
ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ހަރަކާތްތެރިކަން މަޑުންނަމަވެސް މިހާރު ފެންނަމުން އެބަ ދެއެވެ. ސަރުކާރު ޒިންމާ ކުރުވުމުގައި ވަރަށް މަދު ނަމަވެސް މެންބަރުން ކޮޅެއް އެބަ މަސައްކަތް ކުރައްވައެވެ. އެކިއެކި އަތޮޅުތަކުގެ މެމްބަރުން، އެ އަތޮޅުތަކުން ތަހައްމަލް ކުރަމުންދާ ދަތިތަކާމެދު އެމައްސަލައަކާ ގުޅޭ ވަޒީރުންނާ ސުވާލުކުރެވޭތަން އެބަ ފެނެއެވެ. މިކަމުގެ ސަބަބުން ހަރަކާތް ކެނޑިފައި ހުންނަ ބައެއް ޕްރޮޖެކްޓްތަކަށް ދިރުން އަންނަމުން ދާތީ ފެނެއެވެ. އަދި ވުޒާރާތަކުން ކުރާ ކަންކަމާ ސުވާލުކުރާނެކަން އެނގޭތީ، ވަޒީރުން "ބަރާބަރަށް" ތިއްބެވުމުގެ ރޫހެއްވެސް އުފެދޭނެކަމަށް އުއްމީދު ކުރެވެއެވެ. މީގެ އިތުރުން އަތޮޅުގެ ކުރިން ބުނިފަދަ ކަންކަމުގައި ސުވާލުކޮށް ރައްޔިތުންގެ ޚިޔާލާއި ޝުއޫރު ފާޅުކުރާ މެމްބަރުންގެ ތާއިދު ރައްޔިތުންގެ މެދުގައި އިތުރުވެގެންދާތީ ވެސް ފެނެއެވެ.
މިހާރު ދެ މަޖިލީހުގެ ރެކޯޑިން ޓީވީ އާއި ރޭޑިއޯއިން ދައްކާތީ މެމްބަރުން މަޖިލީހުގައި ކުރައްވާ ނުކުރައްވާ ރައްޔިތުން ބަލައެވެ. ފާހަގަކުރެވޭ ކަމަކީ މަޖިލީހުގައި އަޑުއުފުލަނީ އާއްމުކޮށް އެއް ބައެއް ކަމެއެވެ. ހިމޭނުން ތިއްބެވި މެމްބަރުން އަދިވެސް ތިއްބެވީ ހަމަ ތިއްބެވީއެވެ. ށ. އަތޮޅުގެ މެމްބަރުން މަޖިލީހުގައި ހިޔާލުފާޅުކުރައްވާތީއެއް ނުފެނެއެވެ. ނަމަވެސް، ދާދި ފަހުން ހާއްސަ މަޖިލީހުގެ މެމްބަރު މޫސާ ރަމީޒް، ދުވަހުގެ މައުލޫއާ މާބޮޑު ގުޅުމެއް ނެތް ވާހަކައެއް ދައްކަވާތީ ފެނުނުކަން ހަނދާނެއް ނުނެތެއެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ މެމްބަރުން އެ މެމްބަރަކު ނިސްބަތްވެލައްވާ ދާއިރާއެއްގެ ހާލަތު ބައްލަވާ، އެ ދާއިރާއެއްގެ ރައްޔިތުންގެ ހިޔާލާ އެއްގޮތަށް މަޖިލީހުގައި ވާހަކަ ދެއްކެވުމަކީ އެ މެމްބަރުންގެ މަސްއޫލިއްޔަތެކެވެ. ބައެއް މެމްބަރުން ވަޒީރުންނާ ސުވާލުކުރައްވާ އިރު އެވެނި އަތޮޅެއްގެ މިވެނި ރަށެއްގެ މިވެނި ކަމެއް މިހެން އެހެން ... ސުވާލު އެބަ ކުރައްވައެވެ. އަނެއްކާ ށ. އަތޮޅުގައި މިގޮތަށް ސުވާލު ކޮށްލާނެ އެއްވެސް ކަމެއް ނެތީ ބާއެވެ. ހުރިހައި ކަމެއް ހުރީ ރައްޔިތުން އެދޭ ގޮތަށް ފުރިހަމަ ވެފައި ބާއެވެ. ނޫނެކެވެ. ރައްޔިތުންނަށް ދަތިވެފައި ހުރި އެތައް ކަމެއް އެބަ ހުއްޓެވެ. ލަފާފުރުމުގެ ދަތިކަން، ސިއްހީ ހިދުމަތް، ތައުލީމީ ހިދުމަތް، ދަތުރުފަތުރު މިހެން ގޮސް އެތައް ކަމެކެވެ.
މީގެ އިތުރުން އެކިއެކި ވަޒީރުން ނުވަތަ ސަރުކާރުގެ އެކިއެކި ދާއިރާތަކުން ރަށްރަށަށް ކުރާ ޒިޔާރަތްތަކުގައި ރައްޔިތުންނަށް ކޮށްދޭން ބުނެފައި ހުރި އެތައް އަދިވެސް ނުވެފައި އެބަހުއްޓެވެ. ފަޅު ކޮނެދޭން، ކަނޑު ތޮށި މަރާމާތު ކޮށްދޭން، ސިއްހީ މަރުކަޒު އަޅާދޭން، އެވެނި އެއްޗެއް ދޭން މިވެނިކަމެއް ކޮށްދޭން ނުބުނާ ރަށެއް ނެތެވެ. އެތައް ކަމެއް އެހެރީ ނުވެއެވެ. ރައްޔިތުން ހަދަންވީ ކިހިނެއް ހެއްޔެވެ؟ މަޑުމަޑުން ތިބެން ވީ ހެއްޔެވެ؟ ނޫނީ އޮފީސް ބަންދުކުރުމުގެ އާދަކާދަ ހިފަހައްޓަން ވީހެއްޔެވެ؟ ނުވަތަ އެހެން އަތޮޅުތަކުގެ މެމްބަރުން ގާތަށް ގޮސް އަހަރެމެން އަތޮޅު މެމްބަރު މި ސުވާލުކޮށެއް ނުދިނޭ، މިސުވާލު ކޮށްލަދީފާނަން ހެއްޔޭ، ކިޔާ އާދޭސް ކުރަންވީ ހެއްޔެވެ؟
0 Comments:
Post a Comment