10/29/2008

2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާ

މުޅި ރާއްޖޭގެ ޖުމުލަ



ށ. އަތޮޅުގެ ނަތީޖާ
(ފޮޓޯ ބޮޑުކޮށް ބެލުމަށް ފޮޓޯއަށް ކްލިކް ކޮށްލާ)

ނަތީޖާ ނެގީ:
http://elections.cipher-inc.com/temp_result.php?p=result_by_islands&atoll_id=3

10/22/2008

ބަދަލަކަށް ވޯޓުދޭން އަހަރެން ޖެހިލުމެއް ނުވެއެވެ.

ދިވެހިން މިވަނީ ބަދަލުގެ ހަތަރު އަނގޮޅިއެއްގައެވެ. ވޭތުވެ ދިޔަ 4 ވަރަކަށް އަހަރުގެ ތެރޭގައި އިސްލާހަށް މަސައްކަތް ކުރި ފަރާތްތަކުން މިގައުމުގެ ރައްޔިތުންނަށް ހޯދައިދީފައި މިވަނީ ވަރަށް މުހިއްމު ފުރުސަތެކެވެ. ބަދަލަކަށް އެދޭ ރައްޔިތުންނަށް ބޭނުންތެރި ފުރުސަތެކެވެ. އެއީ، ކުރިޔަށް އޮތް 5 އަހަރު މިގައުމުގައި ވެރިކަން ކުރާނީ އާ ވެރިޔަކުތޯ ނޫނީ 30 އަހަރުގެ ދިގު ވެރިކަން ކުރި ރައީސް މައުމޫނުތޯ ކަނޑައަޅާ ނިންމުމަށް ލިބިފައި އޮތް ފުރުސަތެވެ. ޝައްކެއް ނެތް ގޮތުގައި މިހާލަތަށް ގައުމު ގެނެސްދީފައި މިވަނީ އެތައް ބައެއްގެ ހިތްވަރާއި ކެރުމާއި މިންނެތް މަސައްކަތުންނެވެ.

ގައުމު ބަދަލަކަށް ފުރޮޅިގެން ދާ މި ދަނޑިވަޅުގައި، ދެން އަންނާނީ ކޮންކަހަލަ ބަދަލެއްކަން ލަފާކުރަން ނޭނގޭތީ، ނުވަތަ މިހާރަށް ވުރެ ހާލަތު ގޯހަށް ހިނގައިދާނެތީ، ނޫނީ ތިމާ ނޭދޭ ބަދަލެއް އަތުވެދާނެތީ، މިބަދަލުކުރަން ފަސްޖެހޭ ބަޔަކު ތިބެ ދާނެއެވެ. އަދި ޖެހިލުން ވެދާނެއެވެ. ނަމަވެސް މިއީ ހައްތާވެސް ހިތު ލަފައެވެ. ހީވާ ހީވުމެވެ. ކޮންމެ ހީއަކީ ހަގީގަތެއް ނޫން އެހެން ނޫންތޯއެވެ.

ގައުމު މިވަނީ ހެޔޮ ބަދަލަކަށް ބޭނުންވެފައެވެ. އެކަމަށްޓަކައި އިސްލަހު ގެންނަންވީ ވަރަށް ގިނަ ދާއިރާތައް އެބަހުއްޓެވެ. ސަރުކާރު ހިންގުމުގައި ކޮރަޕްޝަނަށް ހުޅުވިފައިވާ މަގު ބަންދުވާން އެބަ ޖެހެއެވެ. އާއިލާ އާއި ރައްޓެހި ރަހުމަތްރިންނަށް ބާރާއި ނުފޫޒު ދިނުން ހުއްޓުވަން އެބަ ޖެހެއެވެ. ހިންގުމުގެ އިސްރާފު ދަށްކުރަން އެބަ ޖެހެއެވެ. ރައްޔިތުންގެ ތަނަވަސްކަމުގެ ފަރަގު ކުޑަކުރަން ޖެހެއެވެ. އަސާސީ ހިދުމަތްތައް އެންމެނަށްމެ ހަމަހަމަ އުސޫލަކުން ލިބިދޭން ޖެހެއެވެ. އަދިވެސް އެތައް ކަމެކެވެ.

މިހުރިހައި ކަމެއް ހެވުން ނުބަޔަށް ގޮސްފައި މިވަނީ ރައީސް މައުމޫނުގެ ދިގު ވެރިކަމުގައެވެ. އަދި އިސްލާހަށް އެދި ގޮވާ ރައްޔިތުންގެ އެދުމަށް އިޖާބަ ނުދީ ކަންކަން، ބާރާއި ނުފޫޒުން ކުރަމުން ދިއުމުގެ ސަގާފަތް މިއަދުވެސް މިދަނީ ފެންނަމުންނެވެ. އިލްމީ ޓުއަރިޒްމް މިނިސްޓަރުގެ ބަދަލުގައި އާއިލީ ޓްއަރިޒަމް މިނިސްޓަރެއް އައްޔަންކުރީ ވެސް ދާދި ފަހުން ނޫންހެއްޔެވެ. އަދި ދާދި ފަހުން އޮޑިޓަރ ޖެނެރަލް ރައީސް އޮފީސް އޮޑިޓް ކުރެއްވުމާ ގުޅިގެން މިހާރު ރައީސް މައުމޫނުގެ ޕާޓީން މަސައްކަތް ކުރަމުން އެދަނީ އޮޑިޓަރ ޖެޖެނެރަލް ވަޒީފާއިން ވަކިކުރުމަށެވެ. މިކަމުންވެސް މިސަރުކާރު ހަމަޔާ އިންސާފުން ބޭރުވެ ބާރާއި ނުފޫޒު ބޭނުންކުރާ މިންވަރު ވަރަށް ސާފުކޮށް ދައްކައިދެއެވެ. އެހެންވީމާ މިސަރުކާރުގެ އިހްލާސްތެރިކަން އެބަ އޮތް ހެއްޔެވެ؟ ރައްޔިތުންނަށް ހެވާ ލާބައަށް މަސައްކަތް އެބަ ކުރޭ ހެއްޔެވެ.؟

މިފަދަ ކަންކަން މިހެން ހުރުމާ އެކު އަހަރެންނަށް ގަބޫލުކުރެވެނީ، ރައްޔިތުންނަށް ދިމަވެފައިވާ ދަތިތައް ހައްލުކުރެވޭނީ، ރައްޔިތުން އެދޭ ބަދަލު ގެނެވޭނީ، ރައްޔިތުންނަށް އިހްލާސްތެރި ވާނީ، އަދި ރައްޔިތުންގެ ވެރިކަމެއް މިތާގައި ކުރެވޭނީ ވެރިކަން ބަދަލުކޮށްލައިގެންނެވެ. މިކަންކަން ކުރެވޭނީ އާ ވެރިޔަކަށެވެ. އެހެންވީމާ، ބަދަލަކަށް ވޯޓުދޭން އަހަރެން ޖެހިލުމެއް ނުވެއެވެ.

10/13/2008

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު؛ މައުމޫނު ކާމިޔާބު ކުރުމަށް ސަތޭކައަކުން 28 ހޯދަން ޖެހޭ

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމިފައި މިވަނީ އެއްވެސް ކެންޑިޑޭޓަކަށް ސައްތައިން 50 ނުލިބިއެވެ. އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި މި އަދަދު ކޮންމެހެންވެސް ހޯދަން ޖެހެއެވެ. ފުރަތަމަ ބުރު ނިމުނުއިރު އެންމެ ބޮޑު ކާމިޔާބެއް ހޯދައި ދެވަނަ ބުރަށް ގޮސްފައި މިވަނީ ޑީއާރުޕީގެ ކެންޑިޑޭޓް މައުމޫން އަބްދުލް ގައްޔޫމާއި އެމްޑީޕީ އިއްތިހާދުގެ ކެންޑިޑޭޓް މުހައްމަދު ނަޝީދެވެ. އެހެންވީމާ ދެވަނަ ބުރުގައި އިންތިހާބު ކާމިޔާބު ކުރާނެ ކެންޑިޑޭޓަކީ ކާކުތޯ ބަލައިލުމަށް ކުޑަ ހިސާބެއް ހަދާލަމާ ހިނގާށެވެ.

ފުރަތަމަ ބުރުގައި މައުމޫނަށް ވޯޓު ދިން އެއްވެސް މީހަކު ދެވަނަ ބުރުގައިވެސް އެހެން ކެންޑިޑޭޓަކަށް ވޯޓު ދޭނެކަމަކަށް ބެލޭނެ ޖާގައެއް ނެތެވެ. ހަމަ އެހެންމެ ކެންޑިޑޭޓް ނަޝީދަށް ދިން ވޯޓެއް ވެސް އެހެން ފަރާތަކަށް ދިއުމުގެ ޖާގައެއް ނެތެވެ. ފަރާތްފަރާތަށް ބެހޭނީ ދެން ހުރި އެހެން ކެންޑިޑޭޓުންނަށް ލިބުނު 60543 ވޯޓެވެ. މިވޯޓުތައް ދެވަނަ ބުރުގައި ވާދަކުރާ ދެ ކެންޑިޑޭޓުންނަށް ބެހިގެން ދާނެކަމަށް ބެލެވެއެވެ.

ދެން އޮތް އަނެއް ސުވާލަކީ މިވޯޓުތައް ބެހިގެން ދެފަރާތަށް ބެހިގެން ކިހާ ނިސްބަތަކުން ބާއެވެ. ރާއްޖޭގައި އޮތް 30 އަހަރުވީ ވެރިކަން ބަދަލުކުރުމަށް ގިނަ ބަޔަކު މަސައްކަތް ކުރަމުން މިދާ ދަނޑިވަޅުގައި މީގެ ތެރެއިން ބޮޑު އިންސައްތައެއް މިހާރުވެސް ރައީސްކަމުގައި ހުރި މައުމޫނަށް ލިބިދާނެބާއެވެ؟ ނުވަތަ ބަދަލުކުރުމުގެ ހިޔާލުގައި ތިބި ދިވެހިންގެ ގިނަ ބަޔަކު އެނބުރޭނީ އިނދިކޮޅު ކެންޑިޑޭޓު ނަޝީދަށް ހެއްޔެވެ؟ މިހާތަނަށް އައި އިރު އިދިކޮޅު ފަރާތްތައް މިވަނީ އެކުވެ އިއްތިހާދު ވެފައެވެ. އެއް މަގްސަދެއް ގައެވެ. ވެރިކަން ބަދަލުކޮށްލުމުގެ ނިޔަތުގައެވެ. އިއްތިހާދު ވުމަށް ފަހު ކޮންމެ ކެންޑިޑޭޓަކުވެސް އޭނާއަށް ތާއިދުކުރި ރައްޔިތުންގެ ފަރާތުން އެދިފައިވަނީ އިދިކޮޅު ކެންޑިޑޭޓަށް ވޯޓު ދިނުމަށެވެ. ވީމާ ލަފާކުރެވޭ ގޮތުގައި ކުރީން މިބުނި 60543 ވޯޓުގެ ތެރެއިން ގިނަ ބަޔަކު ނަޝީދަށް ވޯޓުލުން ކައިރި އެވެ. ނަމަވެސް މީގެތެރެއިން ކޮންމެވެސް އިންސައްތައެއް އަނެއް ކޮޅަށް ދާނެކަމަށް ލަފާކުރެވެއެވެ.

ދެން ވިޔަ ކޮށްލަމާ ހިނގާށެވެ.
ފުރަތަމަ ބުރުގައި މައުމޫނަށް ލިބިފައި ވަނީ 71731 ވޯޓެވެ.
މުހައްމަދު ނަޝީދަށް ލިބިފައި ވަނީ 44293 ވޯޓެވެ.
އެހެން ކެންޑިޑޭޓުންގެ ޖުމުލަ އަކީ 60543 ވޯޓެވެ.

އެހެން ކެންޑިޑޭޓުންގެ ޖުމުލައިގެ 10 އިންސައްތަ މައުމޫނު ހޯދައިފި ނަމަ ނަތީޖާ އަކީ:
މައުމޫން 77785 ވޯޓު، %44.05
ނަޝީދު 98782 ވޯޓު، %55.95

އެހެން ކެންޑިޑޭޓުންގެ ޖުމުލައިގެ 20 އިންސައްތަ މައުމޫނު ހޯދައިފި ނަމަ ނަތީޖާ އަކީ:
މައުމޫން 83840 ވޯޓު، %47.48
ނަޝީދު 92726 ވޯޓު، %52.51

އެހެން ކެންޑިޑޭޓުންގެ ޖުމުލައިގެ 25 އިންސައްތަ މައުމޫނު ހޯދައިފި ނަމަ ނަތީޖާ އަކީ:
މައުމޫން 86867 ވޯޓު، %49.19
ނަޝީދު 89699 ވޯޓު، %50.80

މި ނަތީޖާއިންވެސް ކުޑަ ތަފާތަކުން ކުރީގައި އުޅެނީ ނަޝީދުއެވެ. ދެން ފަހަރަކު އިންސައްތައެއް އިތުރުކުރަމުން ދާށެވެ. ނަތީޖާ އަނެއް ކޮޅަށް އެނބުރެނީ 28 އިންސައްތައިންނެވެ. ވީމާ މައުމޫނު ކާމިޔާބު ކުރުމަށް އަނެއް 4 ކެންޑިޑޭޓުންނަށް ވޯޓްދިން ކޮންމެ 100 މީހަކުން 28 ހޯދަން ޖެހޭނެއެވެ. އެއީ 10898 ވޯޓެވެ. ހަމަ އެހެންމެ، އިދިކޮޅު ފަރާތްތަކުން މި އިންތިހާބު ކާމިޔާބުކުރުމަށްޓަކައި މި އަދަދު ދޫވެގެން ދިޔަނުދީ ހިފަހައްޓަން ޖެހޭނެއެވެ.

10/09/2008

ރިޔާސީ އިންތިހާބު 2008؛ ވަގުތީ ނަތީޖާ

ރިޔާސީ އިންތިހާބު 2008
ވަގުތީ ނަތީޖާ
ށ. އަތޮޅުގެ ޖުމުލަ


ރިޔާސީ އިންތިހާބު 2008
ވަގުތީ ނަތީޖާ
މުޅިރާއްޖޭގެ ޖުމުލަ


10/06/2008

މުދައްރިސުންގެ ރުހުން ދެނެއް ނުލިބޭނެ.

މިއަދުގެ ހަބަރުތައް ކިޔަމުން ދިޔައިރު އެންމެ ފާހަގަ ކުރެވުނު ހަބަރަކީ މުދައްރިސުންގެ މުސާރަ ބޮޑު ކުރުމާ މެދު ހަވީރުގައި ލިޔެފައިވާ ހަބަރެކެވެ. އެހަބަރާމެދު އަހަރެންގެ ހިޔާލު މިތާގައި ލިޔެލަމެވެ.

އޭގައި ވެއެ.
"މުދައްރިސުންގެ އާ އޮނިގަނޑުގެ ދަށުން މިއަހަރުގެ އޮގަސްޓް މަހުން ފެށިގެން މުސާރައިން ބޮޑުވި ބައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ހުރިހައި މުދައްރިސުންނަށް ވެސް ލިބިވަޑައިގަންނަވާނެ ކަމަށް ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލް ޖުމުހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ."

ތިޔަ ވާހަކަ މައުމޫން ތިޔަ ވިދާޅުވީ މުދައްރިސުންނަށް ހެޔޮއެދިވަޑައިގެން ކަމަށް ވާނަމަ މިއަހަރުގެ ނޮވެމްބަރު 11 އައުމުގެ ކުރިން ތިޔަ ކަން އަވަހަށް ނިންމާ ދޭށެވެ. ތިޔަ ވާހަކަ ތިޔަ ވިދާޅުވީ އިންތިހާބުގައި ތާއިދު ހޯއްދަވަން ކަމުގައި ވާނަމަ، ދަންނަވަންތޯއެވެ ތިޔަ ވާހަކަ އިއުލާނު ކުރެއްވުން މާ ބޮޑަށް ލަސް ވެއްޖެއެވެ. އަހަރެމެން މިހާރު މިތިބީ ދެން އިތުރު ދައުރަކަށް މައުމޫން ނުހޮވަން ކަނޑައަޅައިގެންނެވެ. ތިޔަހެން މަތިމަތިން ވެލާ ވައުދެއްގެ ދެން ބޭނުމެއް ނެތެވެ.

" އެބޭފުޅުންގެ ޝަކުވާއަކީ ހަމަ ހައްގު ޝަކުވާއެއް. އެކަމާ ދޭތެރޭ ސަރުކާރުން މިހާރުވަނީ ވަރަށް ބޮޑަށް ވިސްނަވާފައި ގޮތްތަކެއް ނިންމަވާފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މިއަހަރުގެ އޮގަސްޓްމަހުން ފެށިގެން އެބޭފުޅުންނަށް މުސާރައިން އިތުރުވާ ބައި މިއަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ލިބިވަޑައިގަންނަވާނެ" މައުމޫން ވިދާޅުވެފައި ވެއެވެ.

ދަންނަވަންތޯ މުދައްރިސުން ހާދަ އާދޭހެއް ކުރިޔޭ. ހާދަ ވާހަކައެއް ހާދަ ގޮތަކަށް ދައްކާ އެއްވެސް ހައްލެއް ނުފެނިގެނޭ ހަޅުތާލަކާ ހަމަޔަށް ދިޔައީ. ކަމާގުޅޭ މިނިސްޓްރީތަކާ މަޖިލީހުގެ މެމްބަރުންނާ އެތައް މަޝްވަރާއެއް ކުރި. މައުމޫނަށް އެޕޮއިންޓްމެންޓަކަށް އެދި އެދި ހަމަ އެއްގޮތަކަށްވެސް ވަގުތެއް ދެއްވޭނެ ގޮތެއް އޭރަކު ނުވި. އޭރު މުދައްރިސުންގެ ޝަކުވާ އަޑުނާއްސަވާ މިހާރު ކީއްވެތޯ ހަމަ ކުއްލިއަކަށް "ހައްގު ޝަކުވާއަކަށް" ތިޔަވީ.

ރައީސް މައުމޫން ވިދާޅުވީ އެމީހަކު ސަރުކާރުގައި އަދާކުރާ ވަޒީފާ ގެއްލިދާނެތީ އެއްވެސް މުއައްޒިފަކު މިއަދު ބިރުގަންނަނނުޖެހޭނެ ކަމަށެވެ.

ވަރަށް ރަނގަޅު ތެދު ވާހަކައަކަށް ތިޔަ އިޝާރާތް ކުރެއްވީ. މިއަދު ތިޔަކަން އޮތީ ތިޔަހެން. އެކަމަކު މީގެ ކުރިން ކިހިނެއްތޯ ސަރުކާރު މުއައްޒަފުންނާމެދު އަމަލުކުރީ. ސިޔާސީގޮތުން އިދިކޮޅު ފިކުރެއް ހުރީމާ ވަޒީފާއިން ކަނޑާ އެއްލާލީ ކިތައް ދިވެހި ރައްޔިތުން. ކިތައް މުއައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ނުދީ ހިފެހެއްޓީ. ކިތައް މީހުންނަށް ސިޔާސީ ކުލަ ޖައްސާފައި ނުހައްގު ޕްރޮމޯޝަންތައް ދިނީ. މިކަންކަމަށް އެންމެ ފަހުން އަމިއްލަ އިއުތިރާފުން ތިޔަ އެއްބަސްވެލެއްވީ.

ވޯޓު ލުމަށް އެންމެ ދުވަހަކަށް ވެފައިވާއިރު ކެންޑިޑޭޓުން ދަނީ އެމީހުންގެ ވައުދުތައް ރައްޔިތުންނަށް ތަކުރާރުކޮށް އިއްވަމުންނެވެ. ނަމަވެސް ރައްޔިތުން ވޯޓުދޭން ވާނީ ކަންކަން ކުރެވޭނެ ކެންޑިޑޭޓަކަށެވެ. ވައުދު ފުއްދާނެ ކެންޑިޑޭޓަކަށެވެ. "ހުސްވައުދުތަކަކަށް" ވޯޓު ވިއްކަނުލާށެވެ. ވޭތުވެ ދިޔަ 30 އަހަރަށްވުރެ "ގަދަ 5 އަހަރު" ދެން ގެނެވޭނީ އެހެން ކެންޑިޑޭޓަކަށެވެ.

10/05/2008

ބިލެއްފަހީގެ ބަނދަރު ހެދުމުގެ މަސައްކަތް ލަސްވަމުންދާކަމަށް ބުނެ ރައްޔިތުން ނުކުމެ ރަށު އޮފީސް ބަންދުކޮށްފި

ޚަބަރު: ޖަޒީރާޑެއިލީ
ށ. ބިލެއްފަހީގެ ބަނދަރު ހެދުމުގެ މަސައްކަތް ލަސްވަމުންދާކަމަށް ބުނެ ރައްޔިތުން ނުކުމެ ރަށު އޮފީސް ބަންދުކޮށްފިއެވެ. އެރަށު މީހަކު މިއަދު ބުނީ އޮފީސް ދޮށަށް ރޭ 12 ޖެހީއްސުރެ ފެށިގެން ރައްޔިތުންގެ ތެރެއިން 100 ށް ވުރެ ގިނަ ފިރިހެނުން އެއްވެފައިވާ ކަމަށެވެ.

” ރައްޔިތުން ނުކުމެ އޮފީސް ބަންދުކުރަން ޖެހުނީ ބަނދަރުކޮނުމުގެ މަސައްކަތް ލަސްވަމުން ދާތީ. މިހާރު ބަނދަރު ކޮންނަމުން ދާތާވެސް 4 މަސް ދުވަސް ވެއްޖެ. 6 މަސް ދުވަހުގެ ތެރޭގައި ބަނދަރުގެ މަސައްކަތް ނިންމަން އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީއާ ހަވާލުކޮށްފައި އޮތީ. އަދި އެއުޅެނީ ފަޅު ކޮނެވެސް ނުނިމިގެން.“ އޮފީސް ދޮށަށް އެއްވެ ތިބި މީހުންގެ ތެރެއިން ވާހަކަ ދެއްކި ނާހިދު ކިޔައިދިނެވެ.

އެރަށު އެހެން މީހަކު ބުނީ ރޭ 12ން ފަށައިގެން ރައްޔިތުން އޮފީސް ދޮށުގައި ޑިއުޓީ އަދާކުރަމުން ދާކަމަށާއި އޮފީސް ދޫކޮށްދާނީ ފަޅުކޮނުމުގެ މައްސަލަ ލަސްވަމުންދާ ސަބަބުން ރައްޔިތުންނަށް ހާމަކޮށްދިނުމުން ކަމުގައެވެ.

600ށް ވުރެ ބޮޑު އާބާދީއެއް އޮންނަ ބިލެއްފަހީގެ ބޮޑުކަތީބު އަބްދުއްސައްތާރު މޫސާ ވިދާޅުވީ މިއަދު ހެނދުނު އޮފީހަށް ދިޔައިރު ރައްޔިތުން އޮފީސް ދޮށަށް އެއްވުމުގެ ސަބަބުން އޮފީސް ހުޅުވިފައި ނުވާކަމަށެވެ.

”ރައްޔިތުން ބުނަމުން ދަނީ އޮފީސް ހުޅުވާނީ ފަޅުކޮނުމުގެ ކަންތައްތައް ލަސްވަމުންދާ ސަބަބު ރައްޔިތުންނަށް ހާމަކޮށްދިނުމުން ކަމަށް“ ބޮޑުކަތީބު ވިދާޅުވިއެވެ.

ބޮޑުކަތީބު ވިދާޅުވީ ރައްޔިތުންގެ ޝުއޫރުތައް އަޑުއަހައި ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށެވެ.

ބިލެއްފަހީ އޮފީސް ބަންދުކޮށްފައިވާ މައްސަލަ ހައްލުކުރުމަށް މިއަދު މެންދުރުފަހު 10 މީހުންގެ މައްޗަށް އެކުލެވޭ ފުލުހުންގެ ޓީމެއް އެރަށަށް ގޮސްފައިވާކަން ޖަޒީރާއަށް ވަނީ އެނގިފަ އެވެ.