ލިޔުނީ މިނިވަން މުރާސިލް ށ.މިލަންދޫން
ށ އަތޮޅުގައި ބަރުލަމާނީ ނިޒާމަށް ތާއީދުހޯދުމަށާއި ދެ ނިޒާމާމެދު ރައްޔިތުން ހޭލުންތެރިކުރުމަށް އައިސް އުޅޭ ވަފުދު މިއަދު ހަރަކާތްތެރިވަމުންދަނީ މިލަންދޫގައެވެ. މިރަށަކީ ކުރިން ފަޅުރަށެއްގެ ގޮތުގައި އޮއްވާ މިއަތޮޅު މާކަނޑޫދޫގެ ރައްޔިތުން ބަދަލުކޮށްގެން އާބާދުކޮށް ތަރައްގީކޮށްފައިވާ ރަށެކެވެ.
މިރަށުގެ އާބާދީ ބޮޑުވުމުގެ ސަބަބުން މިރަށުން ވަރަށް ބޮޑު ތާއީދެއް ބަރުލަމާނީ ވަފުދަށް ލިބޭނެކަމަށް އުއްމީދު ކުރެވުނެވެ. ރަށުގެ އަތިރި މަތިން ބައްދަލުވި ފަރާތްތަކާ ވާހަކަ ދައްކާލުމުން މިރަށުން އެމްޑީޕީއަށްވެސް ބޮޑު ތާއީދެއް އޮންނާނެކަމަށް ބުންޏެވެ.
މިރަށުގެ ފަޅު ނުހަދާ އޮތް ނަމަވެސް ދެފާލާމާއި ގުދުރަތީ ބޮޑު ފަޅަކާއި ވިލެއް އޮތެވެ. މިރަށަށް އަރައިގެން އަންނަ އިރު ފެންނަން އޮންނަނީ ރަށުގެ ސިއްހީ މަރުކަޒާއި ރަށުގެ އޮފީހާއި ރައްވެހިގެޔާއި މިފަދަ ސަރުކާރުގެ އިމާރަތްތަކެވެ. މި މަންޒަރު ފެނިފައި މިރަށަކީ ސަރުކާރުން ރަށްތައް ތަރައްގީކުރަން ބޭނުންނަމަ ތަރައްގީކުރެވިދާނެކަމުގެ ހެއްކެއްކަމަށް ހީކުރެވުނެވެ.
މިރަށުގެ ފިރިހެނުންނަކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ބައެއްކަމަށް މުޅި ރާއްޖެއަށް މަޝްހޫރު ބައެއް ކަމުގައިވާތީ ފިރިހެނުންގެ ގިނަ ބަޔަކު އަބަދުވެސް ދިރިއުޅެމުންދަނީ ރަށުން ބޭރުގައެވެ. ރަށުގައި ދާއިމީ ގޮތެއްގައި ތިބެނީ އަންހެނުންނެވެ. ވީމާ ވަފުދަށް އެހީވެދީ ގޭގެއަށް ޒިޔާރަތްކުރުމަށް ރަށުން ޓީމެއް ހަދާލުމަށް ކުދިން ކޮޅެއް ހޯދުމަށް އުޅުމުން އެކަމެއް ނުވިއެވެ. ރަށުން ވަފުދަށް މަރުހަބާ ކިޔުމަށް އައިސްތިބި ފަރާތްތަކުންވެސް ބުނެފައިވަނީ އެމީހުންނަކީ ސަރުކާރުގެ ވަޒީފާގައި އުޅޭ މީހުންކަމުން ވަޒީފާ ގެއްލިދާނެކަމުގެ ބިރަށްޓަކައި ވަފުދަށް އަމަލީ ގޮތުން އެހީތެރިވުމަށް އުޒުރުވެރިވާކަމުގައެވެ.
ރަށުގައި ވަފުދުގެ މަސައްކަތް އަމަލީ ގޮތުން ނުފެށިގެން އުޅެނިކޮށް މިރަށާމެދު މާޔޫސްވާން ފަށައިފިއެވެ. ނަމަވެސް ދިވެހި ސަރުކާރުން އިދިކޮޅު ފަރާތްތަކާމެދު އަނިޔާވެރިވާކަމީ ވަރަށް ރަގަޅަށް އެނގޭ ކަންތައް ކަމުން އެމީހުންގެ ވާހަކަ ގަބޫލުކުރީމެވެ.
