ޚަބަރު: ހާމަޑެއިލީ
މިއޮގަސްޓްމަހުގެ އަށާރަވަނަ ދުވަހު މުޅި ރާއްޖޭގައި ބާއްވާ އާއްމު ވޯޓްގެ ވޯޓް ފޮށިތައް އަތޮޅުތަކަށް ފޮނުވަން މިއަދު ފަށައިފިއެވެ. ދިވެހި ރާއްޖޭގެ އަޑަށް މައުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް އިލެކްޝަން ކދ.އަހްމަދު މަނިކު ވިދާޅުވީ، މިހާރު ނުވަ އަތޮޅަކަށް ވޯޓް ފޮށްޓާއި، ވޯޓް ކަރުދާސް ހިފައިގެން ލޯންޗްތައް ފުރުވާލައިފައިވާ ކަމަށާއި، ބާކީ އޮތް އެގާރަ އަތޮޅަށް ބޭނުންވާ ވޯޓް ފޮށިތަކާއި އެހެނިހެން ސާމާނު މާދަމާގެ ވަގުތެއްގައި ފުރުވާލެވޭނެކަމަށެވެ. މިހާތަނަށް ވޯޓް ފޮށިތައް ފޮނުވާލެވުނީ އުތުރުން ހއ، ހދ، ށ، ނ، ޅ.އަތޮޅާއި، ދެކުނުން އއ، އދ، ފ، ދ. އަަތޮޅަށެވެ. އިލެކްޝަން ކޮމިޝަނަރ ވިދާޅުވީ، ސުނާމީއާއިގުޅިގެން ވަގުތީ ހިޔާތަކުގައި ތިބި މީހުން ވޯޓްލާނީ އެމީހަކު މިހާރު ހުރި ރަށެއްގައި ބެހެއްޓޭ ވޯޓް ފޮށްޓަށް ކަމަށެވެ. ވީހާވެސް ހާމަކަން ބޮޑުގޮތަކަށް ވޯޓްގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް، ވޯޓް ލުމަށް ބަހައްޓަވަނީވެސް އެތެރެފެންނަ ޕްލާސްޓިކް ފޮށި ކަމަށކދ. އަހްމަދު މަނިކު ވިދާޅުވިއެވެ.
ރާއްޖޭގައި އޮންނަން ފެންނަނީ ކޮންކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ބެލުމަށް ނަގާ ޢާންމު ސިއްރު ވޯޓް ލުމަށް ހަތަރު ސަތޭކަ ތެއްތެރީސް ވޯޓް ފޮށި ބެހެއްޓޭނެކަމަށް ކޮމިޝަނަރ އޮފް އިލެކްޝަންސްގެ އޮފީހުން ހާމަ ކުރައްވާފައިވެއެވެ. އެރަށެއްގައި ނަގާ ވޯޓް، މިފަހަރު ގުނުމަށް ހަމަޖެހިފައިވަނީ އެރަށެއްގައެވެ. އެހެންނަމަވެސް، ރަށްރަށުގެ ވޯޓުގެ ނަތިޖާ ހާމަކުރާނީ މާލޭގައި ކަމަށް ކޭޑީ ވިދާޅުވިއެވެ.
ރަށްރަށަށް ވޯޓު ފޮށިތައް ފޮނުވަން ފެށިނަމަވެސް، މިފަހަރު ވޯޓު ދިނުމުގެ ޙައްގު ލިބިގެންވާ މީހުންގެ އަދަދު އަދިވަނީ ހާމަ ނުކޮށެވެ.އެހެންނަމަވެސް، ކޮމިޝަނަރ އޮފް އިލެކްޝަންސް އޮފީހުން، މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް ޝާއިއު ކޮށްފައިވެއެވެ. ހާމަ ނޫހުން މިއަދު ޗެކް ކޮށްލިއިރު، ޝާއިޢުކޮށްފައިވާ ލިސްޓްގައި މީގެތިން އަހަރުކުރިން މަރުވެފާއިވާ މީހުންގެ ނަންވެސް ހިމެނިފައިވެއެވެ. ކޮމިޝަނަރ އޮފް އިލެކްޝަންސް ވިދާޅުވީ މިހާރު ޝާއިޢު ކޮށްފައިވާ ލިސްޓަށް އަދިފަހުން ބަދަލުގެންނަވައި، އެލިސްޓުން މަރުވެފައިވާ މީހުންގެ ނަންތައް އުނި ކުރައްވާނެކަމަށެވެ. އެކަމަކު މީގެ ދެއަހަރު ކުރިން މަރުވެފައިވާ މީހުންގެ ނަން މިހާތަނަށް އުނި ނުކުރެވި ހުރުމުން، ކުރިއަށްއޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ސައްޙަ ލިސްޓެއް ނެރެވިދާނެކަމާމެދު ސުވާލު އުފެެދެއެވެ.
0 Comments:
Post a Comment