ވޭތުވެ ދިޔަ ތިން ހަތަރު އަހަރެއްގެ ތެރޭގައި މިރާއްޖޭގެ ސިޔާސީ މައިދަނަށް އައި އަދި ގެނައި ބަދަލުތަކެއްގެ ސަބަބުން ކުރިމަތި ވަމުން މިއަންނަ ރިޔާސީ އިންތިހާބު ވާނީ ދިވެހިންނަށް ކުރިން ނުދެކޭ ތަފާތު އިންތިހާބަކަށެވެ. މިހާރު މިވަނީ ގާނޫނު އަސާސީ އިސްލާހުކުރެވި ގިނަ ޕާޓީ ވާދަކުރެވޭ އިންތިހާބަކަށް ބަދަލު ވެފައެވެ. މީގެ ކުރިން މި ގައުމުގެ ވެރިޔަކު އިންތިހާބު ކުރުމުގައި ބޮޑު ރޯލެއް އަދާ ކުރަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ރައްޔިތުންނަށް ޖެހެނީ މަޖިލީހުން ހޮވާ މީހާ ވެރިކަމަށް އިސްކުރަން ފެންނަ ކަން ނުވަތަ ނޫންކަން ބުނާށެވެ. މިގައުމުގެ ރިޔާސީ އިންތިހާބުގައި، ގިނަ ކެނޑިޑޭޓުންތަކެއް، ހަމަހަމަ ގޮތެއްގައި ވާދަކުރާ މިއީ ފުރަތަމަ ފަހަރެވެ. އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި ކަމަކަށް ހެދުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. މިކަމުގައި ސަރުކާރުން އިންތިހާބުތައް ހިންގުމާ ހަވާލުވެފައިވާ އިދާރާއާއި، މިނިވަން މުސްތަގިއްލު މުއައްސަސާ ތަކާއި، މަދަނީ ޖަމިއްޔާތައް ހަރަކާތްތެރި ވާން ޖެހޭނެއެވެ. މީގެ އިތުރުން ސިޔާސީ ޕާޓީތަކުން އިންތިހާބަށް ފާރަލައި ބަލަން ޖެހޭނެއެވެ. މީގެ އިތުރުން ވޯޓު ހައްގުވާ އެންމެން، އެކަމަށް ހޭލުންތެރި ކުރަން ޖެހޭނެއެވެ. ވޯޓު ލާމީހާއަށް ވޯޓު ލާންޖެހޭ ގޮތާއި، ދުވަހާއި ގަޑި ފަދަ މައުލޫމާތުގެ އިތުރުން އޭނާއަށް ލިބިފައިވާ ހައްގުތަކާއި، ބާރުތައް އޮޅުންފިލުވައިދޭން ޖެހޭނެއެވެ. ވޯޓުލާ މީހާއަށް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ކުރިން އެނގިފައި އޮންނަންވާނެ އެވެ. ދެކެވޭ ވާހަކަތަކަށް ބަލާއިރު މިފަހަރުގެ އިންތިހާބުގައި އެކި އެކި ކެނޑިޑޭޓުން ވޯޓު ގަތުމަށް މަސައްކަތް ކުރުން ވަރަށް ކައިރިއެވެ. އެހެން ވެއްޖެނަމަ އިންތިހާބުގެ އިންސާފުވެރިކަން އަދި މިނިވަންކަން އެދިޔައީ އެވެ. ނަމަވެސް އެހެން ވާނީ ރައްޔިތުން ތިބީ ވޯޓު ވިއްކަން ތައްޔާރަށް ނަމައެވެ.
0 Comments:
Post a Comment