9/30/2008

އީދު މުބާރަކް! އީދު މުބާރަކް!

މާދަމާއަކީ މިއަހަރުގެ ފިތުރު އީދު ދުވަހެވެ. 1 މަސް ދުވަހގެ ދިގު ރޯދައިގެ އަޅުކަމަށްފަހު މުސްލިމުން އުފާފާޅުކުރާ ދުވަހެވެ. މި ބްލޮގްގެ ފަރާތުން ހުރިހައި ދިވެހި މުސްލިމް އަހުންނާއި އުހްތުންނަށް ފިތުރު އީދުގެ ތަހުނިޔާ ކިޔަމެވެ.

މިފަހަރުގެ އީދު އަހަރެމެންނާ ބައްދަލް މިކުރީ ދިވެހިންނަށް އައި ތާރީހީ ފައްތަރެއްގެ ތެރެއިންނެވެ. މިދުވަސްވަރު ފޯރިއާއެކު މުޅި ގައުމުގައި ހިނގަމުންދަނީ ރިޔާސީ ކެމްޕެއިންނެވެ. ތާއިދު ހޯދުމުގެ މަސައްކަތްތަކެވެ. ށ އަތޮޅުވެސް މިކަމުގައި އިސްތިސްނާ ވެގެނެއް ނުވެއެވެ. އެކިއެކި ކެންޑިޑޭޓުން އަތޮޅުގެ އެކި އެކި ރަށްރަށަށް ޒިޔާރަތް ކުރަމުން ރައްޔިތުންނާ ބައްދަލް ކުރަމުން، ރައްޔިތުންގެ ހާލުބަލާ އެމީހުންގެ އަޑު އަހަމުން އަދި އެކިއެކި ވައުދު ވަމުން ދާތީ އެބަ ފެނެއެވެ. ވަރަށް ފޯރީގައެވެ. މިއަތޮޅަށް ޒިޔާރަތް ކުރެއްވި ކެންޑިޑޭޓުންގެ ތެރޭގައި އިބްރާހިމް އިސްމާއިލް، އުމަރު ނަސީރު، ހަސަން ސައީދު ބުރުމާ ގާސިމް އަދި މުހައްމަދު ނަޝީދު (އަންނި) ހިމެނެއެވެ. ހަބަރުތައް ލިބެމުންދާ ގޮތުގައި ގާސިމް އިބަރާހިމްގެ ށ ދަތުރު އަދި މުޅިން ނުނިމެއެވެ. މި އީދުގެ ތެރޭގައި ބައެއް ރަށްރަށަށް ވަޑައިގަތުން އެބަ އޮތެވެ. އެހެން ނަމަވެސް މައުމޫން އަބްދުލް ގައްޔޫމް އަތޮޅަށް ދަތުރު ކުރެއްވުމުގެ ހަބަރެއް އަދި ލިބިފައެއް ނެތެވެ.

ތާއިދު ހޯދުމުގެ މަސައްކަތް މިހާ ފޯރިގަދައިރު، މިފަހަރު ކާމިޔަބު ކުރާނެ ކެންޑިޑޭޓަކާ މެދު އެކި މީހުންގެ ހިޔާލު ތަފާތެވެ. ކޮންމެ މީހަކުވެސް ބުނަމުންދަނީ އެމީހަކު ތާއިދުކުރާ ކެންޑިޑޭޓް ކަމިޔާބު ކުރާނެ ކަމަށެވެ. މި އިންތިހާބާ ގުޅޭ ހިޔަލު ހޯދުމުގެ ބައެއް ވޯޓުލުންތައް ވެސް ހިނގަމުން އެބަ ދެއެވެ. ބައެއް އިންޓަނެޓް ސައިޓްތަކުގައި ޕޯލްތައް ހިމަނާފައި ވެއެވެ. އަދި އެކި ޕޯލުގެ ނަތީޖާ ތަފާތެވެ. އަތޮޅުގެ ރަށްރަށުގެ ނަމުގައި ހަދާފައިވާ ބައެއް ބްލޮގްތަކުގެ ޕޯލްއަށް ބަލައިލާއިރު ކަނޑިތީމުލައިވް ގައި ކުރީގައި އުޅެނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އެވެ. ފެކްޓްކަނޑިތީމު ގެ ޕޯލުން އާދަޔާހިލާފު ކުރިއެރުމެއް ހޯދާފައިވަނީ އަމިއްލަގޮތުން ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓް ހަސަން ސައީދެވެ. އަދި ގޮއިދޫ ނިއުސް ގެ ޕޯލުން ކުރީގައި އުޅެނީވެސް ހަސަން އެވެ. މީގެ އިތުރުން މުޅި ރާއްޖެއަށް ހުޅުވާލައިގެން އެފްއެމް ރޭޑިއޯތަކުން ދަނީ ހިޔަލުހޯދުމުގެ ވޯޓް ނަގަމުންނެވެ. އެޓޯލް ރޭޑިޔޯގެ ވޯޓުގައި ކުރި ހޯދީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އެވެ. އަދި ދިއެފްއެމް ގެ ވޭތުވެދިޔަ 3 ހަފްތާގެ ވޯޓުގެ ކުރި ހޯދާފައިވަނީވެސް ހަމަ މުހައްމަދު ނަޝީދެވެ. މި ވޯޓުގައި ވޭތުވެ ދިޔަ 2 ހަފްތާގައި ވެސް 2 ވަނަ ހޯދީ ހަސަން ސައީދެވެ. ފުރަތަމަ ހަފްތާގައި 2 ވަނަގައި އޮތް މައުމޫން އަބްދުލް ގައްޔޫމު މިހާރު ވަނީ 3 ވަނައަށް ވެއްޓިފައެވެ.

މިފަހަރުގެ އީދާ ގުޅިގެން މިއަންނަ ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާނު ކުރާ ދުވަސް ވެސް ވެގެން ދަނީ އަނެއްކާ އަނެއް އީދަށެވެ. ކޮންމެ ކެންޑިޑޭޓަކު ހޮވުނަސް އެ ހޮވުނު ކެނޑިޑޭޓެއްގެ ސަޕޯޓަރުންނަށް ޖެހިޖެހިގެން ކައިރިކައިރީގައި 2 އީދު އައީއެވެ. ދެއުފާ އެއްފަހަރާ ލިބުނީ އެވެ.

އީދެއް މިއަންނަނީ އިތުރު ހިތްވަރެއްގެ ފަހަތުންނެވެ. ރޯދައިގެ ފަހަތުން ފިތުރު އީދު އަދި ހައްޖުގެ ފަހަތުން އަލްހާއީދެވެ. ހަމަ މިއުސޫލުން މިފަހަރުގެ ކެމްޕެއިނަށް ފަހު ރިޔާސީ އީދެވެ. އެހެންވީމާ އީދު ގުޅިފައި މިއޮންނަނީ އިތުރު ހިތްވަރާ ބުރައާއެވެ. މިހާރު މިކުރިޔަށް ދަނީ އެ ބުރަ މަސައްކަތެވެ. އެ ހިތްވަރާ ޖޯޝާއެކު އެވެ. މިކަމުގައިވެސް ގިނަ މަސައްކަތް ގަދަ ހިތްވަރާއެކު ކުރެވުނު ބަޔަކަށް އީދު ބައްދަލް ކުރާނއެވެ. ކާމިޔާބު ވާނެއެވެ.

ގިނަ މީހުންގެ ހިޔާލު ހުރީ ވެރިކަން ބަދަލުކުރުމަށެވެ.

ރިޔާސީ އިންތިހާބު މިހާރު މިވަނީ ވަރަށް ކައިރިވެފައެވެ. ރޭހަށް ކުރިމަތިލާފައިވާ އެކިއެކި ކެނޑިޑޭޓުން ތާއީދު ހޯދުމުގެ ދަތުރުތަކުގައި އަވަދިނެތި ހަރަކާތްތެރިވަމުން އެބަ ދެއެވެ. އޭގެ އިތިރުން މިހާރު އެފެދިފައިވާ ބައެއް ދޭދޭ ޕާޓީތައްވެސް ފެންނަމުންދަނީ ބައިބަޔަށް އިއްތިހާދު ވަމުންދާ ތަނެވެ. ޖުމުހޫރީ ޕާޓީއާއި އަދާލަތު އަދި އެސްއެލްޕީ ގުޅިއްޖެއެވެ. އެމްޑީޕީ އާއި ގައުމީ އިއްތިހާދު އިއްތިހާދު ވެއްޖެއެވެ. އެންމެފަހުން ޑީއާރުޕީ އާއި ޕީއޭ ވެސް އެކުވީއެވެ.

މީގެ އިތުރުން މިހާރު ދޭދޭ ރައްޓެހިން ދިމާވެ ބައްދަލުމުނުވެސް ދެކެވޭ ފުރަތަމަ ވާހަކައަކަށް ކޮންމެވެސް ކެނޑިޑޭޓެއް ވެއްޖެއެވެ. ގޭގޭ ފެންޑާއިން ފެށީގެން ސައިހޯޓާތަކާއި ހޮޅިއަށިތަކުގައިވެސް ފޯރީގައި ދެކެވޭ ވާހަކައަކީ މިއެވެ. މި ރޯދަ މަހުގެ ރޯދަ ކުރުކުރުމަށް ކުރެވޭ ކަމަކީވެސް ކެނޑިޑޭތެއްގެ މޮޅު ނޫނީ ދެރަ ވާހަކަ ދެއްކުމަސް ވެއްޖެއެވެ. އެހެންވީމާ މިހާރު ގާތްގަނޑަކަށް މުޅި ރާއްޖެ ގޮވަމުން ދަނީ އެއް ވާހަކައެކެވެ. ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ވާހަކަ އެވެ.

މިހެން މިކަން ވާންވީ އެއް ސަބަބަކީ ވޭތުވެ ދިޔަ ހައި ދުވަހަކު ބޭއްވުނު އިންތިހާބުތަކާ މިފަހަރުގެ އިނތިހާބު ވަރަށް ބޮޑަށް ތަފާތު ވުމެވެ، މިފަހަރު ނޫނީ ގިނަ ކެނޑިޑޭޓުންނަށް ކުރިމަތިލެވޭ އިންތިހާބެއް ރާއްޖޭގައި ބޭއްވިފައި ނެތުމެވެ. އަދި 30 އަހަރުވީ ވެރިކަމުގެ މަތިން ރައްޔިތުން ފޫހިވެ ކޮންމެ އެހެން ވެރިކަމެއް ދުށުމުގެ އިނތިޒާރު ކުރުމެވެ. މިއަށްވުރެވެސް ފާޅު ހަގީގަތަކީ 30 އަހަރުގެ އާއިލީ ވެރިކަމުގައި ރައްޔިތުން ނިކަމެތިވެ، ހައްގުތައް ނުލިބި، ވެރިކަމުގެ ފަރާތުން ރައްޔިތުންނަށް ލިބެންވީ ފަސޭހައިގެ ބަދަލުގައި ބިރުދެއްކުމާއި އަދަބު ލިބެމުން ގޮސްފައި ވުމެވެ.

އެހެންވީމާ މިފަހަރުގެ އިންތިހާބުގައި ވަރަށް ގިނަ ބައެއްގެ ހިޔާލު ހުރީ ވެރިކަން ބަދަލު ކުރުމަށެވެ. އާ ވެރިޔަކު ހޮވުމަށެވެ. މިކަން އެނގޭ އެއް ކަމަކީ މިހާތަނަށް ނެގި ހިޔާލު ހޯދުމުގެ ވޯޓުތަކެވެ. ކޮންމެ ވޯޓަކުންވެސް މިހާރުގެ ރައީސަށްވުރެ އިދިކޮޅު ފަރާތްތައް، ހާއްސަކޮށް އެމްޑީޕީގެ ކެނޑިޑޭޓް އުޅެނީ ކުރީގައެވެ. ދިއެފްއެމްގެ ދެ ހަފްތާގެ ވޯޓާއި ރޭޑިއޯ އެޓޯލްގެ ވޯޓުވެސް ދައްކަނީ މި ނަތީޖާއެވެ.

ބަދަލަކަށް ވޯޓުދޭ މީހުން އެންމެ ބޮޑަށް ވިސްނަން ޖެހޭނީ ވެރިކަން ރަނގަޅަށް ކުރެވޭނެ، ރައްޔިތުން އެދޭ ފަދަ ރަނގަޅު ބަދަލެއް ގެނެސްދޭނެ އެކަމަށް ގާބިލް މީހަކު ހޮވުމަށެވެ. ކުރިމަތިލާފައިވާ މީހުންގެ ތެރެއިން އެންމެ ރަނގަޅު މީހަކު، ކުރިން މިދންނެވި އުސޫލުތަކުން، ބަލާނީ އެމީހުން އެކަށައަޅާފައިވާ މެނިފެސްޓޯ އަށް ބަލާފައެވެ. އަދި ކަނޑައަޅާފައިވާ ކަންތައް ހާސިލްކުރެވޭނެ މިންވަރު އަމިއްލަ ސިކުނޑިން ވަޒަންކުރުމަށް ފަހުއެވެ.

ބައެއް މީހުންގެ ބުނާގޮތުގައި ކޮންމެ މީހަކު ވެރިކަމަށް އަޔަސް ވާނީ ހަމަ އެއްގޮތެވެ. ކޮށްދޭން ބުނާ ކަންތައް ނޫނީ ވައުދުތައް އޮންނާނީ އޮތްތާކުއެވެ. މިވީހާތަނުގައި ވެފައި އޮތީ އެހެންނެވެ. ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި މިބަދަލަށް އަޅުގަނޑުމެން ފެށީ އުންމީދު ތަކަކާ އެކުއެއެވެ. މި ގެންނަން އުޅޭ ބަދަލު ގެނެސްގެން އެ އުއްމީދުތައް ހާސިލްކުރެވޭނެ ކަމަށް ގަބޫލުކުރެވޭތީ އެވެ. ބައެއް މީހުން އެބުނާހެން ކޮންމެ މީހަކު ވެރިކަމަށް އަޔަސް ވާނީ ހަމަ އެއްގޮތް ނަމަކަ މިހުރިހާ މަސައްކަތް ކުރުމުގެ މާނައެއް ނެތެވެ. މިކުރެވުނީ ހުސް މަސައްކަތެވެ. އެކަމަކު އަހަރެން ގަބޫލުކުރަނީ ގާބިލް އެކަށޭނަ ވެރިޔަކަށް މިގައުމު ނަގާ ކޮޅަށް ޖެހޭނެ ކަމަށެވެ. އަހަރެން އުންމީދު ކުރަނީ އެގޮތަށެވެ.

ދެން އޮތީ މިހެން ނުވެއްޖެ ނަމަ ހަދާނެ ގޮތެވެ. މިގައުމުގެ ހިނގުން ރަނގަލު ނުކުރެވިއްޖިއްޔާ ހަމަ ގައިމުވެސް އެމީހަކު 30 އަހަރު ވެރިކަމުގައި ހުއްޓަކަ ނުދޭނެއެވެ. 5 އަހަރު ވާއިރު ރަނގަޅު އެހެން ވެރިޔަކަށް ވޯޓުދޭނެއެވެ.

9/03/2008

ސިޔާސީ އިއްތިފާގެއް!

jumhooreen

ޖުމުހޫރީ ޕާޓީ އުފެދުން ވެގެންދިޔައީ ރައްޖޭގެ ސިޔާސީ މަސްރަހުގައި ފާހަގަ ކުރެވޭ ބޮޑު ބަދަލެއް ގެނުވި ހަރަކަތަކަށެވެ. އެ ޕާޓީ އުފެދިގެން މިވީ މަދު ވަސްކޮޅުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ޕާޓީގައި ބައިވެރި ވެއްޖެއެވެ. ގިނަ ވިޔަފާރި ވެރިން ހިމެނޭ އަދި ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރި ވެރިޔާ ރިޔާސީ ކެނޑިޑޭޓަކަށް ކަނޑައަޅާފައިވާ ޖުމުހޫރީ ޕާޓީ އަކީ ވިޔަފާރިވެރިންގެ ޕާޓީ ކަމަށް ރައްޔިތުންގެ މެދުގައި ވާހަކަ ދެކެވެއެވެ.

މި ޕާޓީ އުފެދި ޕާޓީގެ ކޮންގްރެސް ބޭއްވި ނިމުނތަނާހެން އަދި އިތުރު 2 ޕާޓީއެއް މިހާރުވަނީ މި ޕާޓީއާ ގުޅި، ތާއިދު ކޮށްފައެވެ. އެއީ އަދާލަތު ޕާޓީއާއި އެމް އެން ސީ އެވެ. މީގެ އިތުރުން މިފަހަރުގެ ރިޔާސީ ރޭހަށް ކެނޑިޑޭޓަކު ނެރެފައިވާ އައި. ޑީ. ޕީ ވެސް ޖުމުހޫރީންނަށް ތާއިދު ކުރާނެ ކަމަށް އެޕާޓީގެ ރިޔާސީ ކެނޑީޑޭޓް ގާސިމް ވިދާޅުވެފައި ވެއެވެ.

މިކަން މިހެން އޮތް އިރު، ޖުމުހޫރީ ޕާޓީގެ ދިދަ ނުވަތަ ނިޝާން ފަރުމާކުރެވިފައިވަނީ ކުރިން މިބުނެވުނު ޕާޓީތަކުގެ ނިޝާންތަކާ ވަރަށް ގުޅުން ހުރި ގޮތަކަށެވެ. އޭގައިވާ ރަތް ކުލައާއި ފެހި ކުލަ އެއީ އައި ޑީ ޕީ އާއި އަދާލަތުގެ ކުލައެވެ. އަދާލަތުގެ ނިޝާނުގައި ވެސް ހަނދުފަޅިއެއް ހިމެނެއެވެ. އައި ޑީ ޕީ އަދި އެމް އެން ސީ ގެ ނިޝާނުގައިވެސް ތަރި ހިމެނެއެވެ.

ދެން އުފެދޭ ސުވާލަކީ ޖުމުހޫރީ ޕާޓީގެ ނިޝާން އެގޮތަށް ކުރަހާފައިވަނީ ދެން އެހުރި ޕާޓީތަކުގެ ރުހުން ހޯދަން ބާއެވެ؟ ނޫނީ އެޕާޓީތަކުގެ ރުހުން ލިބޭނެކަމުގެ ޔަގީންކަން ކުރިން ލިބިފައިވަނީބާވައެވެ؟ ނޫނީ މިއީ ހަމަ އިއްތިފާގެއް ބާވައެވެ؟

9/02/2008

ރިޔާސީ އިންތިހާބާ މެދު ...

ވޭތުވެ ދިޔަ ތިން ހަތަރު އަހަރެއްގެ ތެރޭގައި މިރާއްޖޭގެ ސިޔާސީ މައިދަނަށް އައި އަދި ގެނައި ބަދަލުތަކެއްގެ ސަބަބުން ކުރިމަތި ވަމުން މިއަންނަ ރިޔާސީ އިންތިހާބު ވާނީ ދިވެހިންނަށް ކުރިން ނުދެކޭ ތަފާތު އިންތިހާބަކަށެވެ. މިހާރު މިވަނީ ގާނޫނު އަސާސީ އިސްލާހުކުރެވި ގިނަ ޕާޓީ ވާދަކުރެވޭ އިންތިހާބަކަށް ބަދަލު ވެފައެވެ. މީގެ ކުރިން މި ގައުމުގެ ވެރިޔަކު އިންތިހާބު ކުރުމުގައި ބޮޑު ރޯލެއް އަދާ ކުރަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ރައްޔިތުންނަށް ޖެހެނީ މަޖިލީހުން ހޮވާ މީހާ ވެރިކަމަށް އިސްކުރަން ފެންނަ ކަން ނުވަތަ ނޫންކަން ބުނާށެވެ. މިގައުމުގެ ރިޔާސީ އިންތިހާބުގައި، ގިނަ ކެނޑިޑޭޓުންތަކެއް، ހަމަހަމަ ގޮތެއްގައި ވާދަކުރާ މިއީ ފުރަތަމަ ފަހަރެވެ.

އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި ކަމަކަށް ހެދުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. މިކަމުގައި ސަރުކާރުން އިންތިހާބުތައް ހިންގުމާ ހަވާލުވެފައިވާ އިދާރާއާއި، މިނިވަން މުސްތަގިއްލު މުއައްސަސާ ތަކާއި، މަދަނީ ޖަމިއްޔާތައް ހަރަކާތްތެރި ވާން ޖެހޭނެއެވެ. މީގެ އިތުރުން ސިޔާސީ ޕާޓީތަކުން އިންތިހާބަށް ފާރަލައި ބަލަން ޖެހޭނެއެވެ.

މީގެ އިތުރުން ވޯޓު ހައްގުވާ އެންމެން، އެކަމަށް ހޭލުންތެރި ކުރަން ޖެހޭނެއެވެ. ވޯޓު ލާމީހާއަށް ވޯޓު ލާންޖެހޭ ގޮތާއި، ދުވަހާއި ގަޑި ފަދަ މައުލޫމާތުގެ އިތުރުން އޭނާއަށް ލިބިފައިވާ ހައްގުތަކާއި، ބާރުތައް އޮޅުންފިލުވައިދޭން ޖެހޭނެއެވެ. ވޯޓުލާ މީހާއަށް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ކުރިން އެނގިފައި އޮންނަންވާނެ އެވެ.

ދެކެވޭ ވާހަކަތަކަށް ބަލާއިރު މިފަހަރުގެ އިންތިހާބުގައި އެކި އެކި ކެނޑިޑޭޓުން ވޯޓު ގަތުމަށް މަސައްކަތް ކުރުން ވަރަށް ކައިރިއެވެ. އެހެން ވެއްޖެނަމަ އިންތިހާބުގެ އިންސާފުވެރިކަން އަދި މިނިވަންކަން އެދިޔައީ އެވެ. ނަމަވެސް އެހެން ވާނީ ރައްޔިތުން ތިބީ ވޯޓު ވިއްކަން ތައްޔާރަށް ނަމައެވެ.