6/28/2007

ފަރަށް އެރިތާ ހަތަރުވަނަ ދުވަހު ކުރިމަގު ބޯޓު ފުންކޮށްފި




ޚަބަރު: މިއަދު


މުދާ ހިފައިގެން ށ. އަތޮޅުގެ ރަށްރަށަށް ދަތުރު ކުރަނިކޮށް ށ. އަތޮޅު ފުނަދޫ ނެރުގެ ދެކުނު ފަރާތު ތޮއްޓަށް އެރި ބޯޓު ފުނަދޫ ތޮއްޓަށް އެރިތާ 4 ވަނަ ދުވަހު ފުންކުރެވިއްޖެއެވެ.

އިތުރު ތަފްސީލް

6/26/2007

ޒޯން ޗެމްޕިއަންސް ލީގުގެ ތަށި ފޯކައިދޫ އަތުލައިފި


ޚަބަރު: އާފަތިސް
ޒޯން ޗެމްޕިއަނުންގެ މެދުގައި މާލޭ ގައި ކުޅެވުނު އެއްވަނަ ޑިވިޜަން ޒޯން 8-1 ގެ ފައިނަލްގައި އިއްޔެ ހަވީރު ފައުންޑޭޝަން ފޯރ ވިލުފުށި ޑިވެލޮޕްމަންޓް އާ ބައްދަލުކޮށް 1-0 ކުން މި މުބާރާތުގެ ތަށި ފޯކައިދޫ ފުރަތަމަ ފަހަރަށް އުފުލާލައިފިއެވެ.
ދެ ރަށަށް ނިސްބަތްވާ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ވަން އިއްޔެގެ މެޗުގައި ދެޓީމުގެ ފަރާތުންވެސް ބަލާހިތްވާފަދަ ފޯރިގަދަ ކުޅުމެއް ފެނިފައި ވެއެވެ. ހަމަހަމަ ކުޅުމަކާއެކު ދެޓީމުން ވެސް ފެށި މެޗުގެ އޮއިވަރު ފޯކައިދޫ ކޮޅަށް ބުރަވެގެން ދިޔައީ މެޗުގެ 27 ވަނަ މިނެޓްގައި އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަށް ވިލުފުށީގެ ދިފާޢީ މައި ކުޅުންތެރިޔާ އިބްރާހީމް އަނިލް ހަމަލާ ދިނުމުން ލިބުނު ހިލޭ ޖެހުމެއްގައި ގޯލު ފޫޅުވާލައި ގެންނެވެ.

މުޅިން ހުސްކޮށް ބޯޅަ ހިފައިގެން ދިޔަ ފޯކައިދޫގެ ބިދޭސީ ކުޅުންތެރިޔާ މުހައްމަދު ދާލްލާ އަށް ހަމަލާ ދިނުމުން ރެފްރީ އަޙްމަދު އަމީޒް އިބްރާހީމް އަނިލް އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވައިލި އެވެ.

ފޯކައިދޫގެ ލަނޑާއެކު ވިލުފުށިން އިތުރު ހިތްވަރެއްލައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ފެށިއެވެ. އެހެންނަމަވެސް ފުރަތަމަ ހާފްގައި ފޯކައިދޫން ވިލުފުށީގެ ކުޅުންތެރިންނަށް އެއްވެސް ފުރުސަތެއް ނުދީ މެޗް ކޮންޓްރޯލް ކުރިއެވެ. ދެވަނަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ފިޒިކަލް ކުޅުމެކެވެ. ދެވަނަ ހާފް ފެށިގެން ގިނައިރުތަކެއް ނުވެ ފެނިގެން ދިޔައީ ވިލުފުށީގެ އިތުރު ކުޅުންތެރިއަކު ކުރި ކުށަކަށް ދެވަނަ ރީދޫ ކާޑާއެކު ރެފްރީގެ ރަތް ކާޑުގެ ނިޔާ އަމާޒު ވިތަނެއެވެ. 58 ވަނަ މިނެޓްގައި ޝުއައިބު އަޙްމަދު އަށް ދެއްކި ރަތްކާޑު ވެގެންދިޔައީ ވިލުފުއްޓަށް ލިބުނު ވަރަށް ބޮޑު ހިތްދަތި ކަމަކަށެވެ. ކުޅުންތެރިންގެ ފިޒިކަލް ގޭމްގެ ސަބަބުން ރެފްރީގެ ނިޔާއާ ދޭތެރޭ ވިލުފުށީގެ ވަރަށް ގިނަ ސަޕޯޓަރުންގެ ނުރުހުން ފާޅު ކުރިތަންވެސް ފެނިގެން ދިޔައެވެ.

