން ކައިވެނިކޮށް އުޅެނީ އުމުރުން 24 އަހަރުގަ އެވެ. އަދި އަންހެނުން ކައިވެނިކުރާ އުމުރަކީ 21 އަހަރެވެ.

0 Comments: