8/28/2007

ށ. ފުނަދޫގައި ލައިސަންސް ނެތި ދުއްވި ކާރަކުން ޖެހި ރުކެއް ވެއްޓި، ކާރުގައި އިން ދެ މީހުން ސަލާމަތް ވެއްޖެ

ޚަބަރު: ދިވެހިރާއްޖޭގެ އަޑު
މިލަދުއްމަޑުލު އުތުރުބުރީ ފުނަދޫގައި މިއަދު ހަވީރު ނުރައްކާތެރި ކާރު އެކްސިޑެންޓެއް ހިނގައިފި. މިއެކްސިޑެންޓުގައި މީހަކަށް ގެއްލުން ވެފައެއްނުވޭ. މިއެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓުރޯލުން ނައްޓާލައިގެންގޮސް ބަނދަރުމަތީ ގައި ހުރި ރުކެއްގައި ޖެހިގެން. މިހާދިސާގައި ކާރުގެ ކުރީކޮޅަށްވަނީ ބޮޑުތި ގެއްލުންތަކެއްވެ ރުއްބިންދައިގެންގޮސް ވެއްޓިފައި.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވޭ. މަންޒަރު ދުއްފަރާތްތަކުން ބުނި ގޮތުގައި މިކާރު ދުއްވާފައި ވަނީ ޤަވާއިދާ ޙިލާފު ބާރުމިނެއްގައިކަމަށް. މިކަމާ ގުޅޭގޮތުން ފުނަދޫ ޕޮލިސް ސްޓޭޝަނުން ބުނީ މިހާރު އެކްސިޑެންޓުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާކަމަށާއި، ކާރު ދުއްވަން އިންމީހަކީ ކާރުދުއްވުމުގެ ލައިސަންސް ނެއްމީހެއްކަމަށް. އަދި މިކާރު ދުއްވާފައި ވަނީ ގަޑިޔަކު ފަސްދޮޅަސް ކިލޯމީޓަރު ބާރުމިނުގައި ކަމަށްވެސް ފުލުހުން ބުނޭ.


ފަހަކަށްއައިސްއައިސް ފުނަދޫގައި މަގުމަތީގެ އެކްސިޑެންޓްތައް އިތުރުވާންވަނީފަށާއި. އަދި މިކަން ހައްލުކުރުމަށް ޢާންމުންގެ އެއްބާރުލުން ބޭނުންކަމަށާއި، މަގުމަތީގެ ހާއްސަ އޮޕަރޭޝަނެއް ކައިރިމުސްތަގު ބަލެއްގައި ފުނަދޫގައި ފެށުމަށް ހަމަޖައްސާފައި ވާކަމަށް ފުލުހުން

8/27/2007

ށ. އަތޮޅުގެ ގިނަ ރަށްތަކަށް ދީނީ ނަސޭހަތް ދީފި

ށ. އަތޮޅުގެ ގިނަ ރަށްތަކަށް އިސްލާމީ ކަންތައްތަކާބެހޭ މަތީ މަޖިލީހުން ދީނީ ނަސޭހަތް ދީފިއެވެ.

އެ މަޖިލީހުން ނެރެފައިވާ ނޫސް ބަޔަނެއްގައި ވާގޮތުން ދީނީ ނަސޭހަތް ދިނުމަށް އެ އަތޮޅަށް ފޮނުވި ޓީމު ފާއިތުވި ހަފްތާގައި ށ. ފީވަކާއި ނަރުދުއާއި ފުނަދުއާއި މިލަންދޫއާއި ޅައިމަގާއި މާއުނގޫދޫއާ މަރޮށްޓާއި ކޮމަންޑުގައި ވަނީ ދީނީ ނަސޭހަތް ދީފައެވެ.

މިރަށްރަށަށް ދީނީ ނަސޭހަތް ދެއްވީ މަތީމަޖިލީހުން އެ ރަށްރަށަށް ފޮނުއްވި ޓީމުގައި ހިމެނޭ މޫސާ އަންވަރު ހަސަނާއި ހުސައިން އަބްދުލްވާހިދާއި އުސްމާން އަބްދުﷲ އެވެ. މިބޭފުޅުން ދީނީ އެކިއެކި މައުލޫތަކަށް ދީނީ ނަސެހަތް ދެއްވިކަމަށް މަތީ މަޖިލީހުން ވިދާޅުވިއެވެ.

8/12/2007

ށ. ކަނޑިތީމު ޕޮލިސް ޕޯސްޓް ހުޅުވައިފި

ކަނޑިތީމު ޕޮލިސް ޕޯސްޓް
tށ. ކަނޑިތީމު ޕޮލިސް ޕޯސްޓް މިއަދު ހަވީރު ރަސްމީގގޮތުން ހުޅުވައިދެއްވައިފި އެވެ. މި ޕޯސްޓް ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ށ އަތޮޅު މެމްބަރު އަލްފާޟިލް މުހައްމަދު ހުސައިން އެވެ.
ތިރީގައި މިވަނީ މި ރަސްމިއްޔާތުގެ ބައެއް ފޮޓޯއެވެ.
ޕޮލިސް ޕޯސްޓް ހުޅުވަން ވަޑައިގެންނެވި ބޭފުޅުންނަށް މަރުހަބާދެންނެވުމުގެ ގޮތުން އަތޮޅު މަދަރުސާ ކުދިން ހުށައަޅައިދިން ނެށުން.

ޕޮލިސް ޕޯސްޓް ހުޅުވަން ވަޑައިގެންނެވި ބޭފުޅުންނަށް މަރުހަބާދެންނެވުމުގެ ގޮތުން އަތޮޅު މަދަރުސާ ކުދިން ހުށައަޅައިދިން ނެށުން.

ޕޮލިސް ޕޯސްޓް ހުޅުވަން ވަޑައިގެންނެވި ބޭފުޅުންނަށް މަރުހަބާދެންނެވުމުގެ ގޮތުން އަތޮޅު މަދަރުސާ ކުދިން ހުށައަޅައިދިން ނެށުން.

ޕޮލިސް ޕޯސްޓް ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ށ މެމްބަރު މުހައްމަދު ހުސައިން.

8/09/2007

ވޯޓް ފޮށިތައް އަތޮޅުތަކަށް ފޮނުވަން މިއަދު ފަށައިފި

ޚަބަރު: ހާމަޑެއިލީ
މިއޮގަސްޓްމަހުގެ އަށާރަވަނަ ދުވަހު މުޅި ރާއްޖޭގައި ބާއްވާ އާއްމު ވޯޓްގެ ވޯޓް ފޮށިތައް އަތޮޅުތަކަށް ފޮނުވަން މިއަދު ފަށައިފިއެވެ. ދިވެހި ރާއްޖޭގެ އަޑަށް މައުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް އިލެކްޝަން ކދ.އަހްމަދު މަނިކު ވިދާޅުވީ، މިހާރު ނުވަ އަތޮޅަކަށް ވޯޓް ފޮށްޓާއި، ވޯޓް ކަރުދާސް ހިފައިގެން ލޯންޗްތައް ފުރުވާލައިފައިވާ ކަމަށާއި، ބާކީ އޮތް އެގާރަ އަތޮޅަށް ބޭނުންވާ ވޯޓް ފޮށިތަކާއި އެހެނިހެން ސާމާނު މާދަމާގެ ވަގުތެއްގައި ފުރުވާލެވޭނެކަމަށެވެ. މިހާތަނަށް ވޯޓް ފޮށިތައް ފޮނުވާލެވުނީ އުތުރުން ހއ، ހދ، ށ، ނ، ޅ.އަތޮޅާއި، ދެކުނުން އއ، އދ، ފ، ދ. އަަތޮޅަށެވެ. އިލެކްޝަން ކޮމިޝަނަރ ވިދާޅުވީ، ސުނާމީއާއިގުޅިގެން ވަގުތީ ހިޔާތަކުގައި ތިބި މީހުން ވޯޓްލާނީ އެމީހަކު މިހާރު ހުރި ރަށެއްގައި ބެހެއްޓޭ ވޯޓް ފޮށްޓަށް ކަމަށެވެ. ވީހާވެސް ހާމަކަން ބޮޑުގޮތަކަށް ވޯޓްގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް، ވޯޓް ލުމަށް ބަހައްޓަވަނީވެސް އެތެރެފެންނަ ޕްލާސްޓިކް ފޮށި ކަމަށކދ. އަހްމަދު މަނިކު ވިދާޅުވިއެވެ.

ރާއްޖޭގައި އޮންނަން ފެންނަނީ ކޮންކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ބެލުމަށް ނަގާ ޢާންމު ސިއްރު ވޯޓް ލުމަށް ހަތަރު ސަތޭކަ ތެއްތެރީސް ވޯޓް ފޮށި ބެހެއްޓޭނެކަމަށް ކޮމިޝަނަރ އޮފް އިލެކްޝަންސްގެ އޮފީހުން ހާމަ ކުރައްވާފައިވެއެވެ. އެރަށެއްގައި ނަގާ ވޯޓް، މިފަހަރު ގުނުމަށް ހަމަޖެހިފައިވަނީ އެރަށެއްގައެވެ. އެހެންނަމަވެސް، ރަށްރަށުގެ ވޯޓުގެ ނަތިޖާ ހާމަކުރާނީ މާލޭގައި ކަމަށް ކޭޑީ ވިދާޅުވިއެވެ.

ރަށްރަށަށް ވޯޓު ފޮށިތައް ފޮނުވަން ފެށިނަމަވެސް، މިފަހަރު ވޯޓު ދިނުމުގެ ޙައްގު ލިބިގެންވާ މީހުންގެ އަދަދު އަދިވަނީ ހާމަ ނުކޮށެވެ.އެހެންނަމަވެސް، ކޮމިޝަނަރ އޮފް އިލެކްޝަންސް އޮފީހުން، މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް ޝާއިއު ކޮށްފައިވެއެވެ. ހާމަ ނޫހުން މިއަދު ޗެކް ކޮށްލިއިރު، ޝާއިޢުކޮށްފައިވާ ލިސްޓްގައި މީގެތިން އަހަރުކުރިން މަރުވެފާއިވާ މީހުންގެ ނަންވެސް ހިމެނިފައިވެއެވެ. ކޮމިޝަނަރ އޮފް އިލެކްޝަންސް ވިދާޅުވީ މިހާރު ޝާއިޢު ކޮށްފައިވާ ލިސްޓަށް އަދިފަހުން ބަދަލުގެންނަވައި، އެލިސްޓުން މަރުވެފައިވާ މީހުންގެ ނަންތައް އުނި ކުރައްވާނެކަމަށެވެ. އެކަމަކު މީގެ ދެއަހަރު ކުރިން މަރުވެފައިވާ މީހުންގެ ނަން މިހާތަނަށް އުނި ނުކުރެވި ހުރުމުން، ކުރިއަށްއޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ސައްޙަ ލިސްޓެއް ނެރެވިދާނެކަމާމެދު ސުވާލު އުފެެދެއެވެ.

8/08/2007

ބަރުލަމާނީ ޓީމް ކަނޑިތީމުގައި.

ށ. އަތޮޅުގައި މިހާރު ބަރުލަމާނީ ކެމްޕެއިން ކުރަމުންދާ ޓީމު މިއަދު ހަވީރު ކަނޑިތީމަށް ހިނގައްޖެއެވެ. އެޓީމަށް މަރުހަބާ ކިޔުމަށްޓަކައި ރަށުގެ ބައެއް ޒުވާނުން އެމް ޑީ ޕީގެ ދިދަ ހިފައިގެން އަތިރިމައްޗަށް ނުކުމެ ތިއްބެވެ. ކަނޑިތީމުން މި ޓީމަށް ކީ ވަރަށް ހޫނު މަރުހަބާއެކެވެ.

ޓީމުގެ މަސައްކަތް މިރަށުގައި ފެށުމަށް ހަމަޖެހިފައިވަނީ މާދަމާގެ ހެނދުނުއެވެ. ރަށުގެ ހުރިހައި ގެއަކަށް ޒިޔާރަތްކޮށް ބަރުލަމާނީ ނިޒާމަށް ތާއިދ ހޯދުމުގެ މި ބުރަ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަނީ އޯކޭ ޒާހިރެވެ. އޭނާ އާ އެކު ރަށުގެ ބައެއް ޒުވާނުން މި ކެމްޕެއިންގައި ބައިވެރި ވާނެކަމަށް ކަނޑިތީމުން ޚަބަރު ލިބިފައި ވެއެވެ.

ތައުލީމީ ފެންވަރު އުފުލުމަށް ތުއްތުކުދިންނާ ރައްޓެހި މަހައުލެއް އުފައްދަނީ

ޚަބަރު: މިނިވަންޑެއިލީ
ކޮމަންޑޫގެ ސީދާ ބެލެނިވެރިންގެ އިސްނެގުމުގެ މަތިން 2005 ވަނަ އަހަރު އެ ރަށުގައި އުފެއްދި ޗައިލްޑް ފުރެންޑްލީ ސްކޫލުގެ ދަރިވަރުންގެ ކިބައިގާ މިހާތަނަށް އައިއިރު އަށަގެންފައިވާ އެންމެ ގޯސް ސިފައަކީ ޓީޗަރުންނަށާއި ވެރިންނަށް އިހުތިރާމް ނުކުރުންކަމަށް އެސްކޫލުގެ ހެޑްމާސްޓަރު އިސްމާއިލް ޝަރީފު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މާލޭގެ ދެ ސްކޫލެއްކަމުގައިވާ އިސްކަންދަރު ސްކޫލާއި ޖަމާލުއްދީން ސްކޫލުގެ ގްރޭޑް އެކެއްގެ ޓީޗަރުންނާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި ޔުނިސެފާ އީޑީސީ ގުޅިގެން މިއަދު ކޮމަންޑޫ ސްކޫލުގައި ފެށި ދެދުވަހުގެ ތަމްރީނު ޕްރޮގްރާމުގައި އެސްކޫލުގެ ސީނިއާ މެނޭޖްމަންޓާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ޔުނިސެފުން ފަންނީ އެހީ ދީގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އީޑީސީ ގުޅިގެން ހިންގަވަމުން ގެންދަވާ ތަމްރިނު ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިކުލާސްތަކުގައި ކިޔަވަމުންދާ ދަރިވަރުންގެ ކިބައިގައި ބަހުގެ ހުނަރުތައް އެހެން ކުލާސްތަކުގެ ދަރިވަރުންނާ ހިލާފަށް ވަރަށް ބޮޑަށް އަށަގެންފައިވާ ކަމަށެވެ. އަދި މިކުދިންނަކީ އެހެން ކުދިންނާ ހިލާފަށް ޒިންމާދާރު ބައެއްގެ ގޮތުގައިވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެހެން ކުލާސްތަކުގެ ކުދިންނާއި ހިލާފަށް ޗައިލް ފުރެންޑްލީ ކުލާސްތަކުގެ ދަރިވަރުންގެ ކިބައިގާ ޓީޗަރުންނާއި ވެރިންނަށް އިހްތިރާމް ކުރުމުގެ ބައި ކުޑަކަމަށްވެސް ވިދާޅުވިއެވެ.

އަޑުއެހުމާއި ވާހަކަ ދެއްކުމުގެ ހުނަރުތައް ދަސްކޮށްދޭ މި ތަމްރީނު ޕްރޮގްރާމުގެ ދަށުން މާލޭ ޕްރައިމަރީ ސްކޫލުތަކުގެ ޓީޗަރުންނަށް މިކަމާ ބެހޭ ތަމްރީނުވެސް ލިބިގެންދާނެ ކަމަށް އެފަރާތުން ހާމަ ކުރައްވައެވެ. އަދި ތަމްރީނު ޕްރޮގްރާމުން މިކަމުގައި ހުރި ދަތިތަކާއި އިތުރަށް ރަނގަޅު ކުރުމަށް ހުރި ކަންތައް ފާހަގަ ކުރެވޭނެ ކަމަށާއި އަދި މިކަން ޒިންމާދާރު ގޮތެއްގައި ކުރެވިދާނެ ގޮތްތަކަކަށްވެސް ވާހަކަ ދެއްކުމަށްވަނީ ހަމަޖެހިފައެވެ.

ރަސްމީކޮށް ފުރަތަމަ ފަހަރަށް މާލޭގެ ސްކޫލުތަކުގެ ޓީޗަރުން ބައިވެރިވެގެން ކުރިއަށްގެންދާ މިތަމްރީނު ޕްރޮގްރާމުގެ ދަށުން ކޮމަންޑޫގައި ޗައިލްޑް ފުރެންޑްލީ ކުލާސްތަކުގެ ކުދިން ކިޔަވަމުންދާތަން މިޕްރޮގްރާމުގެ ބައިވެރިންވަނީ ބައްލަވާލައްވާފައެވެ

ލ އަތޮޅުގައި އެންމެ ފުރަތަމަ ފެށި ޗައިލްޑް ފުރެންޑްލީ ޕްރޮގްރާމްގެ ދަށުން އަދި ކިޔަވައިދެމުން ދަނީ ގުރޭޑް 1 އަދި ގުރޭޑް 2 ގެ ދަރިވަރުންނަށެވެ. ޗައިލްޑް ފުރެންޑްލީ ޕްރޮގްރާމު ރާއްޖެތެރޭގައި ފެށިގެން ކުރިއަށް ގެންދަވަނީ މިހިސާބުގެ ގައުމުތަކުގައި މިކަން ކުރާ އުސޫލުތައް ބަލައިގެން އެކަމުގެ ތަޖުރިބާ ހުރި ބޭފުޅުން ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ރާއްޖޭގައި މިޕްރޮގްރާމު ހިންގަވަނީ ރާއްޖޭގެ ސަގާފަތާއި އާދަކާދައާ ގުޅޭގޮތަށް ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެވެ. މައުލޫމާތު ލިބޭގޮތުގައި މިހާރު 107 ރަށެއްގެ 80 އިންސައްތަ ސްކޫލުގައި މި ޕްރޮގްރާމް ހިންގަމުން ގެންދެވެއެވެ.

1981 ވަނަ އަހަރު އިމާރާތް ކުރެވިފައިވާ ކޮމަންޑޫ ސްކޫލުގައި މިހާރު ކިޔަވައިދެމުންދާ ޓީޗަރުންނަކީވެސް ގުރޭޑް 10 ނިންމާފައި މިކަމުގެ ތަޖުރިބާ ހުރި ޓީޗަރުން ކަމަށްވެސް ސްކޫލުގެ ހެޑްމާސްޓަރު ވިދާޅުވިއެވެ.

މިއަދުގެ ތަމްރީނު ޕްރޮގްރާމުގެ ބައިވެރިން ހާމަކުރި ގޮތުގައި މިތަމްރީނު އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ގެންދެވޭނީ މިކަމަށް ގާބިލް ތަމްރީނު ލިބިފައި ތިބި ޓީޗަރުންތަކެއް އުފެއްދިގެންނެވެ.

ބަރުލަމާނީން ފަތާފަ އަރާ ނަރުދޫ ފަތަހަކޮށްފި

ށ އަތޮޅުގައި އެމްޑީޕީގެ ބަރުލަމާނީ ގުރޫޕު އެއަތޮޅު ނަރުދޫއަށް ފަތާފައި އަރާ ރަށުގައި ބަރުލަމާނީ ނިޒާމަށް ކެމްޕޭނުކޮށް އެރަށުން ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދައިފިއެވެ.

މައުމޫނުގެ ސަރުކާރުން ފަޅު ކޮނެނުދީ އޮތް ގާމަތީ ރަށެއް ކަމުގައިވާ ނަރުދޫއަށް ބަރުލަމާނީ ޓީމުން މިދިޔަ ހަފުތާގައި ދަތުރެއް ކުރި ނަމަވެސް އެރަށު އޮފީހުން ބާރު އެޅުމުގެ ސަބަބުން ވަފުދުގެ ބޭފުޅުންނަށް ރަށަށް ވަނީ ނުފޭބިފައެވެ. އަދި މިކަންތައް ފާހަގަކޮށް އެރަށު ކަތީބު އަތޮޅުގެ އެހެން ރަށްތަކަށް ގުޅާ ހަދާފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އެއަތޮޅު މިލަންދޫގެ އާބަދީއަށް 2000 ހަމަވުމުން ބޭއްވި ޝޯއެއްގައިވެސް މިވާހަކަ ދައްކާ ހަދާފައިވާކަމަށްވެސް މިލަންދޫއިން ބަރުލަމާނީ ކެމްޕޭނުގައި ހަރަކާތްތެރިވާ ނަން ހާމަކުރަން ނޭދޭ އަންހެނަކު މައުލޫމާތު ދެއެވެ. ނަމަވެސް ހޯމަ ދުވަހު ހެނދުނު ނަރުދޫއަށް ގޮސް ފަތާފައި އަރާ ތެމިގެން ތިބެ ރަށުގެ ހުރިހާ ގޭގެއަށް ޒިޔާރަތްކޮށް ރަށުން އެކަށީގެންވާ ތާއީދެއް ބަރުލަމާނީ ޓީމު ހޯދާފައިވެއެވެ.

ބަރުލަމާނީ ވަފުދުގެ ބޭފުޅުން ނަރުދޫއަށް އަރާ ރައްޔިތުންގެ ހާލަތު ދިރާސާ ކުރި އިރު ރަށުގެ ގިނަ މީހުން ތިބީ ޑީއާރުޕީގެ އަވާގައި ޖެހި ދެ ނިޒާމު ރަގަޅަށް އޮޅިފައިކަން ފާހަގަވެފައިވެއެވެ. ނަމަވެސް ފަހުން ރަށުގެ ކަމުވޮށިގެންވާ ފަރާތްތަކާއި މުސްކުޅި ފުރައިގެ ހަރު މީހުން މައުމޫނު އަބްދުލްގައްޔޫމު ތާއީދު ކުރާ ރިޔާސީ ނިޒާމަށް ވޯޓު ނުދޭނެކަމަށް ބުނެފައިވެއެވެ. އެމީހުން ބުނާ ގޮތުގައި އެރަށުގެ ފަޅު މައުމޫނު ނުކޮނެދީ އެއޮތީ ރިޔާސީ ނިޒާމުން ވެރިކަން ކުރަމުން ދާތީވެއެވެ.

ނަރުދޫއަށް ބަރުލަމާނީ ޓީމުން ދިޔައީ މިދިޔަ އާދީއްތަ ދުވަހު މާއުނގޫދޫގައި އަދި ހޯމަ ދުވަހު ޅައިމަގުގައި ވަރަށް ކާމީޔާބު ކެންޕޭނެއް ކުރުމަށް ފަހުއެވެ. މީގެން ކޮންމެ ރަށެއްގައިވެސް އެމްޑީޕީގެ އޮފީހެއް މި ގުރޫޕު މެދުވެރިވެގެން ހުޅުވާފައިވެއެވެ. އަދި އެއިން ކޮންމެ ރަށަކުންވެސް ބަރުލަމާނީއަށް އަޣްލަބިއްޔަތު ލިބޭނެކަމަށް މި ގުރޫޕުން ޔަގީން ކުރެއެވެ.

ނަރުދޫގެ ކެމްޕޭނަށް ފަހު ހޯމަދުވަހުގެ މެންދުރުފަހު ބަރުލަމާނީ ގްރޫޕުގެ ކެމްޕޭނު ހިންގާފައި ވަނީ ފޭދޫގައެވެ. ފޭދޫ ނިންމުމަށްފަހު އިއްޔެ ހެދުނު އެ ޓީމު ދާނީ ބިލެއްފައްސަށް ގޮސްފައިވާކަމަށާއި އިއްޔެ ގޮއިދޫގައި ކެމްޕޭނު ކުރާނެކަމަށާއި މިއަދު މަސައްކަތް ހިންގާނީ ކަޑިތީމުގައި ކަމަށް ޓީމުގެ އިސްފަރާތްތަކުން މައުލޫމާތު ދެއެވެ.

8/07/2007

ސަރުކާރު މުއައްޒިފުންނަށް އިންޒާރު...!

ށ. އަތޮޅު މަރޮށީ އޮފީގެ ވޮޗަރު ބަރުލަމާނީ ނިޒާމަށް ތާއިދުކޮށް އެ ނިޒާމު ޕްރޮމޯޓު ކުރާތީ އޭނާ އަތޮޅު އޮފީހަށް ހާޒިރުކޮށް އިންޒާރު ދީފިއެވެ. އޭނާއަށް ވަނީ ބަރުލަމާނީ ނިޒާމަށް ތާއިދުކޮށް ކެމްޕެއިން ކޮށްގެން ނުވާނެކަމަށް އަންގާ އިންޒާރުކޮށްފައެވެ.

މިއީ ކުރީގެ އިންތިހާބުތަކުގައިވެސް ސަރުކާރުން ބޭނުންކުރަމުން އައިސަފައިވާ ނުފޫޒެކެވެ. ވަކި ޕާޓީއަކަށް ތާއީދު ކުރާތީ ނުވަތަ ނުކުރާތީ މަގާމަށް ބުރޫއަރާފައި މީގެ ކުރީގައިވެސް އެބަހުއްޓެވެ.

ނަމަވެސް ސަރުކާރު މުއައްޒިފަކަށް ވީތީ ވަކި ނިޒާމަކަށް ތާއިދު ކުރާކަށް ނުޖެހޭނެއެވެ. މިނިވަން ކަމާއެކު އެމީހަކަށް ފެންނަ ރަނގަޅު ނިޒާމަކަށް ވޯޓު ދިނުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިދޭން ޖެހޭނެއެވެ. މި މިނިވަންކަމަށް ރަށު އޮފީސްތަކުންވެސް އަދި އަތޮޅު އޮފީހުންވެސް ހުރަސް އަޅައިގެން ނުވާނެއެވެ.

8/06/2007

ށ. މަރޮށީގެ އެމް ޑީ ޕީ އޮފީހުގެ ދިދަ ވަގަށް ނަގައިފި.

ށ. މަރޮށީ އެމް ޑީ ޕީ އޮފީހުގައި ނަގާފައި ހުރި އެމް ޑީ ޕީގެ ދިދަ ރޭގެ ވަގުތެއްގައި ވަގަށް ނަގައިފި އެވެ. މިކަމާ ގުޅިގެން އެރަށުން ޒުވާނަކު މައުލޫމާތު ދެމުން ހާމަކުރި ގޮތުގައި މިއީ ޑީ އާރު ޕީއަށް ނިސްބަތް ވާ ބަޔަކު ކޮށްފައިވާ ވަރަށް ފިނޑި އަމަލެކެވެ.

އޭނާ އިތުރަށް ހާމަކުރި ގޮތުގައި އެރަށުގައި ތިބި އެމް ޑީ ޕީގެ ސަޕޯޓަރުން މިހާރު އިތުރު ދިދައެއް ހޯދުމުގެ މަސައްކަތް ކުރަމުން އެބަ ދެއެވެ. ދަތުރުފަތުރު ހުންނަ ގޮތުން މިއަދުން މިއަދަށް ދިދަ ނުނެގުނަސް ލަފާކުރެވޭ ގޮތުގައި ކުރިޔަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އަލުން ދިދަ ނެގޭނެ އެވެ.

މަރޮށީގައި އެމް ޑީ ޕީގެ އޮފީހެއް ހުޅުވުނީ މިދިޔަ ހޮނިހިރު ދުވަހު، މިހާރު އަތޮޅުގައި ބަރުލަމާނީ ކެމްޕެއިން ކުރަމުންދަ ޓީމް ޒިޔާރަތް ކުރުމުންނެވެ. ބަރުލަމާނީ ކެމްޕެއިން ޓީމުން މައުލޫމާތު ދިން ގޮތުގައި މަރޮށިން ބަރުލަމަނީއަށް ވަރަށް ބޮޑު ތާއީދެއް ލިބޭނެއެވެ. އަދި މިރަށުގައި އެމް ޑީ ޕީގެ ސަޕޯޓަރުން ގިނަ އަދަދަކަށް އުޅެއެވެ.

8/05/2007

މާއުނގޫދޫގައި އެމް ޑީ ޕީގެ އޮފީހެއް ހުޅުވައިފި

ޚަބަރު: މާއުނގޫދޫ.ކޮމް

ށ. އަތޮޅުގައި ބަރުލަމާނީ ނިޒާމާބެހޭ މައުލޫމާތު ދިނުމަށް އެމް ޑީ ޕީން ކުރާ ދަތުރުގައި ށ. މާއުނގޫދޫ ނިންމައިފިއެވެ. އެމް ޑީ ޕީގެ ވަފުދު މާއުނގޫދޫއަށް އައީ އިއްޔެ އިރު އޮއްސި 7:15 ހާއިރު އެވެ. މިއަދު ހަވީރު 4:30ގައި އެމް ޑީ ޕީގެ އޮފީސް ހުޅުވުމަށް ފަހު ވަފުދު ފުރީ މިއަދު ހަވީރު 5:30 ހައިރުއެވެ. އޮފީސް ހުޅުވުމުގެ ގޮތުން އެމް ޑީ ޕީގެ ދިދަ ނަންގަވައިދެއްވީ އޯކޭ ޒާހިރެވެ.

މިވަފުދުން ހާމަކުރި ގޮތުގައި މިއަތޮޅުން އެއްވެސް ރަށަކުން މިވަރުގެ ތަރުހީބެއް ނުލިބެއެވެ. ބަރުލަމަނީ ޓީޝާޓާއި ލީފްލެޓް ވަކިވަކި ގޭގެއަށް ބަހައި ހުރިހައި ގެއެއްގެ މީހުންނަށް މި ވަފުދުން ވަރަށް ރަނގަޅަށް މައުލޫމާތު ދީފައި ވެއެވެ.

މިފަދަ ތާރީހީ ދުވަހެއްގައި މާއުނގޫދޫގައި އެމް ޑީ ޕީގެ އޮފީހެއް ހުޅުވި އަދި ބަރުލަމާނީ ކެމްޕެއިން މިހާ ފުރިހަމައަށް ގޮސްފއި ވާތީ މާއުނގޫދޫގެ އެމްޑީޕީގެ މެމްބަރުންނަށް މަރުހަބާ ދަންނަވަމެވެ. އާދެ! މިއަދު ތާރީޚީ ދުވަހަކަށް ވެގެން ދިޔަ އަނެއް ސަބަބަކީ މައުމޫނު ސަރުކާރުގެ ދެ ވަޒީރަކު ވަޒީފާއިން އިސްތިއުފާ ދިނުމަށް ފަހު ސަރުކާރާ މައުމޫނުގެ ދެއުޅިއެއް ނުވާ ސިޔާސަތާމެދު ފާޅުގައި ފާޑުކިޔާ ނޫސް ކޮންފަރެންސެއް ބޭއްވި ދުވަސް ކަމަށް ވާތީއެވެ.

އިތުރު ފޮޓޯ ބައްލަވާލެއްވުމަށް ހޮޓްމާއުނދަގޫ.ބޮލޮގްސްޕޮޓް ބައްލަވާލައްވާ!

ބަރުލަމާނީ ޓީމު މާއުނގޫދޫގައި



8/04/2007

އިއްޒަތްތެރި މެމްބަރު، ނިޒާމީ ނުކުތާއެއް!


ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ހަރަކާތްތެރިކަން މަޑުންނަމަވެސް މިހާރު ފެންނަމުން އެބަ ދެއެވެ. ސަރުކާރު ޒިންމާ ކުރުވުމުގައި ވަރަށް މަދު ނަމަވެސް މެންބަރުން ކޮޅެއް އެބަ މަސައްކަތް ކުރައްވައެވެ. އެކިއެކި އަތޮޅުތަކުގެ މެމްބަރުން، އެ އަތޮޅުތަކުން ތަހައްމަލް ކުރަމުންދާ ދަތިތަކާމެދު އެމައްސަލައަކާ ގުޅޭ ވަޒީރުންނާ ސުވާލުކުރެވޭތަން އެބަ ފެނެއެވެ. މިކަމުގެ ސަބަބުން ހަރަކާތް ކެނޑިފައި ހުންނަ ބައެއް ޕްރޮޖެކްޓްތަކަށް ދިރުން އަންނަމުން ދާތީ ފެނެއެވެ. އަދި ވުޒާރާތަކުން ކުރާ ކަންކަމާ ސުވާލުކުރާނެކަން އެނގޭތީ، ވަޒީރުން "ބަރާބަރަށް" ތިއްބެވުމުގެ ރޫހެއްވެސް އުފެދޭނެކަމަށް އުއްމީދު ކުރެވެއެވެ. މީގެ އިތުރުން އަތޮޅުގެ ކުރިން ބުނިފަދަ ކަންކަމުގައި ސުވާލުކޮށް ރައްޔިތުންގެ ޚިޔާލާއި ޝުއޫރު ފާޅުކުރާ މެމްބަރުންގެ ތާއިދު ރައްޔިތުންގެ މެދުގައި އިތުރުވެގެންދާތީ ވެސް ފެނެއެވެ.

މިހާރު ދެ މަޖިލީހުގެ ރެކޯޑިން ޓީވީ އާއި ރޭޑިއޯއިން ދައްކާތީ މެމްބަރުން މަޖިލީހުގައި ކުރައްވާ ނުކުރައްވާ ރައްޔިތުން ބަލައެވެ. ފާހަގަކުރެވޭ ކަމަކީ މަޖިލީހުގައި އަޑުއުފުލަނީ އާއްމުކޮށް އެއް ބައެއް ކަމެއެވެ. ހިމޭނުން ތިއްބެވި މެމްބަރުން އަދިވެސް ތިއްބެވީ ހަމަ ތިއްބެވީއެވެ. ށ. އަތޮޅުގެ މެމްބަރުން މަޖިލީހުގައި ހިޔާލުފާޅުކުރައްވާތީއެއް ނުފެނެއެވެ. ނަމަވެސް، ދާދި ފަހުން ހާއްސަ މަޖިލީހުގެ މެމްބަރު މޫސާ ރަމީޒް، ދުވަހުގެ މައުލޫއާ މާބޮޑު ގުޅުމެއް ނެތް ވާހަކައެއް ދައްކަވާތީ ފެނުނުކަން ހަނދާނެއް ނުނެތެއެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ މެމްބަރުން އެ މެމްބަރަކު ނިސްބަތްވެލައްވާ ދާއިރާއެއްގެ ހާލަތު ބައްލަވާ، އެ ދާއިރާއެއްގެ ރައްޔިތުންގެ ހިޔާލާ އެއްގޮތަށް މަޖިލީހުގައި ވާހަކަ ދެއްކެވުމަކީ އެ މެމްބަރުންގެ މަސްއޫލިއްޔަތެކެވެ. ބައެއް މެމްބަރުން ވަޒީރުންނާ ސުވާލުކުރައްވާ އިރު އެވެނި އަތޮޅެއްގެ މިވެނި ރަށެއްގެ މިވެނި ކަމެއް މިހެން އެހެން ... ސުވާލު އެބަ ކުރައްވައެވެ. އަނެއްކާ ށ. އަތޮޅުގައި މިގޮތަށް ސުވާލު ކޮށްލާނެ އެއްވެސް ކަމެއް ނެތީ ބާއެވެ. ހުރިހައި ކަމެއް ހުރީ ރައްޔިތުން އެދޭ ގޮތަށް ފުރިހަމަ ވެފައި ބާއެވެ. ނޫނެކެވެ. ރައްޔިތުންނަށް ދަތިވެފައި ހުރި އެތައް ކަމެއް އެބަ ހުއްޓެވެ. ލަފާފުރުމުގެ ދަތިކަން، ސިއްހީ ހިދުމަތް، ތައުލީމީ ހިދުމަތް، ދަތުރުފަތުރު މިހެން ގޮސް އެތައް ކަމެކެވެ.

މީގެ އިތުރުން އެކިއެކި ވަޒީރުން ނުވަތަ ސަރުކާރުގެ އެކިއެކި ދާއިރާތަކުން ރަށްރަށަށް ކުރާ ޒިޔާރަތްތަކުގައި ރައްޔިތުންނަށް ކޮށްދޭން ބުނެފައި ހުރި އެތައް އަދިވެސް ނުވެފައި އެބަހުއްޓެވެ. ފަޅު ކޮނެދޭން، ކަނޑު ތޮށި މަރާމާތު ކޮށްދޭން، ސިއްހީ މަރުކަޒު އަޅާދޭން، އެވެނި އެއްޗެއް ދޭން މިވެނިކަމެއް ކޮށްދޭން ނުބުނާ ރަށެއް ނެތެވެ. އެތައް ކަމެއް އެހެރީ ނުވެއެވެ. ރައްޔިތުން ހަދަންވީ ކިހިނެއް ހެއްޔެވެ؟ މަޑުމަޑުން ތިބެން ވީ ހެއްޔެވެ؟ ނޫނީ އޮފީސް ބަންދުކުރުމުގެ އާދަކާދަ ހިފަހައްޓަން ވީހެއްޔެވެ؟ ނުވަތަ އެހެން އަތޮޅުތަކުގެ މެމްބަރުން ގާތަށް ގޮސް އަހަރެމެން އަތޮޅު މެމްބަރު މި ސުވާލުކޮށެއް ނުދިނޭ، މިސުވާލު ކޮށްލަދީފާނަން ހެއްޔޭ، ކިޔާ އާދޭސް ކުރަންވީ ހެއްޔެވެ؟

* ތަފްސީލް ލިސްޓް ބެލުމަށް މަތީގައިވާ ފޮޓޯއަށް ކްލިކްކޮށްލައްވާ!

މަތީގައި އެވަނީ ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމަށް ވެރިކަން ކުރާ ގައުމުތައް ވަކިން އެގައުމުތަކުގެ އިގްތިސާދުގެ އަދި ކޮރަޕްޝަންގެ ހާލަތު ބަޔާންކޮށްދީފައިވާ ލިސްޓެކެވެ. މި ލިސްޓުން އެނގޭ ގޮތުގައި ދުނިޔޭގެ އެންމެ މުއްސަނދި ނުވަތަ އެންމެ ވަރުގަދަ އިގްތިސާދުތަކުގެ ތެރޭގައި ހިމެނެނީ މުޅިންހެންވެސް ބަރުލަމާނީ ނިޒާމު އޮންނަ ގައުމުތަކެވެ. އަދި އެގައުމުތަކުގައި ކޮރަޕްޝަންގެ ނިސްބަތް ރިޔާސީ ނިޒާމު އޮންނަ ގައުމުތަކާ އަޅާބަލާއިރު މާބޮޑަށްވެސް ދަށްކަން ފާހަގަކުރެވެއެވެ. މިލިސްތު އަމިއްލަފުޅަށް ބެއްލެވުމަށްފަހު އެންމެ ރަނގަޅީ ކޮންނިޒާމެއްކަން ކަނޑައަޅުއްވާށެވެ.

:: ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށާއި ގައުމުން ކޮރަޕްޝަން ނައްތާލުމަށްޓަކއި އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމެވެ.

8/03/2007

ށ. މިލަންދޫން ބަރުލަމާނީ މާޔޫސްކަމެއް ފުރަތަމަ ފެނުނަސް...

ލިޔުނީ މިނިވަން މުރާސިލް ށ.މިލަންދޫން

ށ އަތޮޅުގައި ބަރުލަމާނީ ނިޒާމަށް ތާއީދުހޯދުމަށާއި ދެ ނިޒާމާމެދު ރައްޔިތުން ހޭލުންތެރިކުރުމަށް އައިސް އުޅޭ ވަފުދު މިއަދު ހަރަކާތްތެރިވަމުންދަނީ މިލަންދޫގައެވެ. މިރަށަކީ ކުރިން ފަޅުރަށެއްގެ ގޮތުގައި އޮއްވާ މިއަތޮޅު މާކަނޑޫދޫގެ ރައްޔިތުން ބަދަލުކޮށްގެން އާބާދުކޮށް ތަރައްގީކޮށްފައިވާ ރަށެކެވެ.

މިރަށުގެ އާބާދީ ބޮޑުވުމުގެ ސަބަބުން މިރަށުން ވަރަށް ބޮޑު ތާއީދެއް ބަރުލަމާނީ ވަފުދަށް ލިބޭނެކަމަށް އުއްމީދު ކުރެވުނެވެ. ރަށުގެ އަތިރި މަތިން ބައްދަލުވި ފަރާތްތަކާ ވާހަކަ ދައްކާލުމުން މިރަށުން އެމްޑީޕީއަށްވެސް ބޮޑު ތާއީދެއް އޮންނާނެކަމަށް ބުންޏެވެ.

މިރަށުގެ ފަޅު ނުހަދާ އޮތް ނަމަވެސް ދެފާލާމާއި ގުދުރަތީ ބޮޑު ފަޅަކާއި ވިލެއް އޮތެވެ. މިރަށަށް އަރައިގެން އަންނަ އިރު ފެންނަން އޮންނަނީ ރަށުގެ ސިއްހީ މަރުކަޒާއި ރަށުގެ އޮފީހާއި ރައްވެހިގެޔާއި މިފަދަ ސަރުކާރުގެ އިމާރަތްތަކެވެ. މި މަންޒަރު ފެނިފައި މިރަށަކީ ސަރުކާރުން ރަށްތައް ތަރައްގީކުރަން ބޭނުންނަމަ ތަރައްގީކުރެވިދާނެކަމުގެ ހެއްކެއްކަމަށް ހީކުރެވުނެވެ.

މިރަށުގެ ފިރިހެނުންނަކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ބައެއްކަމަށް މުޅި ރާއްޖެއަށް މަޝްހޫރު ބައެއް ކަމުގައިވާތީ ފިރިހެނުންގެ ގިނަ ބަޔަކު އަބަދުވެސް ދިރިއުޅެމުންދަނީ ރަށުން ބޭރުގައެވެ. ރަށުގައި ދާއިމީ ގޮތެއްގައި ތިބެނީ އަންހެނުންނެވެ. ވީމާ ވަފުދަށް އެހީވެދީ ގޭގެއަށް ޒިޔާރަތްކުރުމަށް ރަށުން ޓީމެއް ހަދާލުމަށް ކުދިން ކޮޅެއް ހޯދުމަށް އުޅުމުން އެކަމެއް ނުވިއެވެ. ރަށުން ވަފުދަށް މަރުހަބާ ކިޔުމަށް އައިސްތިބި ފަރާތްތަކުންވެސް ބުނެފައިވަނީ އެމީހުންނަކީ ސަރުކާރުގެ ވަޒީފާގައި އުޅޭ މީހުންކަމުން ވަޒީފާ ގެއްލިދާނެކަމުގެ ބިރަށްޓަކައި ވަފުދަށް އަމަލީ ގޮތުން އެހީތެރިވުމަށް އުޒުރުވެރިވާކަމުގައެވެ.

ރަށުގައި ވަފުދުގެ މަސައްކަތް އަމަލީ ގޮތުން ނުފެށިގެން އުޅެނިކޮށް މިރަށާމެދު މާޔޫސްވާން ފަށައިފިއެވެ. ނަމަވެސް ދިވެހި ސަރުކާރުން އިދިކޮޅު ފަރާތްތަކާމެދު އަނިޔާވެރިވާކަމީ ވަރަށް ރަގަޅަށް އެނގޭ ކަންތައް ކަމުން އެމީހުންގެ ވާހަކަ ގަބޫލުކުރީމެވެ.

މިރަށުގެ ގެތަކަށް ޒިޔާރަތްކޮށް ދިވެހި ރާއްޖޭގައި މުސްތަގްބަލްގައި ބާއްވަން ރައްޔިތުންނަށް ފެންނަނީ ވެރިކަމުގެ ކޮން ނިޒާމެއްތޯ ސުވާލުކުރުމުން ރައްޔިތުންގެ ތެރެއިން އެއްބަޔަކު މިކަމަކީ ވަރަށް ވިސްނުންތެރިކަމާއެކު ބަލަމުންދާކަންތައް ކަން އެނގުނު ނަމަވެސް މިކަމާ އެއްގޮތަކަށްވެސް ނުވިސްނާ އަދި ވޯޓުލާން ބޭނުން ނުވާ މީހުންނާއި އޯގަސްޓު 18ގައި ބާއްވާ ވޯޓުގައި ވާދަކުރާ ދެނިޒާމުގެ ނަންވެސް ނޭނގޭ މީހުންނާއި ދިމާވިއެވެ.

ގޭގެއަށް ޒިޔާރަތްކުރުމުން ގިނަ އަންހެނުން ބުނެފައިވަނީ އެމީހުން ތާއީދުކުރަނީ ރިޔާސީ ނިޒާމަށް ކަމުގައެވެ. މިކަމާ ބެހޭގޮތުންނާއި ރިޔާސީ ނިޒާމާ ބެހޭގޮތުން އެނގެނީ ކޮން އެއްޗެއްތޯ އަހާލުމުން ދައްކާ ވާހަކަތަކުން އެމީހުންނަށް މިކަމާބެހޭ ގޮތުން މައުލޫމާތު ނޭނގޭ ވަރާއި އެމީހުންނަށް މައުލޫމާތުތައް އޮޅިފައިވާވަރު އެނގެއެވެ. ފަހުން އެނގުނު ގޮތުގައި ޑީއާރުޕީގެ ފަރާތުން ބަރުލަމާނީ ނިޒާމު ރައްޔިތުންނަށް އޮޅުވާލުމަށް ހަދައިގެން އުޅޭ ލީފްލެޓްތައް މިރަށުގެ އޮފީހުގެ ފަރާތުން އޮފީހުގެ މަސައްކަތު މީހުން މިރަށު ގޭގެއަށް ބަހާފައި ވެއެވެ. މިރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދިރާސާކުރުމުގެ ބޭނުމެއް ނެތްކަމަށް ވަފުދުގެ ބޭފުޅުންނަށް ފުރަތަމަ ހީވި ނަމަވެސް އެމީހުންނާއި ސުވާލުކޮށްލުމުން އެމީހުންނަށްވެސް ސަރުކާރުން އިހުމާލުވެފައިވާ މިންވަރު ހާމަވެގެން ދިޔައެވެ. މިރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކުގެ ތެރޭގައި ރައްޔިތުން އެންމެ ބޮޑަށް ފާހަގަކުރަނީ ފަޅުގެ މައްސަލައެވެ. ބޮޑު ފަޅެއް ލިބިފައިވީ ނަމަވެސް ހުޅަނގު މޫސުމުގައި ފަޅު ބޭނުންކުރުމަށް ދަތިވާކަމުގައި ރައްޔިތުން ހާމަކުރެއެވެ. ވަފުދުން ޒިޔާރަތް ކުރި ގެއެއްގެ އަންހެނަކު ކިޔައިދިން ގޮތުގައި ކުރީގެ އެޓޯލްސް މިނިސްޓަރ ވަހީދުއްދީނު މިރަށަށް ޒިޔާރަތްކޮށް ރައްޔިތުން ބޭނުންވަނީ ދިގަށް އޮންނަ ފަޅޭއްތޯ ފުޅާކޮށް އޮންނަ ފަޅެއްތޯ އަހާފައި މިއަހަރު ނިމުމުގެ ކުރިން ފަޅުކޮނެ ނިންމާނެކަމަށް ވިދާޅުވެފައިވެއެވެ. ވަހީދުއްދީނުގެ ނުފުއްދުނު ނަދުރުތަކުގެ ތެރޭގައި މިލަންދޫއަށް މީހުން ވަޅުލެވޭނެ ގަބުރުސްތާނެއް ހަދައިދޭނެކަމަށް ވިދާޅުވުން ހިމެނޭ ކަމުގައި އޭނާ ކިޔައިދިނެވެ. އޭނާ ވަހީދުއްދީނު ސިފަކޮށްފައިވަނީ “ނަގޫ ފަޅާފައި ހުރި އެއްޗެއް”ގެ ގޮތުގައެވެ.

މިލަންދޫގެ ރައްޔިތުންނަށް ސަރުކާރުން އަޅާނުލާކަމުގެ އަނެއް ހެއްކެއްގެ ގޮތުގައި އެރަށުގެ ގެތަކަށް ޒިޔާރަތްކުރި ޓީމުތަކަށް ފާހަގަކުރެވުނީ އަންހެނުންގެ މިސްކިތެއް ނެތުމާއި 2000 މީހުން އުޅޭ ރަށެއްގައި 500 މީހުންނަށް އެރޭވަރުގެ ކުޑަ މިސްކިތެއް ހުރުމެވެ. “ލުބުނާވެސް މިރަށަށް އައިސް ކޮންކަމެއްހޭ ބޭނުމީ ބުނީމަ އަހަރެން ބުނިން ރަށުގެ ދެކުނުކޮޅުގައި އަންހެނުންގެ ނަމާދުގެޔެއް އަޅައިދޭށޭ” ހާއްސަ މަޖިލީހުގެ މިއަތޮޅުގެ މެމްބަރުންގެ ހުވަފެނީ ވައުދުތައް ސާފުކޮށްދެމުން މިލަންދޫގެ ރައްޔިތެއް ބުންޏެވެ. މީގެ އިތުރަށްވެސް ވަޒީފާގެ ފުރުސަތު ރަށުން ނުލިބުމުގެ ސަބަބުން ރަށުގެ އަންހެނުން ކުރާނެ ކަމެއްނެތިފައި ގޭގައި ތިބެންޖެހުމުގެ މައްސަލަ އެމީހުން ވަރަށްބޮޑަށް ފާހަގަކުރެއެވެ.
މިރަށުގެ ރައްޔިތުންގެ މެދުގައި ދެނިޒާމާއި ބެހޭގޮތުން މައުލޫމާތު ކުށްވެފައި ހުރިނަމަވެސް މައުލޫމާތު ދިނުމުން ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރިވެފައިވާކަން ފާހަގަކުރެވެއެވެ. ރައްޔިތުންގެ ތެރެއިން ބޮޑު ނިސްބަތެއް ބަރުލަމާނީއަށް ތާއީދުކުރާނެ ކަމަށް އެންމެ ފަހުގެ މަސައްކަތަށްފަހު ޓީމުތަކުން ހަބަރު ދެއެވެ. މިލަންދޫއަށް ޑީއާރުޕީގެ ލީފުލެޓްތައް ބަހާ ރައްޔިތުން އޮޅުންބޮޅުން ކޮށްފައިވާލެއް ބޮޑުކަމުން ވަފުދުގެ އިސްފަރާތްތަކުން މާދަމާ މެންދުރާއި ހަމަޔަށް މިލަންދޫގައި ތިބުމަށް ވިސްނަމުން އެބަދެއެވެ. ބަރުލަމާނީ ޓީމު މިލަންދޫން ދެން ދާނީ މިއަތޮޅު ނަރުދޫއަށްކަމަށްވެސް މައުލޫމާތު ލިބެއެވެ.