8/08/2007

ތައުލީމީ ފެންވަރު އުފުލުމަށް ތުއްތުކުދިންނާ ރައްޓެހި މަހައުލެއް އުފައްދަނީ

ޚަބަރު: މިނިވަންޑެއިލީ
ކޮމަންޑޫގެ ސީދާ ބެލެނިވެރިންގެ އިސްނެގުމުގެ މަތިން 2005 ވަނަ އަހަރު އެ ރަށުގައި އުފެއްދި ޗައިލްޑް ފުރެންޑްލީ ސްކޫލުގެ ދަރިވަރުންގެ ކިބައިގާ މިހާތަނަށް އައިއިރު އަށަގެންފައިވާ އެންމެ ގޯސް ސިފައަކީ ޓީޗަރުންނަށާއި ވެރިންނަށް އިހުތިރާމް ނުކުރުންކަމަށް އެސްކޫލުގެ ހެޑްމާސްޓަރު އިސްމާއިލް ޝަރީފު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މާލޭގެ ދެ ސްކޫލެއްކަމުގައިވާ އިސްކަންދަރު ސްކޫލާއި ޖަމާލުއްދީން ސްކޫލުގެ ގްރޭޑް އެކެއްގެ ޓީޗަރުންނާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި ޔުނިސެފާ އީޑީސީ ގުޅިގެން މިއަދު ކޮމަންޑޫ ސްކޫލުގައި ފެށި ދެދުވަހުގެ ތަމްރީނު ޕްރޮގްރާމުގައި އެސްކޫލުގެ ސީނިއާ މެނޭޖްމަންޓާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ޔުނިސެފުން ފަންނީ އެހީ ދީގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އީޑީސީ ގުޅިގެން ހިންގަވަމުން ގެންދަވާ ތަމްރިނު ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިކުލާސްތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ކިބައިގައި ބަހުގެ ހުނަރުތައް އެހެން ކުލާސްތަކުގެ ދަރިވަރުންނާ ހިލާފަށް ވަރަށް ބޮޑަށް އަށަގެންފައިވާ ކަމަށެވެ. އަދި މިކުދިންނަކީ އެހެން ކުދިންނާ ހިލާފަށް ޒިންމާދާރު ބައެއްގެ ގޮތުގައިވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެހެން ކުލާސްތަކުގެ ކުދިންނާއި ހިލާފަށް ޗައިލް ފުރެންޑްލީ ކުލާސްތަކުގެ ދަރިވަރުންގެ ކިބައިގާ ޓީޗަރުންނާއި ވެރިންނަށް އިހްތިރާމް ކުރުމުގެ ބައި ކުޑަކަމަށްވެސް ވިދާޅުވިއެވެ.

އަޑުއެހުމާއި ވާހަކަ ދެއްކުމުގެ ހުނަރުތައް ދަސްކޮށްދޭ މި ތަމްރީނު ޕްރޮގްރާމުގެ ދަށުން މާލޭ ޕްރައިމަރީ ސްކޫލުތަކުގެ ޓީޗަރުންނަށް މިކަމާ ބެހޭ ތަމްރީނުވެސް ލިބިގެންދާނެ ކަމަށް އެފަރާތުން ހާމަ ކުރައްވައެވެ. އަދި ތަމްރީނު ޕްރޮގްރާމުން މިކަމުގައި ހުރި ދަތިތަކާއި އިތުރަށް ރަނގަޅު ކުރުމަށް ހުރި ކަންތައް ފާހަގަ ކުރެވޭނެ ކަމަށާއި އަދި މިކަން ޒިންމާދާރު ގޮތެއްގައި ކުރެވިދާނެ ގޮތްތަކަކަށްވެސް ވާހަކަ ދެއްކުމަށްވަނީ ހަމަޖެހިފައެވެ.

ރަސްމީކޮށް ފުރަތަމަ ފަހަރަށް މާލޭގެ ސްކޫލުތަކުގެ ޓީޗަރުން ބައިވެރިވެގެން ކުރިއަށްގެންދާ މިތަމްރީނު ޕްރޮގްރާމުގެ ދަށުން ކޮމަންޑޫގައި ޗައިލްޑް ފުރެންޑްލީ ކުލާސްތަކުގެ ކުދިން ކިޔަވަމުންދާތަން މިޕްރޮގްރާމުގެ ބައިވެރިންވަނީ ބައްލަވާލައްވާފައެވެ

ލ އަތޮޅުގައި އެންމެ ފުރަތަމަ ފެށި ޗައިލްޑް ފުރެންޑްލީ ޕްރޮގްރާމްގެ ދަށުން އަދި ކިޔަވައިދެމުން ދަނީ ގުރޭޑް 1 އަދި ގުރޭޑް 2 ގެ ދަރިވަރުންނަށެވެ. ޗައިލްޑް ފުރެންޑްލީ ޕްރޮގްރާމު ރާއްޖެތެރޭގައި ފެށިގެން ކުރިއަށް ގެންދަވަނީ މިހިސާބުގެ ގައުމުތަކުގައި މިކަން ކުރާ އުސޫލުތައް ބަލައިގެން އެކަމުގެ ތަޖުރިބާ ހުރި ބޭފުޅުން ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ރާއްޖޭގައި މިޕްރޮގްރާމު ހިންގަވަނީ ރާއްޖޭގެ ސަގާފަތާއި އާދަކާދައާ ގުޅޭގޮތަށް ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެވެ. މައުލޫމާތު ލިބޭގޮތުގައި މިހާރު 107 ރަށެއްގެ 80 އިންސައްތަ ސްކޫލުގައި މި ޕްރޮގްރާމް ހިންގަމުން ގެންދެވެއެވެ.

1981 ވަނަ އަހަރު އިމާރާތް ކުރެވިފައިވާ ކޮމަންޑޫ ސްކޫލުގައި މިހާރު ކިޔަވައިދެމުންދާ ޓީޗަރުންނަކީވެސް ގުރޭޑް 10 ނިންމާފައި މިކަމުގެ ތަޖުރިބާ ހުރި ޓީޗަރުން ކަމަށްވެސް ސްކޫލުގެ ހެޑްމާސްޓަރު ވިދާޅުވިއެވެ.

މިއަދުގެ ތަމްރީނު ޕްރޮގްރާމުގެ ބައިވެރިން ހާމަކުރި ގޮތުގައި މިތަމްރީނު އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ގެންދެވޭނީ މިކަމަށް ގާބިލް ތަމްރީނު ލިބިފައި ތިބި ޓީޗަރުންތަކެއް އުފެއްދިގެންނެވެ.

0 Comments: