
ޚަބަރު: އާފަތިސް
ޒޯން ޗެމްޕިއަނުންގެ މެދުގައި މާލޭ ގައި ކުޅެވުނު އެއްވަނަ ޑިވިޜަން ޒޯން 8-1 ގެ ފައިނަލްގައި އިއްޔެ ހަވީރު ފައުންޑޭޝަން ފޯރ ވިލުފުށި ޑިވެލޮޕްމަންޓް އާ ބައްދަލުކޮށް 1-0 ކުން މި މުބާރާތުގެ ތަށި ފޯކައިދޫ ފުރަތަމަ ފަހަރަށް އުފުލާލައިފިއެވެ.
ދެ ރަށަށް ނިސްބަތްވާ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަން އިއްޔެގެ މެޗުގައި ދެޓީމުގެ ފަރާތުންވެސް ބަލާހިތްވާފަދަ ފޯރިގަދަ ކުޅުމެއް ފެނިފައި ވެއެވެ. ހަމަހަމަ ކުޅުމަކާއެކު ދެޓީމުން ވެސް ފެށި މެޗުގެ އޮއިވަރު ފޯކައިދޫ ކޮޅަށް ބުރަވެގެން ދިޔައީ މެޗުގެ 27 ވަނަ މިނެޓްގައި އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަށް ވިލުފުށީގެ ދިފާޢީ މައި ކުޅުންތެރިޔާ އިބްރާހީމް އަނިލް ހަމަލާ ދިނުމުން ލިބުނު ހިލޭ ޖެހުމެއްގައި ގޯލު ފޫޅުވާލައި ގެންނެވެ.
މުޅިން ހުސްކޮށް ބޯޅަ ހިފައިގެން ދިޔަ ފޯކައިދޫގެ ބިދޭސީ ކުޅުންތެރިޔާ މުހައްމަދު ދާލްލާ އަށް ހަމަލާ ދިނުމުން ރެފްރީ އަޙްމަދު އަމީޒް އިބްރާހީމް އަނިލް އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވައިލި އެވެ.
ފޯކައިދޫގެ ލަނޑާއެކު ވިލުފުށިން އިތުރު ހިތްވަރެއްލައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ފެށިއެވެ. އެހެންނަމަވެސް ފުރަތަމަ ހާފްގައި ފޯކައިދޫން ވިލުފުށީގެ ކުޅުންތެރިންނަށް އެއްވެސް ފުރުސަތެއް ނުދީ މެޗް ކޮންޓްރޯލް ކުރިއެވެ. ދެވަނަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ފިޒިކަލް ކުޅުމެކެވެ. ދެވަނަ ހާފް ފެށިގެން ގިނައިރުތަކެއް ނުވެ ފެނިގެން ދިޔައީ ވިލުފުށީގެ އިތުރު ކުޅުންތެރިއަކު ކުރި ކުށަކަށް ދެވަނަ ރީދޫ ކާޑާއެކު ރެފްރީގެ ރަތް ކާޑުގެ ނިޔާ އަމާޒު ވިތަނެއެވެ. 58 ވަނަ މިނެޓްގައި ޝުއައިބު އަޙްމަދު އަށް ދެއްކި ރަތްކާޑު ވެގެންދިޔައީ ވިލުފުއްޓަށް ލިބުނު ވަރަށް ބޮޑު ހިތްދަތި ކަމަކަށެވެ. ކުޅުންތެރިންގެ ފިޒިކަލް ގޭމްގެ ސަބަބުން ރެފްރީގެ ނިޔާއާ ދޭތެރޭ ވިލުފުށީގެ ވަރަށް ގިނަ ސަޕޯޓަރުންގެ ނުރުހުން ފާޅު ކުރިތަންވެސް ފެނިގެން ދިޔައެވެ.
ދެވަނަ ހާފްގައި ވެސް ވިލުފުށިން އެޓީމުގެ ސުން ކަނޑުވާލުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން ދިޔައެވެ. އެހެންނަމަވެސް ފޯކައިދޫއިން އެމީހުންނަށް ލިބިފައިވާ ލީޑް ދިފާޢު ކުރުމަށް ކުރަމުން ދިޔަ މަސައްކަތުގެ ސަބަބުން ވިލުފުއްޓަށް ގޯލު ޖަހާނެ މާ އެދެވޭ ފުރުސަތެއް ތަނަވަސް ވެފައެއް ނުވެއެވެ.
ޖުމްލަ ހަތް ރީދޫ ކާޑު ފެނުނު އިއްޔެގެ މެޗުގައި ފޯކައިދޫގެ އަލީ ރަމީޒް އަށް ވެސް ދެވަނަ ރީދޫ ކާޑާއެކު 27 ވަނަ މިނެޓްގައި ރަތް ކާޑު ދައްކާފައި ވެއެވެ.
ފަހު ހާފްގައި ވިލުފުށީގެ ކޯޗު އާދަމް އަބްދުއްލަޠީފް (ލައްޗޭ) ކުޅެން އަރައިގެންވެސް ފޯކައިދޫއަށް ލިބިފައިވާ ހަނި ލީޑް ގެއްލުވައިލުމަށް މަސައްކަތް ކުރި ނަމަވެސް ރެފްރީގެ ފަހު ކަށިގަނޑާ ހަމައަށް ވެސް އިތުރު ލަނޑެއް ފެނިފައެއް ނުވެއެވެ.
ފައިނަލް މެޗަށްފަހު ވަނަތަކަށް އައި ކުޅުންތެރިންނަށާއި ޗެމްޕިއަން ޓީމަށް ތަށި ދެއްވީ ޝަރަފްވެރި މެހްމާން ޔޫތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނަރަލް އަލީ އޫސުފް ފުޅެެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިލުފުށީ ޓީމުގެ ޢަބްދުﷲ އަރީން އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވަނީ ފޯކައިދޫ ޓީމުގެ ގޯލްކީޕަރު އިބްރާހީމް ރަޝީދެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ މަހިބަދޫ ރައްޔިތުންގެ ޖަމިއްޔާގެ އަސަދުﷲ އަބްދުﷲ އާއި އެދަފުށީ ޓީމުގެ ކެޕްޓަން އަބްދުއްލޯ މަޖީދު އެވެ. މިދެ ކުޅުންތެރިންވެސް ފަސް ލަނޑު ކާމިޔާބު ކޮށްފައި ވެއެވެ. ފެއާޕްލޭ ޓީމަކަށް ހޮވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފޯކައިދޫ ޓީމުގެ ސޭމް ގޮރްމޮޖޭ އެވެ.
0 Comments:
Post a Comment