5/10/2008

ކަނޑިތީމުގައި މަސައްކަތް ކުރި ދެ ބިދޭސީއަކު މުސާރަ ނުދޭ ކަމަށް ބުނެ ކަނދުފައްޗެއްގައި ކުޅުދުއްފުއްޓަށް ދަނިކޮށް ކަނޑުމަތިން ނަގައިފި

ޚަބަރު: ޖަޒީރާ

ށ.ކަނޑިތީމުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝް ދެ މީހަކު އެމީހުންނަށް މުސާރަ ނުދޭ ކަމަށް ބުނެ ކުޅުދުއްފުއްޓަށް ދަތުރުކުރަމުން ދަނިކޮށް ކަނޑުމަތިން ބަޔަކު ނަގައިފި އެވެ. ށ.ނޫމަރާގައި މަހަށްދުއްވާ އޮޓޯ ދޯނިން މިދެމީހުން ހޯދާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ނޫމަރާއާއި ގޮއިދޫއާ ދެމެދުގައި ތިއްބަ އެވެ. އެދޯނީގެ ކެޕްޓަން ނޫމަރާ ފެހިގެ ސޯލިހު އިބުރާހިމް ބުނީ އެމީހުން ފެނިގެން ދިޔައިރު އެމީހުން ތިބީ ފަތްކެޔޮ ނިރުން ހަދާފައިވާ ކަނދުފައްޗެއްގެ މަތީގައި ކަމަށެވެ.

” އެދެމީހުން ކައިރިއަށް ގޮސް އަރާނަންހޭ އެހީމަ އެކަކު ބުނީ ނާރާނަމޭ. އެހެން ނަމަވެސް އެދެމީހުން ދޫކޮށްފައި ނުދާންވެގެން އިރުކޮޅަކު މަޑުކޮށްލާފައި އެހީމަ ދެމީހުންވެސް ދޯންޏަށް އެރީ. އެއީ ގާތްގަޑަކަށް 10 ޖެހިއިރު“ ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ބުނީ އެމީހުންނާ ދެކެވުނު ވާހަކަތަކުން އެގުނު ގޮތުގައި ކަނޑިތީމުގައި މަސައްކަތް ކުރަމުންދާ ދެމީހުން ފިލައިގެން ކުޅުދުއްފުށްޓަށް ދަނީ އެދެމީހުންނަށް މުސާރަ ނުދޭތީ އެވެ.

” އެދެމީހުން ބުނީ މުސާރަ ނުދޭތާން މިހާރު ނުވަމަސް ވެފައިވާ ކަމަށް. އެހެން ނަމަވެސް އެދެމީހުން ގެންގުޅެނީ ކާކުކަމެއް އެދެމީހުންނަކަށް ކިޔައެއް ނުދެވުނު“ ސޯލިހު ބުންޏެވެ.

ސޯލިހު ބުނީ އެދެމީހުން މިހާރު ގޮއިދޫ އޮފީހާ ހަވާލުކޮށްފައިވާ ކަމަށެވެ.

ގޮއިދޫ ކަތީބު އަހުމަދު ފައިސަލް ވިދާޅުވީ ކަނޑުމަތިން ހޯދައިގެން ގެނެސްފައިވާ ދެ ބިދޭސީއަކު އޮފީހުގެ ބެލުމުގެ ދަށުގައި ތިބި ކަމަށާއި އެދެމީހުން ވަރަށް އަވަހަށް ކަނޑިތީމު ފުލުހުންނާއި ހަވާލު ކުރެވޭނެ ކަމަށެވެ.

” މިއަދު 11 ޖަހާކަންހާއިރު ކަނޑުމަތިން ހޮވައިގެން ގެނައި ދެ މީހަކާއި އެދެމީހުންގެ ދަބަސް އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި އެބަހުރި. ކުޑައިރުކޮޅެއްގެ ތެރޭގައި އެދެމީހުން ކަނޑިތީމު ފުލުހުންނާ ހަވާލު ކުރެވޭނެ“ ފައިސަލް ވިދާޅުވި އެވެ.

ފުލުހުންވެސް ބުނީ ކަނޑުމަތިން ހޮވި ދެ ބިދޭސީއެއްގެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިދެމީހުން ގެންގުޅެމުންދަނީ ކާކުކަން އެނގެން ނެތުމާއެކު އެމީހެއްގެ ކޮމެންޓެއް ލިބޭގޮތް ވަނީ ނުވެފައެވެ.

0 Comments: