10/05/2008

ބިލެއްފަހީގެ ބަނދަރު ހެދުމުގެ މަސައްކަތް ލަސްވަމުންދާކަމަށް ބުނެ ރައްޔިތުން ނުކުމެ ރަށު އޮފީސް ބަންދުކޮށްފި

ޚަބަރު: ޖަޒީރާޑެއިލީ
ށ. ބިލެއްފަހީގެ ބަނދަރު ހެދުމުގެ މަސައްކަތް ލަސްވަމުންދާކަމަށް ބުނެ ރައްޔިތުން ނުކުމެ ރަށު އޮފީސް ބަންދުކޮށްފިއެވެ. އެރަށު މީހަކު މިއަދު ބުނީ އޮފީސް ދޮށަށް ރޭ 12 ޖެހީއްސުރެ ފެށިގެން ރައްޔިތުންގެ ތެރެއިން 100 ށް ވުރެ ގިނަ ފިރިހެނުން އެއްވެފައިވާ ކަމަށެވެ.

” ރައްޔިތުން ނުކުމެ އޮފީސް ބަންދުކުރަން ޖެހުނީ ބަނދަރުކޮނުމުގެ މަސައްކަތް ލަސްވަމުން ދާތީ. މިހާރު ބަނދަރު ކޮންނަމުން ދާތާވެސް 4 މަސް ދުވަސް ވެއްޖެ. 6 މަސް ދުވަހުގެ ތެރޭގައި ބަނދަރުގެ މަސައްކަތް ނިންމަން އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީއާ ހަވާލުކޮށްފައި އޮތީ. އަދި އެއުޅެނީ ފަޅު ކޮނެވެސް ނުނިމިގެން.“ އޮފީސް ދޮށަށް އެއްވެ ތިބި މީހުންގެ ތެރެއިން ވާހަކަ ދެއްކި ނާހިދު ކިޔައިދިނެވެ.

އެރަށު އެހެން މީހަކު ބުނީ ރޭ 12ން ފަށައިގެން ރައްޔިތުން އޮފީސް ދޮށުގައި ޑިއުޓީ އަދާކުރަމުން ދާކަމަށާއި އޮފީސް ދޫކޮށްދާނީ ފަޅުކޮނުމުގެ މައްސަލަ ލަސްވަމުންދާ ސަބަބުން ރައްޔިތުންނަށް ހާމަކޮށްދިނުމުން ކަމުގައެވެ.

600ށް ވުރެ ބޮޑު އާބާދީއެއް އޮންނަ ބިލެއްފަހީގެ ބޮޑުކަތީބު އަބްދުއްސައްތާރު މޫސާ ވިދާޅުވީ މިއަދު ހެނދުނު އޮފީހަށް ދިޔައިރު ރައްޔިތުން އޮފީސް ދޮށަށް އެއްވުމުގެ ސަބަބުން އޮފީސް ހުޅުވިފައި ނުވާކަމަށެވެ.

”ރައްޔިތުން ބުނަމުން ދަނީ އޮފީސް ހުޅުވާނީ ފަޅުކޮނުމުގެ ކަންތައްތައް ލަސްވަމުންދާ ސަބަބު ރައްޔިތުންނަށް ހާމަކޮށްދިނުމުން ކަމަށް“ ބޮޑުކަތީބު ވިދާޅުވިއެވެ.

ބޮޑުކަތީބު ވިދާޅުވީ ރައްޔިތުންގެ ޝުއޫރުތައް އަޑުއަހައި ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ.

ބިލެއްފަހީ އޮފީސް ބަންދުކޮށްފައިވާ މައްސަލަ ހައްލުކުރުމަށް މިއަދު މެންދުރުފަހު 10 މީހުންގެ މައްޗަށް އެކުލެވޭ ފުލުހުންގެ ޓީމެއް އެރަށަށް ގޮސްފައިވާކަން ޖަޒީރާއަށް ވަނީ އެނގިފަ އެވެ.

0 Comments: