ޚަބަރު: ޖަޒީރާ
ށ.ކަނޑިތީމު ސިއްހީ މަރުކަޒުގައި މަސައްކަތްކުރަމުން ގެންދާ ޑޮކްޓަރާމެދު ހިތްހަމަ ނުޖެހިގެން ރަށުގެ ބަޔަކު ސިއްހީ މަރުކަޒު ދޮށަށް އެއްވެ ނުރުހުން ފާޅުކޮށްފި އެވެ.
ސިއްހީ މަރުކަޒުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު 10:30 ހާއިރު ރައްޔިތުންގެ ތެރެއިން 20 މީހުން ނުކުމެ ޑޮކްޓަރާމެދު ނުރުހުން ފާޅުކޮށްފައިވާ ކަމަށާއި އެމީހުން ނުރުހުން ފާޅުކޮށްފައިވަނީ ޑޮކްޓަރު ޚިދުމަތްދޭ ގޮތާމެދު ހިތްހަމަ ނުޖެހިގެން ކަމަށެވެ.
” ބުރާސްފަތި ދުވަހު ރަށުގެ 20ށް މީހުން ނުކުމެ ނުރުހުން ފާޅުކޮށްފައިވޭ. އެމީހުން ބުނަމުން ދިޔައީ ޑޮކްޓަރު ޚިދުމަތްދޭ ގޮތާމެދު ހިތްހަމަ ނުޖެހޭކަމަށް. އަދި މީހުންނާ މުޚާތަބްކުރާ ގޮތާއި, ކަންތައްތައް ކުރާގޮތްވެސް ކަމުނުދާކަމަށް އެމީހުން ދިޔައީ ބުނަމުން.“ ސިއްހީ މަރުކަޒުން މައުލޫމާތު ދިން މީހާ ބުންޏެވެ.
ކަނޑިތީމް ކަތީބު އަބުދުލް ޣަނީ އިދްރީސް ވިދާޅުވީ ރަށުގައި ހުރި ހަމައެކަނި ޑޮކްޓަރާމެދު ރައްޔިތުންގެ ތެރެއިން ބައެއް މީހުން ނުރުހުން ފާޅުކޮށްފައިވާ ކަމަށާއި އެހެން ދިމާވި ސަބަބުތަކެއް ރައްޔިތުން ދައްކަމުންދާ ކަމަށެވެ.
” ފާއިތުވީ ދެ އަހަރުގެ ތެރޭގައި ރަށުގައި އެއްވެސް މީހަކު ވިހާފައެއްނެއް. 35 ވަރަކަށް މީހުން ވިހެއުމަށް ދާއިމީކޮށް ސިއްހީ މަރުކަޒަށް ދައްކަމުންދޭ. ނަމަވެސް އެއްވެސް މީހަކަށް ރަށުގައި އޮވެ, ވިހޭގޮތެއް ނުވޭ. ދާއިމީކޮށް ޑޮކްޓަރަށް ދައްކަމުން ދާއިރު މާބަނޑުމީހާގެ ސީރިއަސްކަން ޑޮކްޓަރަށް އެނގެނީ އެންމެ ފަހު ވަގުތު. ދެން ޖެހެނީ ދަތުރު ހަދައިގެން ރީޖަންލް ހޮސްޕިޓަލަށް ނުވަތަ މާލެ ދާން. މިކަމާ ރައްޔިތުން ހިތްހަމަ ނުޖެހުނީ. ރައްޔިތުން ބުނަމުން ދިޔައީ މީގެ ކުރިންވެސް ޑޮކްޓަރުން ތިއްބޭ. އެމީހުންގެ އިރުޝާދާއެކު މާބަނޑުމީހުންނަށް ރަށުގައި ވިހައޭ. ރަށުން ބޭރަށްދާކަށް ނުޖެހެޔޭ.“ ކަތީބު ވިދާޅުވި އެވެ.
ކަނޑިތީމު ސިއްހީ މަރުކަޒުން ބުނީ މިއަދުގެ ވަގުތެއްގައި އެޑޮކްޓަރު އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.
” މިއަދުގެ ވަގުތެއްގައި އެޑޮކްޓަރުވަނީ އަތޮޅު ހޮސްޕިޓަލަށް ބަދަލުކޮށްފައި. ބަދަލުކުރި ސަބަބެއް ނޭނގޭ. މިއަދުވަނީ އޭނާ ފުރާފައި. މިހާރު އޭނާ މަސައްކަތް ކުރަމުންދަނީ އަތޮޅު ހޮސްޕިޓަލްގައި.“ ސިއްހީ މަރުކަޒުން ވާހަކަދެއްކި މީހާ ބުންޏެވެ. 1300 މީހުންގެ އާބާދީއެއް އޮންނަ ކަނޑިތީމު ސިއްހީ މަރުކަޒުގައި މިވަގުތު އެއްވެސް ޑޮކްޓަރެއް ހަރަކާތްތެރިވަމުން ނެއް ނުދެއެވެ. އެ މަރުކަޒުގައި މީގެ ކުރިން ހަރަކާތްތެރިވަމުން ރައްޔިތުން ނުރުހުން ފާޅުކޮށްފައިވާ އިންޑިއާ ޑޮކްޓަރެވެ. އެޑޮކްޓަރަކީ އެރަށުގައި މަސައްކަތްކުރާތާ އަހަރެއް ވެފައިވާ ޑޮކްޓަރެކެވެ.
0 Comments:
Post a Comment