ޚަބަރު: ހަވީރު
ށ. ބިލެއްފަހީގައި 18 އަހަރު ނުފުރޭ ކުޑަ 3 އަންހެން ކުދިންނާ އެކު ބަދުއަޚުލާޤީ އަމަލު ހިންގިކަމަށް ތުހުމަތު ކުރެވިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މީހަކު ހައްޔަރު ކޮށްފި އެވެ.
ބިލެއްފަހިން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައިގައި ބަންދުކޮށްފައި ވަނީ އެރަށުގައި ރޭނުމުގެ މަސައްކަތް ކުރަންގޮސް ހުރި ކަނޑިތީމު މީހެކެވެ.
މިކަމާ ގުޅިގެން ބިލެއްފަހީ ކަތީބު އަބްދުއް ސައްތާރު ވިދާޅުވި ގޮތުގައި އެކުދިންނާ އެކު އޭނާ ބަދުއަޚްލާޤީ ގުޅުން ހިންގި މައްސަލަ ފަޅާއެރީ އެރަށު ސުކޫލް ކުދިންތަކެއް ބަދުއަޚުލާޤީ އަމަލު ހިންގާފައިވާ ކަމަށް ބުނާ ވީޑިޔޯއެއް އޭނާ (ތުހުމަތު ކުރެވޭ މީހާ) ސުކޫލް ކުއްޖަކަށް ދެއްކިކަން ރައްޔިތުންގެ ބަޔަކަށް އެނގިގެންނެވެ. އަދި އެ ވީޑިއޯގެ މައްސަލަ އެނގުމާ އެކު އެ ވީޑިއޫގައި ހިމެނޭ ކުދިންނާ ސުކޫލުގެ އިސްވެރިން އަދި ރަށު އޮފީހުގެ ވެރިން ސުވާލުކޮށް އެކުދިން ދިން ބަޔާނުގެ އޯޑިއޯ އޮފީހުގައި އެބަ އޮތެވެ.
މި މައްސަލަ ތަހްގީގު ކުރަން ކަނޑިތީމުން ބިލެއްފައްސަށް ދިޔަ ފުލުހުންގެ ޓީމުގައި ކަނޑިތީމު މީހަކު ހުރުމާއެކު ޓީމުގެ ތަހުގީގާމެދު އެރަށު ރައްޔިތުން ހިތްހަމަ ނުޖެހިގެން އެ ފުލުހުން ފުރިޔަ ނުދީ ދަންވަރު 2 ޖަހަންދެއް ހިފެހެއްޓިއެވެ. މިހާރު މި މައްސަލަ ތަހްގީގު ކުރަމުން ދަނީ ފުނަދޫ ޕޮލިސް ސްޓޭޝަނުން ކަމަށް ބިލެއްފަހިން މައުލޫމާތު ދެއެވެ.
ރަށު އޮފީހުން ބުނި ގޮތުގައި މައްސަލަ ތަހުގީގުކުރަން ދިޔަ ޓީމާމެދު ހިތްހަމަ ނުޖެހޭ ކަންތައްތަކެއް ފާހަގަ ކުރެވިފައި ވެއެވެ.
'ތަހުގީގު ޓީމުން އައިސް އެކަހަލަ ސީރިއަސް މައްސަލައެއް ގެންދަންވީ ގޮތަކަށް ނޫން ގެންދިޔައީ. އެންމެ ފުރަތަމަ ކަމަކަށް ބަދުއަޚުލާޤީ މައްސަލައިގެ ތަހުގީގު މަރުހަލާ އެކަހެރި ކޮށްފައި އޭނާ އާ ވާހަކަތަކެއް ދެއްކީ. ދެވަނަ ކަމަކަށް މައްސަލައިގެ ތެރޭގައި އުޅޭ ބިލެއްފަހީ މީހެއްގެ ލެޕްޓޮޕެއް ގެނެސް އެމީހުންގެ ބަޔާންތައް ނަގާ ހެދުން. އޭގެ އިތުރުންވެސް އެ މައްސަލއިގަ ހިމެނޭ މީހެއްގެ ގެއަށް ގޮސް ކައިބޮއެ ހެދުން. ކުއްވެރިޔާގެ ސައިކަލުގައި ޕޮލިހުން ދަތުރުކުރުމާއި މައްސަލައިގެ ތަހުގީގު ކުރިޔަށް ދަނިކޮށް ނިމުން އެއްކިބައިގައި އޮއްވާ އާއްމުންނަށް އޭނާގެ ކުށެއް ނެއްކަމާ އޭނާ ދޫކޮށްލެވޭނެ ކަމަށް މައުލޫމާތު ދިނުން. އެގޮތަށް ކަންތައް ވީމާ ރައްޔިތުން ޕްރެޝަރަށް އެރީ.' ރަށު އޮފީހުގެ އިސް ބޭފުޅަކު ވިދާޅު ވިއެވެ.
ނަމަވެސް ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ނުނިންމާ އެ އަމަލު ހިންގި މީހާގެ މައްޗަށް ކުށް ސާބިތެއް ނުވާނެއޭ ބުނެފައި ނުވާނެ ކަމަށެވެ. މީގެ އިތުރުން ތުހުމަތު ކުރެވޭ މީހާގެ ސައިކަލު ފަހަތުގައި ދިޔައީ އޭނާގެ ސައްހަ އައިޑީ ކާޑު ހޯދުމަށް ކމަށްވެސް ފުލުހުން ބުންޏެވެ.
0 Comments:
Post a Comment