ނޫމަރާ އޮފީހުން އިނޖީނުގޭގެ ފައިސާއަށް ޚިޔާނަތްތެރިވާކަމަށް ބުނެ، ނޫމަރާޖެ އިންޖީނުގެ އޯޑިޓްކޮށްދިނުމަށް އެދި، އެރަށު ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ސޮއިކޮށް އަތޮޅު އޮފީހަށް ޕެޓިޝަނެއް ފޮނުވުމާ ގުޅިގެން، އަތޮޅު އޮފީހުން އޯޑިޓްކުރަން ފޮނުވި ކަތީބުންގެ ޓީމު އެކަން ކުރުމުގެ ގާބިލްކަން ނެތް ކަމަށް ބުނެ ރަށުން ފޮނުވާލައިފި އެވެ.
ނޫމަރާ ރައްޔިތުން އަތޮޅު އޮފީހަށް ފޮނުވި ޕެޓިޝަންގައި ވަނީ ރކ ކޮމިޓީއާއި ރައްޔިތުން ކުރި އިންޖީނުގޭގެ އޮޑިޓުން، އިންޖީނުގެއަށް ގެއްލުން ވާކަމަށް ނުފެންނަ އިރު ރަށު އޮފީހުން ކުރި އޮޑިޓުން ދައްކަނީ ގެއްލުން ވާ ކަމަށް ކަމަށެވެ. އެހެންވެ އިންސާފުވެރި އޯޑިޓެއް ކޮށްދިނުމަށް އެމީހުން އެދިފައި ވެއެވެ.
މި މައްސަލައިގައި އޯޑިޓް ކުރަން ދިޔަ ޓީމާ މެދު ރަށުން ހިތްހަމަ ނުޖެހުނީ ކީއްވެތޯ އެއީވެސް އަތޮޅު އޮފީހުން "ވަކި އަތަކަށް ނުޖެހި" ވިސްނާލަން ޖެހޭ މައްސަލަ އެކެވެ. އެ ދިޔަ މީހުންނަކީ އޯޑިޓްގެ ތަމްރީނު ނެތް ބަޔަކަށް ވާނަމަ މިކަމުގައި އަތޮޅު އޮފީހުގެ ވެސް މައްސަލަ އެބަ އޮތެވެ. ނޫނީ އެ ޓީމުގައި ހިމެނޭ މީހުންނާ ނޫމަރާ ކަތީބާ ގުޅުމެއް އޮތުން ވެސް އެއީ ރައްޔިތުންގެ ނުރުހުން ލިބެން މެދުވެރިވި ސަބަބަކަށް ވެދާނެއެވެ.
ރައްޔިތުންގެ ނަމުގައި ރަށްރަށުގައި ހިންގާ މިފަދަ ވިޔަފާރިތައް އަބަދުވެސް ހުންނަންޖެހޭނީ ރަނގަޅަށް ބެލެހެއްޓޭ އަދި ވާނުވާ ރައްޔިތުންނަށް ރަނގަޅަށް އޮޅުންފިލާ ގޮތަށެވެ. އެހެން ނޫނިއްޔާ މިފަދަ މައްސަލަތައް ފެންމަތި ނުވެއެއް ނުދާނެއެވެ. ރައްޔިތުންގެ ފައިސާގެ ހިސާބުތައް ތަފްސީލްކޮށް މަހަކު އެއްފަހަރު އާއްމު ކުރުމާއި، އެ ފައިސާ ރައްކާ ކޮށްފައި ހުންނަ އެކައުންޓް ތަފްސީލް ރައްޔިތުންނަށް ދިނުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަންކަމެވެ.
::ގުޅުންހުރި ޚަބަރު
ހަވީރު
މިއަދު