ދެވަނަ ހާފްގައި ވެސް ވިލުފުށިން އެޓީމުގެ ސުން ކަނޑުވާލުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން ދިޔައެވެ. އެހެންނަމަވެސް ފޯކައިދޫއިން އެމީހުންނަށް ލިބިފައިވާ ލީޑް ދިފާޢު ކުރުމަށް ކުރަމުން ދިޔަ މަސައްކަތުގެ ސަބަބުން ވިލުފުއްޓަށް ގޯލު ޖަހާނެ މާ އެދެވޭ ފުރުސަތެއް ތަނަވަސް ވެފައެއް ނުވެއެވެ.

ޖުމްލަ ހަތް ރީދޫ ކާޑު ފެނުނު އިއްޔެގެ މެޗުގައި ފޯކައިދޫގެ އަލީ ރަމީޒް އަށް ވެސް ދެވަނަ ރީދޫ ކާޑާއެކު 27 ވަނަ މިނެޓްގައި ރަތް ކާޑު ދައްކާފައި ވެއެވެ.

ފަހު ހާފްގައި ވިލުފުށީގެ ކޯޗު އާދަމް އަބްދުއްލަޠީފް (ލައްޗޭ) ކުޅެން އަރައިގެންވެސް ފޯކައިދޫއަށް ލިބިފައިވާ ހަނި ލީޑް ގެއްލުވައިލުމަށް މަސައްކަތް ކުރި ނަމަވެސް ރެފްރީގެ ފަހު ކަށިގަނޑާ ހަމައަށް ވެސް އިތުރު ލަނޑެއް ފެނިފައެއް ނުވެއެވެ.
ފައިނަލް މެޗަށްފަހު ވަނަތަކަށް އައި ކުޅުންތެރިންނަށާއި ޗެމްޕިއަން ޓީމަށް ތަށި ދެއްވީ ޝަރަފްވެރި މެހްމާން ޔޫތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނަރަލް އަލީ އޫސުފް ފުޅެެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިލުފުށީ ޓީމުގެ ޢަބްދުﷲ އަރީން އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވަނީ ފޯކައިދޫ ޓީމުގެ ގޯލްކީޕަރު އިބްރާހީމް ރަޝީދެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ މަހިބަދޫ ރައްޔިތުންގެ ޖަމިއްޔާގެ އަސަދުﷲ އަބްދުﷲ އާއި އެދަފުށީ ޓީމުގެ ކެޕްޓަން އަބްދުއްލޯ މަޖީދު އެވެ. މިދެ ކުޅުންތެރިންވެސް ފަސް ލަނޑު ކާމިޔާބު ކޮށްފައި ވެއެވެ. ފެއާޕްލޭ ޓީމަކަށް ހޮވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފޯކައިދޫ ޓީމުގެ ސޭމް ގޮރްމޮޖޭ އެވެ.

6/16/2007

އަރުވާލިމީހުންގެ އަހުވައިން ކަނޑިތީމު ރައްޔިތުން ސަލާމަތް ނުވެފައި


ށ. ކަނޑިތީމުގައި މަސްވެރިކަން ކުރުމަށް އައިސް އުޅޭ ށ. ނޫމަރާ އަލީ ރިޒާ، ރޭގަނޑު ދަންވަރު ސިއްރުން ގޭގެއަށް ވަދެ އަންހެނުންނަށާއި ކުޑަކުދިންނަށް ގޯނާކޮށް ބަދުއަޚުލަޤީ އަމަލު ހިންގަން މަސައްކަތް ކުރާ ކަމަށް ޝައްކު ކުރެވިގެން، މިރޭގެ ގާތްގަނޑަކަށް 8:00 ހާއިރު ރަށުގެ ވަރަށް ގިނަ ޒުވާނުން އޭނާ ގާތަށް ގޮސް ސުވާލުކުރުމުން އޭނާ ވަނީ މިކަމަށް އެއްބަސް ވެފައެވެ.

ކަނޑިތީމުން މިރޭ މައުލޫމާތު ދިން ޒުވާނަކު ހާމަކުރި ގޮތުގައި "އޭނާ އެކަން ކުރާކަމާ މެދު މީގެ ދުވަސްކޮޅެއް ކުރިން ވަނީ ޝައްކު ވެފަ. އެކަމަކު ޔަޤީން ނުވާތީ މަޑުކޮށްގެން މިތިބީ".

އިތުރަށް އޮޅުން ފިލުވައިދެމުން އޭނާ ހާމަކުރި ގޮތުގައި "މިރޭ މިކަން މި ޔަޤީންވީ. ދެން ވަރަށް ގިނަ ޒުވާނުން ގޮސް އޭނާ ކައިރި ސުވާލުކުރުމުން އޭނާ އެއްބަސް ވެއްޖެ. ދެން އަހަރެމެން މިބުނަނީ އޭނާ ޖެހޭނޭ ހަމަ މިރޭ މިރަށުން ފައިބަން".

ރަށުން މައުލޫމާތު ލިބުނުގޮތުގައި މީނާ އަތުލުމަށް ފަހު ކަރުގައި (ބޮޑު ލޭނު ބޮއެއް) އަޅުވައިގެން ރަށުގެ ބޮޑެތި މަގުތައްމަތީގައި ގަންހިންގީ އެވެ. މީނަ ގޮވައިގެން ރަށުގެ މަގުތަކު މަތިން ހިނގަމުން ދިޔަދިޔަހެން އެތަނަށް އެއްވާ މީހުން ގިނަވެ މަސްރަހް ހޫނުވަމުން ދިޔައެވެ.

"ބޮޑު މަގުގެ މެދަކާ ހަމައަށް އާދެވުނު އިރު ގާތްގަނޑަކަށް 200 އެއްހާ މީހުން ތިބި. މީހުންތައް ގިނަވުމުން އިތުރު ބައެއްގެ މައްސަލަވެސް ފެންމަތިވެއްޖެ. އެއީ ރަށަށް އަރުވާލައިފަ އެބަ ތިބި ދެތިން މީހަކު. އެއްވެފައި ތިބި މީހުން ކިޔަންފަށައިފި އެމީހުންވެސް ރަށުން ބޭރުކުރަންވިއްޔޭ." ޒުވާނަކު މިވަހަކަތައް ކިޔައިދެމުން ދިޔައިރު ތަނުގެ އަޑުފަށްގަނޑު ވަރަށް ގަދައެވެ. އިތުރަށް އޮޅުންފިލުވައިދެމުން އޭނާ ހާމަކުރި ގޮތުގައި މި އަރުވާލި މީހުން ރަށުން ބޭރުކުރަން ޖެހޭ ސަބަބަކަށް ރަށު މީހުން ބުނަނީ އެމީހުންނަކީ މަސްތުވާ ތަކެތި ބޭނުންކުރާ ބަޔަކަށް ވާތީއެވެ. އަދި މިމީހުންގެ ސަބަބުން ރަށުގެ ޒުވާނުންގެ މެދުގައި މިކަން ފެތުރިދާނެތީއެވެ.

ގާތްގަނޑަކަށް 10:00 ހާއިރު އެމީހުން ވަނީފުލުހުންނާއި ރަށުގެ ވެރިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް އެމީހުންނާ މެދު އަމަލުކުރާ ގޮތެއް އެނގުނީމާ ނޫނީ ގެއަށް ނުދިއުމަށް ހުރިހައި އެންމެން ރަށުއޮފީސްދޮށުގައި ތިބީއެވެ. އެއްވެހުރި ރައްޔިތަކު ހާމަކުރިގޮތުގައި "އެމީހުން ޖެހޭނީ ހަމަ މިރޭން މިރެޔަށް ބާލަން. އެމީހުންނާ ހެދި ބޮޑު އުނދަގުލަކަށް ވެއްޖެ. ގަހެއްގަ މޭވާއެއް އިންނަނިއްޔެއް ނޫން. ރުކެއްގަ ކާއްޓެއް ކުރުނބައެއް ނުހުރޭ. އަދިކޮބާ. ރޯނުގަ އަންނައުނު ހިއްކަން އަޅާފަ ނުބެހެއްޓޭ".

މިކަމާގުޅިގެން ރަށު އޮފީހާއި ފުލުހުން ބުނަނީ މާދަމާގެ 12 ޖެހުމުގެ ކުރިން މިއެންމެން ރަށުން ބެލުމުގެ މަސައްކަތް މިހާރުން ސުރެ ކުރަމުން ދާކަމުގައެވެ. އެއްވެފައިތިބި މީހުން އެނބުރި ގެއަށް ދިޔައީ އޮފީހުން މިގޮތަށް ހާމަކުރުމުންނެވެ. ނަމަވެސް މާދަމާގެ 12 ގެ ކުރިން އެމީހުން ފޮނުވާނުލައިފި ނަމަ އަނެއްކާވެސް ރައްޔިތުން އޮފީސްދޮށަށް އެއްވާނެ ކަމުގައި އެމީހުންގެ ފަރާތުން މައުލޫމާތު ލިބިފައި ވެއެވެ.

އެކިއެކި މައްސަލައިގައި ރަށްރަށަށް އަރުވާލާފައި ތިބޭ ކުށްވެރިންގެ ސަބަބުން އެކިކަހަލަ އުނދަގޫތައް އެ ރަށްރަށުގެ ރައްޔިތުންނަށް ލިބެމުން ދެއެވެ. އެމީހުންނާ ގުޅިގެން ރަށުގެ ޒުވާނުން ކުށްކުރުމަށް މަގު ފަހިވެއެވެ. ކުއްވެރިން ރަށްރަށަށް އަރުވާނުލުމަކީ ރަށްރަށުގެ ޒުވާންޖީލު ކުށްކުރުމުން ދުރުހެލި ކުރުމަށް އެޅިދާނެ ހަރުދަނާ ފިޔަވަޅެކެވެ.



ރަށުގައި ތިބި "ޕާޓޭގްރޫޕް"



އެއްވެފައިވާ މީހުން މައިތިރިކުރުމަށް ބޮޑުކަތީބު މަސައްކަތް ކުރަނީ

6/15/2007

ށ. އަތޮޅުގެ އާބާދީގެ 31 އިންސައްތަ މީހުން އިގްތިސާދީ ގޮތުން ހަރަކާތެރިއެއްނުވޭ: ޕްލޭނިން

ޚަބަރު: ޖަޒީރާނޫސް
ށ.އަތޮޅުގެ އާބާދީގެ 31 އިންސައްތަ މީހުން އިގުތިސާދީ ގޮތުން ހަރަކާތްތެރި ނުވާ ކަމަށް ޕުލޭނިންގ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޕުލޭނިންގ މިނިސްޓްރީން މިއަދު އާންމު ކުރި ށ. އަތޮޅު އަބާދީގެ ބޯހިމެނުމުގެ ނަތީޖާއިން ދައްކާ ގޮތުގައި އެއަތޮޅުގައި ތިބި 15 އަހަރުން މަތީގެ އާބާދީގައި އިގުތިސާދީ ގޮތުން ހަރަކާތްތެރި ނުވާ މީހުންގެ ނިސްބަތަކީ 31 އިންސައްތަ އެވެ. އެއަތޮޅުގެ އާބާދީއަކީ 11940 އެވެ.

” ށ.އަތޮޅުގައި 15 އަހަރުން މަތީގެ އާބާދީގައި ހިމެނޭ މީހުންގެ ތެރެއިން އިގުތިސާދީ ގޮތުން ހަރަކާތްތެރިނުވާ ރޭޓަކީ 31 އިންސައްތަ އެވެ.“ ޕުލޭނިންގ މިނިސްޓްރީން މިއަދު އާންމު ކުރި ށ.އަތޮޅުގެ ބޯހިމެނުމުގައި ބުނެފައި ވެއެވެ.

މިއަދު އާންމު ކުރި ނަތީޖާއިން ދައްކާފައިވަނީ އެއަތޮޅުގެ 15 އަހަރުން މަތީގެ އާބާދީގައި އިގުތިސާދީ ގޮތުން ހަރަކާތްތެރިވާ ފިރިހެނުންގެ ނިސްބަތަކީ 74 އިންސައްތަ އެވެ. އަދި އަންހެނުންގެ ނިސްބަތަކީ 69 އިންސައްތަ އެވެ. އަދި އެއަތޮޅުގައި އިގުތިސާދީ ގޮތުން ހަރަކާތްތެރިވާ ފިރިހެނުން އެންމެ ގިނައީ ފުނަދޫ ގައި ކަމަށާއި އަންހެނުން އެންމެ ގިނައީ ގޮއިދޫގައި ކަމަށްވެސް އެ ނަތީޖާއިން ދައްކަ އެވެ.

އެއަތޮޅުގެ 15 އަހަރުން މަތީގެ އާބާދީގެ ތެރެއިން މަސައްކަތް ހޯދަން އުޅެ މަސައްކަތް ލިބިފައި ނުވާ މީހުންގެ ރޭޓަކީ 12 އިންސައްތަ އެވެ. މިއަތޮޅުން މަސައްކަތެއް ހޯދަން އުޅެ މަސައްކަތެއް ލިބިފައި ނުވާ މީހުން އެންމެ ގިނަ ކަމަށް ދައްކާފައިވަނީ މިލަންދޫގަ އެވެ. އެއީ ފިރިހެނުންގެ 6 އިންސައްތައާ އަންހެނުންގެ 19 އިންސައްތަ އެވެ.

ށ.އަތޮޅުގައި އިގުތިސާދީ ގޮތުން ކޮށްއުޅޭ އާންމު މަސައްކަތަކީ އުފެއްދުން ތެރިކަމެވެ. ދެވަނައަށް ތައުލީމީ ދާއިރާގައި ގިނަ ބަޔަކު ހަރަކާތް ތެރިވާއިރު ދިވެހިންގެ ލޭނާރު ކަމުގައިވާ މަސްވެރިކަމަށް އިސްކަންދީފައި ވަނީ ތިން ވަނަ އަށެވެ.

ށ.އަތޮޅުގެ އާބާދީގައި އެވްރެޖްކޮށް ފިރިހެނުން ކައިވެނިކޮށް އުޅެނީ އުމުރުން 24 އަހަރުގަ އެވެ. އަދި އަންހެނުން ކައިވެނިކުރާ އުމުރަކީ 21 އަހަރެވެ.

6/12/2007

ށ. އަތޮޅުގެ ރަސްމީ ވެބްސައިޓް ދުވަހަކުވެސް އަޕްޑޭޓް ވާނެބާ؟




ށ. އަތޮޅުގެ ރަސްމި ވެބްސައިޓް އިންޓަނެޓްގައި ޝާއިއު ކޮށްފައިވަނީ ލަފާކުރެވޭގޮތުން 2002 ވަނަ އަހަރުއެވެ. އޭރުން ފެށިގެން މަދު ދުވަސްކޮޅެއް ވަންދެން ސައިޓުގެ ބައެއް މައުލޫމާތު ތާޒާވަމުން އައިސްފައި ވެއެވެ. ރަށްރަށުގެ އާބާދީ 2002 ގެ ނިޔަލަށް ދީފައި ވެއެވެ. މަސްރިޕޯޓާއި މޫސުން އެންމެ ފަހުން ބަދަލުކޮށްފައި ވަނީ 6 ޖުލައި 2005 ގައެވެ. ހަފްތާ ޚަބަރު ޞަފްޙާގައި ވަނީ 29 އެޕްރީލް 2005 ގައި ލިޔެފައިވާ މުޅިއެކު 3 ހަބަރެވެ. އޭގެ ފަހުން މިވީހާ ދުވަހެއްގައި އެ ސައިޓަށް އެއްވެސް ބަދަލެއް އައިކަމަކަށް ލަފައެއް ނުކުރެވެއެވެ.

މީގެ އިތުރުން ސައިޓު ފަރުމާކުރުމުގައި ފަރުވާތެރިކަން ހަނދާން ނައްތާލާފައިވާކަން ދިމާޔަށް ފެންނަން އެހެރީއެވެ. ބައެއް ލިންކްތައް އެއްގޮތަކަށްވެސް މަސައްކަތެއް ނުކުރެއެވެ. މިކަން އަތޮޅު އޮފީހުގެ އީމެއިލް މެދުވެރިކޮށް ސަމާލުކަމަށް ގެންނަށް ކުރި މަސައްކަތުގެ ފައިދާއެއް ނުފެނުނެވެ. އަދި ލިޔުންތަކުގެ ބައެއް ބައިތައް މިހާރުވެސް އެހެރީ ފުރިހަމަ ނުވެއެވެ. ތިރީގައި މިވާ ދެ ލިޔުންކޮޅު ރަނގަޅަށް ބައްލަވާށެވެ.



މި ލިންކުން ސައިޓަށް ޒިޔާރަތް ކޮށްލައްވާ!

6/09/2007

ށ. އަތޮޅުގައި އޯލެވެލް އިމްތިހާނުން ފާސްވާ - ފޭލްވާ ކުދިން

ށ . އަތޮޅުން 2006 ވަނަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރި ކުދިންގެ ތެރެއިން 73% ކުދިންވަނީ ފޭލްވެފައެވެ. ވޭތުވެ ދިޔަ އަހަރުތަކަށް ބަލާއިރު މިއަތޮޅުގައި އުގެނުމުގެ ފެންވަރު ވަރަށް ބޮޑަށް ދަށަށް ދިޔުމަށްފަހު، 2006 ވަނަ އަހަރު ގައުމީ ފެންވަރަށް މިއަތޮޅުގެ ފެންވަރު މައްޗަށް ޖެހިފައިވެއެވެ. 2000 ވަނަ އަހަރު ގައުމީ ފެންވަރުގައި 27% ކުދިން ފާސްވެފައި ޥިއިރު، ށ އަތޮޅުން ފާސްވެފައިވަނީ 21% ކުދިންނެވެ. އަދި ޖެހިގެން އައި އަހަރުތަކުގައި ފާސްވާ ކުދިންގެ އިންސައްތަ ދަށަށް ދަމުން ގޮސް 2005 އަހަރު ފާސްވެފައި ވަނީ 13% ކުދިންނެވެ. 2006 ގައި މިނަތީޖާ ކުޑަކޮށް ރަނގަޅުވެ، ގައުމީ ފެންވަރާއި އެއް ހަމައަކަށް އައިސްފާވެއެވެ.
މައުލޫމާތު: މިނިވަންޑެއިލީ އާޓިކަލް

ކަނޑިތީމު ކަތީބުގެ ދަރި ތިޖޫރިން ނެގި ފައިސާއަށް ވީގޮތް "ދުވަސްކޮޅަކަށް ހަނދާން ނެތިއްޖެ"

ށ. ކަނޑިތީމު ދެ ފިހާރަކަށް ދޭންޖެހޭ ފައިސާތަކަކަށް ރަށުއޮފީހުގެ ސެކެޓްރީ ހިޔާނާތްތެރިވެފައިވާ ކަމަށް ރަށު އޮފީހުން އިއުތިރާފްވެއްޖެއެވެ. ކަނޑިތީމު ކަތީބް އަބްދުލް ޣަނީ އިއްޔެ ވިދާޅުވީ ރަށުގެ ދެފިހާރަކައަކަށް ދޭންޖެހޭ 1298 ރުފިޔާއަށް ރަށުއޮފީހުގެ ސެކެޓްރީ އަދި ޚުދް ކަތީބުގެ ދަރިއެއްކަމުގައިވާ ނަސްރުﷲ އަބްދުލްގަނީ ރަށުއޮފީހުގެ ތިޖޫރީން ނެގުމަށްފަހު އެފައިސާ އެފަރާތްތަކާ ހަވާލުނުކުރައްވާ ގިނަ ދުވަސްތަކެއް ވެގެންދިޔަ ކަމަށެވެ. ނަމަވެސް މިހާރު އެފައިސާ ރަށުގެ ދެ ފިހާރަ ކަމުގައިވާ މުޅި ފިހާރައަށާއި އުޅިއަށި ފިހާރައަށް ދައްކާފައިވާ ކަމަށެވެ.
އިތުރަށް ވިދާޅުވޭ