މިރަށުގެ ގެތަކަށް ޒިޔާރަތްކޮށް ދިވެހި ރާއްޖޭގައި މުސްތަގްބަލްގައި ބާއްވަން ރައްޔިތުންނަށް ފެންނަނީ ވެރިކަމުގެ ކޮން ނިޒާމެއްތޯ ސުވާލުކުރުމުން ރައްޔިތުންގެ ތެރެއިން އެއްބަޔަކު މިކަމަކީ ވަރަށް ވިސްނުންތެރިކަމާއެކު ބަލަމުންދާކަންތައް ކަން އެނގުނު ނަމަވެސް މިކަމާ އެއްގޮތަކަށްވެސް ނުވިސްނާ އަދި ވޯޓުލާން ބޭނުން ނުވާ މީހުންނާއި އޯގަސްޓު 18ގައި ބާއްވާ ވޯޓުގައި ވާދަކުރާ ދެނިޒާމުގެ ނަންވެސް ނޭނގޭ މީހުންނާއި ދިމާވިއެވެ.
ގޭގެއަށް ޒިޔާރަތްކުރުމުން ގިނަ އަންހެނުން ބުނެފައިވަނީ އެމީހުން ތާއީދުކުރަނީ ރިޔާސީ ނިޒާމަށް ކަމުގައެވެ. މިކަމާ ބެހޭގޮތުންނާއި ރިޔާސީ ނިޒާމާ ބެހޭގޮތުން އެނގެނީ ކޮން އެއްޗެއްތޯ އަހާލުމުން ދައްކާ ވާހަކަތަކުން އެމީހުންނަށް މިކަމާބެހޭ ގޮތުން މައުލޫމާތު ނޭނގޭ ވަރާއި އެމީހުންނަށް މައުލޫމާތުތައް އޮޅިފައިވާވަރު އެނގެއެވެ. ފަހުން އެނގުނު ގޮތުގައި ޑީއާރުޕީގެ ފަރާތުން ބަރުލަމާނީ ނިޒާމު ރައްޔިތުންނަށް އޮޅުވާލުމަށް ހަދައިގެން އުޅޭ ލީފްލެޓްތައް މިރަށުގެ އޮފީހުގެ ފަރާތުން އޮފީހުގެ މަސައްކަތު މީހުން މިރަށު ގޭގެއަށް ބަހާފައި ވެއެވެ. މިރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދިރާސާކުރުމުގެ ބޭނުމެއް ނެތްކަމަށް ވަފުދުގެ ބޭފުޅުންނަށް ފުރަތަމަ ހީވި ނަމަވެސް އެމީހުންނާއި ސުވާލުކޮށްލުމުން އެމީހުންނަށްވެސް ސަރުކާރުން އިހުމާލުވެފައިވާ މިންވަރު ހާމަވެގެން ދިޔައެވެ. މިރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކުގެ ތެރޭގައި ރައްޔިތުން އެންމެ ބޮޑަށް ފާހަގަކުރަނީ ފަޅުގެ މައްސަލައެވެ. ބޮޑު ފަޅެއް ލިބިފައިވީ ނަމަވެސް ހުޅަނގު މޫސުމުގައި ފަޅު ބޭނުންކުރުމަށް ދަތިވާކަމުގައި ރައްޔިތުން ހާމަކުރެއެވެ. ވަފުދުން ޒިޔާރަތް ކުރި ގެއެއްގެ އަންހެނަކު ކިޔައިދިން ގޮތުގައި ކުރީގެ އެޓޯލްސް މިނިސްޓަރ ވަހީދުއްދީނު މިރަށަށް ޒިޔާރަތްކޮށް ރައްޔިތުން ބޭނުންވަނީ ދިގަށް އޮންނަ ފަޅޭއްތޯ ފުޅާކޮށް އޮންނަ ފަޅެއްތޯ އަހާފައި މިއަހަރު ނިމުމުގެ ކުރިން ފަޅުކޮނެ ނިންމާނެކަމަށް ވިދާޅުވެފައިވެއެވެ. ވަހީދުއްދީނުގެ ނުފުއްދުނު ނަދުރުތަކުގެ ތެރޭގައި މިލަންދޫއަށް މީހުން ވަޅުލެވޭނެ ގަބުރުސްތާނެއް ހަދައިދޭނެކަމަށް ވިދާޅުވުން ހިމެނޭ ކަމުގައި އޭނާ ކިޔައިދިނެވެ. އޭނާ ވަހީދުއްދީނު ސިފަކޮށްފައިވަނީ “ނަގޫ ފަޅާފައި ހުރި އެއްޗެއް”ގެ ގޮތުގައެވެ.
މިލަންދޫގެ ރައްޔިތުންނަށް ސަރުކާރުން އަޅާނުލާކަމުގެ އަނެއް ހެއްކެއްގެ ގޮތުގައި އެރަށުގެ ގެތަކަށް ޒިޔާރަތްކުރި ޓީމުތަކަށް ފާހަގަކުރެވުނީ އަންހެނުންގެ މިސްކިތެއް ނެތުމާއި 2000 މީހުން އުޅޭ ރަށެއްގައި 500 މީހުންނަށް އެރޭވަރުގެ ކުޑަ މިސްކިތެއް ހުރުމެވެ. “ލުބުނާވެސް މިރަށަށް އައިސް ކޮންކަމެއްހޭ ބޭނުމީ ބުނީމަ އަހަރެން ބުނިން ރަށުގެ ދެކުނުކޮޅުގައި އަންހެނުންގެ ނަމާދުގެޔެއް އަޅައިދޭށޭ” ހާއްސަ މަޖިލީހުގެ މިއަތޮޅުގެ މެމްބަރުންގެ ހުވަފެނީ ވައުދުތައް ސާފުކޮށްދެމުން މިލަންދޫގެ ރައްޔިތެއް ބުންޏެވެ. މީގެ އިތުރަށްވެސް ވަޒީފާގެ ފުރުސަތު ރަށުން ނުލިބުމުގެ ސަބަބުން ރަށުގެ އަންހެނުން ކުރާނެ ކަމެއްނެތިފައި ގޭގައި ތިބެންޖެހުމުގެ މައްސަލަ އެމީހުން ވަރަށްބޮޑަށް ފާހަގަކުރެއެވެ.
މިރަށުގެ ރައްޔިތުންގެ މެދުގައި ދެނިޒާމާއި ބެހޭގޮތުން މައުލޫމާތު ކުށްވެފައި ހުރިނަމަވެސް މައުލޫމާތު ދިނުމުން ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރިވެފައިވާކަން ފާހަގަކުރެވެއެވެ. ރައްޔިތުންގެ ތެރެއިން ބޮޑު ނިސްބަތެއް ބަރުލަމާނީއަށް ތާއީދުކުރާނެ ކަމަށް އެންމެ ފަހުގެ މަސައްކަތަށްފަހު ޓީމުތަކުން ހަބަރު ދެއެވެ. މިލަންދޫއަށް ޑީއާރުޕީގެ ލީފުލެޓްތައް ބަހާ ރައްޔިތުން އޮޅުންބޮޅުން ކޮށްފައިވާލެއް ބޮޑުކަމުން ވަފުދުގެ އިސްފަރާތްތަކުން މާދަމާ މެންދުރާއި ހަމަޔަށް މިލަންދޫގައި ތިބުމަށް ވިސްނަމުން އެބަދެއެވެ. ބަރުލަމާނީ ޓީމު މިލަންދޫން ދެން ދާނީ މިއަތޮޅު ނަރުދޫއަށްކަމަށްވެސް މައުލޫމާތު ލިބެއެވެ.
8/03/2007
ށ. މިލަންދޫން ބަރުލަމާނީ މާޔޫސްކަމެއް ފުރަތަމަ ފެނުނަސް...
Labels: ޚަބަރު
0 Comments:
Post a Comment